އިންތިހާބަށް ލަޝްކަރުތައް އެތުރެމުންދާ އިރު އުމަރު އެއްފަރާތެއްގައި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕާޓީތަކުގެ ފަރާތުން ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅާ އިންތިހާބަށް ސަފުތައް ރުކުރުވާލަމުންދާ އިރު އެއްފަރާތެއްގައި މަންޒަރު ބަލަން ހުންނެވި ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމުން މިއަދު ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅޫވީ ސިޔާސީ މަސްރަހުން މިދޭތެރެއިން މުޅިންހެން އަޑު ކެނޑިގެން ދިޔައީ ރާއްޖެއިން ބޭރުގައި އުޅުމުން ކަމަށެވެ. އުމަރު ވިދާޅުވީ މިހާރު އިންތިޒާރު ކުރަމުންދަނީ ޕީޕީއެމްގެ ޕްރައިމަރީއާއި ގުޅޭ ގޮތުން އޭނާ ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާއި މެދު ގޮތެއް ނިމެންދެން ކަމަށެވެ.
"އެމައްސަލަ ނިމުމުން ދެން ކުރިއަށްދާންވީ ގޮތެއް އަޅުގަނޑަށް ސާފުވާނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަދިވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރުމަށް ފުޅާ ކޯލިޝަނެއް ބޭނުންވާ ކަމަށެވެ. ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކަށް ފުޅާ ކޯލިޝަނެއް ހޯއްދަވައިދެއްވުމަށް މީގެ ކުރިން ވެސް މަސައްކަތް ކުރެއްވި އުމަރު ވިދާޅުވީ އަދި ވެސް އޭނާގެ ސްޓޭންޑަށް ބަދަލެއް ނުގެންނަ ކަމަށެވެ. އުމަރުވަނީ ޖީއެމްއާރު މައްސަލާގައި ރައީސް ވަހީދުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީއަށް ފާޑު ވިދާޅުވެފައެވެ.
"ތަސްމީނެކޭ ޔާމީނެކޭ ޝާހިދެކޭ،އިބްރާހީމު ހުސައިން ޒަކީއެކޭ ނެތް ތަފާތެއް. ހުސް ލަނޑާ، އެއްގަލަކުން ފެހިކާ ލަނޑާ ފަހަރެއްގަ ކުލަ ތަފާތު ވެދާނެ. ކޮންމެ ކުލައެއްގައި ހުއްޓަސް އަޅުގަނޑަކަށް ނުއެއް އޮޅޭނެ. އެގަލަކީ ކޮބައިހޭ އަހައިފިއްޔާ އެންމެންނަށް ވެސް އެނގޭ އެއީ ދައުލަތުގެ ހަޒާނާ ކަން،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ ތަސްމީނަށް ރައީސް ވަހީދުގެ ރަނިން މޭޓުކަން ދޭ ނަމަ އެކަމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވެފައެވެ.
"އަދި މާ އަވަސް އެއްޗެއް ބުނަން، މަޑު ކުރަނީ އެހެނިހެން ކުޅިތައް އެތުރެމުންދާ ގޮތެއް ބަލަން، މިހާރު މިދަނީ ނިއުޅެމުން،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ