ޖުޑީޝަލް ކައުންސިލަށް ސުޕްރީމް ކޯޓުން އައްޔަން ކުރާ ފަނޑިޔާރަކަށް އަބްދުﷲ ސައީދު
ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ޖުޑީޝަލް ކައުންސިލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރަކަށް، ފަނޑިޔާރު އަބްދުﷲ ސައީދު ހަމަޖައްސައފި އެވެ.އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ކައުންސިލަށް އަބްދުﷲ ސައީދު އައްޔަން ކުރުމުން ކޯޓުތަކުގެ ގާނޫނުގެ 81 ވަނަ މާއްދާ ދަށުން އުފެދިފައިވާ ޖުޑީޝަލް ކައުންސިލް އެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނާއެކު އެކުލެވިގެން ދިޔައީ އެވެ.ކޯޓުތަކުގެ ގާނޫނުގެ 83 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރު ބުނާ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރުންގެ ތެރެއިން އެބޭފުޅުން އައްޔަންކުރައްވާ ފަނޑިޔާރަކު ޖުޑީޝަލް ކައުންސިލްގައި ހުންނަންވާނެ އެވެ. އެ މާއްދާގެ (ހ) ގެ އަށް ވަނަ ނަމްބަރުގެ ދަށުން ޖުޑީޝަލް ކައުންސިލްގެ މެންބަރުކަމަށް ރާއްޖޭގެ އުތުރުގެ ޖުޑީޝަލް ދާއިރާއިން މެޖިސްޓްރޭޓަކާއި، ދެކުނުގެ ޖުޑީޝަލް ދާއިރާއިން މެޖިސްޓްރޭޓަކު އައްޔަން ކުރާނީ އުއްތަމަ ފަނޑިޔާރާއި، ހައިކޯޓުގެ އިސް ފަނޑިޔާރު އެއްބަސްވެވަޑައިގަންނަވާ ގޮތެއްގެ މަތިންނެވެ.ސުޕްރީމް ކޯޓުން ބުނީ އެ ދެ މެޖިސްޓްރޭޓުން ޢައްޔަންކުރުމަށް އުއްތަމަ ފަނޑިޔާރާއި ހައިކޯޓުގެ އިސް ފަނޑިޔާރު މަޝްވަރާތައް ކުރައްވަމުން ވަޑައިގަންނަވާ ކަމަށެވެ.ޖުޑީޝަލް ކައުންސިލް އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރާ ފަނޑިޔާރަކާއި ހައިކޯޓްގެ އިސް ގާޒީ އާއި ސިވިލް ކޯޓްގެ އިސް ގާޒީ އާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އާއި ފެމިލީ ކޯޓްގެ އިސް ގާޒީ އާއި ޖްވެނައިލް ކޯޓްގެ އިސް ގާޒީ އާއި ރާއްޖޭގެ އުތުރުގެ ޖުޑީޝަލް ދާއިރާއިން މެޖިސްޓްރޭޓަކާއި ދެކުނުގެ ޖުޑީޝަލް ދާއިރާއިން މެޖިސްޓްރޭޓެކެވެ. ޖުޑީޝަލް ކައުންސިލަކީ، ގާނޫނު އަސާސީ އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ކޯޓުތަކުން ހަދަންޖެހޭ ގަވައިދުތައް އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓަކުން އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށް މަގު ފަހިކުރަން އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ