ހަސަން މުހައްމަދު އަދި އަހުމަދު ހަމްދޫން
ކަރަންޓް އަގު ބޮޑުކުރުމާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ޑީއާރުޕީން އިސްނަގައިގެން ދެ ރޭ މަތިން މާލޭގައި ބޭއްވި މުޒާހަރާތައް މެދުކަނޑާލީ ރައީސް މުހައްމަދު ނަޝީދުގެ އިއްޔެގެ ރޭޑިޔޯ ތަގުރީރުގައި ދެއްކެވި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނަށް ވަގުތު ދެއްވުމުގެ ގޮތުން ކަމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ރޭޑިޔޯ ތަގުރީރުގައި ވިދާޅުވެފައި ވަނީ ކަރަންޓު ބިލު ދައްކަން ދަތިވާ މީހުންނަށް ސަބްސިޑީ ދިނުމުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ކަރަންޓު ސަބްސިޑީ ދިނުމުގެ ކަންކަން އަދި އޮތީ ރަނގަޅަށް ހަމަނުޖެހި ކަމަށެވެ. އަދި އެ މަނިކުފާނު މިދިޔަ ބުރާސްފަތި ދުވަހު އުފެއްދެވި ޓާސްކް ފޯހުން އެ ކަންކަން ބަލަމުން އަންނަ ކަމަށާއި މާލޭގެ އިތުރުން އެހެން ރަށްރަށަށް ވެސް ސަބްސިޑީ ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ތަސްމީން ވިދާޅުވީ ކަރަންޓުގެ އަގު ރައްޔިތުންގެ އަތްނުފޯރާ ފަށަށް ދިއުމާ ގުޅިގެން ސަބްސިޑީ ދިނުމުގެ ކަންކަން ގޮސްފައި ވަނީ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން އެކަމަށް ވަގުތު ދެއްވުމަކީ ބޭނުންތެރިކަމެއް ކަމަށް ޑީއާރުޕީން ދެކޭ ކަމަށެވެ.
"ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެކަންކަން ރަނގަޅު ކުރުމުގެ އިޝާރާތެއް ރައީސް ދެއްވި. އަދި މިހާތަނަށް ކަންކަން ގޮސްފައި ވަނީ ހިތްހަމަޖެހޭ ގޮތަކަށް ނޫން ކަމަށް ވެސް އެވަނީ ވިދާޅުވެފައި. އެހެންވީމަ އެކަންކަން ރަނގަޅު ކުރުމަށް ވަގުތު ދިނުމަކީ ވަރަށް ރަނގަޅު ގޮތެއް ކަމަށް އަޅުގަނޑުމެންނަށް ފެނުނީ. އެހެންވެ ރެއިން ފެށިގެން އަޅުގަނޑުމެންގެ މުޒާހަރާތައް މެދުކަނޑާލީ،" ޑީއާރުޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ވެސް ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު ތަސްމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓްގެ އަގުތައް ބޮޑުވުމާ ގުޅިގެން ޑީއާރުޕީން ފެށި މުޒާހަރާތައް މެދުކަނޑާލި ނަމަވެސް ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ރިވިއު ކުރަމުންދާނެ ކަމަށެވެ.
"ކަރަންޓުގެ މައްސަލައިގައި ސަރުކާރުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށް ވަންޏާ އަނެއްކާވެސް އަޅުގަނޑުމެން މުޒާހަރާތައް ފަށާނަން. އަޅުގަނޑުމެންގެ ގޮވާލުމަކީ ރައްޔިތުންގެ އަތްފޯރާ ފަށަށް ކަރަންޓުގެ އަގު ގެނެސް ދެއްވާށޭ. ރައީސް ނަޝީދު ވެވަޑައިގެންނެވި ވައުދު ފުއްދަވައި ދެއްވާށޭ. އެކަމަށް ގޮވާލައި ސަރުކާރު ޖަވާބުދާރީ އަޅުގަނޑުމެން ކުރުވާނަން. އަޅުގަނޑުމެންނަށް މިކަމުގައި އޮތީ ސަރުކާރު ޖަވާބުދާރީ ކުރުވުން،" ތަސްމީން ވިދާޅުވި އެވެ.
ކަރަންޓުގެ އަގު ބޮޑު ކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ޑީއާރުޕީން އިސް ނަގައިގެން އިއްޔެ ރޭ މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުން ވަނީ ފެން ޖެހުމުގެ އިތުރުން ކަރުނަ ގޭސް ޖަހައިގެން އެ މުޒާހަރާ ރޫޅާލައިފަ އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާދީފައިވެ އެވެ.
ތަސްމީން ވިދާޅުވީ ފުލުހުން މުޒާހަރާ ރޫޅާލާފައި ވަނީ އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
"މުޒާހަރާ ކުރި މީހުން މީހަކަށް، ތަނަކަށް، މުދަލަކަށް ގެއްލުން ދިނީއެއް ނޫން. ހަމަނުޖެހުމެއް އުފައްދާފައި ނެތް. އެފަދަ ގޮތަކަށް ސުލްހަވެރިކަމާ އެކު ތަނަކަށް އެއްވެ ތިބެ އަޑުއުފުލި ބަޔަކާ ދެކޮޅަށް ބޭނުންކޮށްފައި ވަނީ އާދަޔާ ހިލާފު ބޮޑެތި ބާރުތަކެއް. މުޒާހަރާ ކުރި މީހުން އަނިޔާވެރި ކަމުގެ އެއްވެސް ކަމެއް ނުކުރަނީސް އެފަދަ ބޮޑެތި ބާރުގެ ބޭނުން ކުރުމަކީ ހިތާމަކުރާ ކަމެއް،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީން ބުނަނީ ކަރަންޓުގެ އަގު ތިރި ނުވަނީސް މުޒާހަރާތައް ނުހުއްޓާނެ ކަމަށެވެ. އެ ވައުދާ އެއްގޮތަށް ރޭ ވެސް ލޮނުޒިޔާރަތްކޮޅަށް ޑީއާރުޕީން އިސްވެ ތިބެ އިންތިޒާމް ކުރި މުޒާހަރާއަށް ގިނަ އަދަދެއްގެ މީހުން އެއްވި އެވެ. މި މުޒާހަރާގަ ވެސް މަޖިލީހުގެ ބައެއް މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.
އެ މުޒާހަރާގެ ވަކި ހިސާބަކުން ބަޔަކު މީހުން ގޮސް އެއްވެ ތިބި މީހުންނާ ދިމާލަށް ވަނީ ކުކުޅު ބިސް އުކައިފަ އެވެ. އަދި މުޒާހަރާ ނިންމާލި ފަހުން ބަޔަކު މީހުން ގޮސް ލޮނުޒިޔާރަތް ކޮޅުގައި ހުރި މީހެއްގެ ގައިގައި ވަނީ ތަޅައިގެންފަ އެވެ.
ޑީއާރުޕީން އިސް ނަގައިގެން ރެއާއި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ދެ މުޒާހަރާގައި ވެސް ބައެއް އެހެން ޕާޓީތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ.
"ކަރަންޓުގެ އަގު އަތް ނުފޯރާ ފަށަށް، ރައްޔިތުން ރަތަށް" ނަމުގައި ބޭއްވި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާ އެ ރޭ ނުވައެއް ޖެހިއިރު ލޮނުޒިޔާރަތް ކޮޅުގައި ފެށީ ޑީއާރުޕީއާ ބައެއް އެހެން ޕާޓީތަކުގެ ވެރިން ވާހަކަ ދެއްކުމަށްފަހު އެވެ. ދެ ލޮރީއާ އެކު މުޒާހަރާގެ ގިނަ އަދަދެއްގެ ބައިވެރިން ފުރަތަމަ މިސްރާބު ޖެހީ ސްޓެލްކޯއާ ދިމާލަށެވެ. ކުޑަކުދިންގެ ޕާކު ކައިރިން ސްޓެލްކޯއާ ދިމާލަށް ނުދެވޭނެހެން ފުލުހުން މަގު ބަންދުކޮށްލައިފައި އޮތުމުން މުޒާހަރާގެ ބައިވެރިން ދިޔައީ މަގު ބަންދު ކުރުމަށް ޖަހާފައި ހުރި އެއްޗެހި އެއްކައިރި ކުރުމަށް ފަހު އެވެ. އެ މީހުން ހުއްޓުވާކަށް އެތާނގައި ތިބި އާދައިގެ ޔުނީފޯމް ލައިގެން ތިބި ފުލުހުންނެއް ނޫޅެ އެވެ.
މުޒާހަރާ ކުރި މީހުން ފުލުހުން ހުއްޓާފައި ވަނީ ސްޓެލްކޯއާ ވަރަށް ކައިރިން "ކެފޭ މިނޯން" ކުރިމަތިން ސްޓެލްކޯއާ ގާތްގަނޑަކަށް 65 ވަރަށް ފޫޓު ދުރުންނެވެ. ފުލުހުންގެ ސަފުތަކުގެ ކުރިމަތިން ކުޑަ ލޮރީއެއްގައި މުޒާހަރާ ލީޑުކުރަން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާނާއި ޑީއާރުޕީގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމުގެ އިތުރުން ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ އިތުރުން ޕީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.
މުޒާހަރާގެ ބައިވެރިން އެތަނަށް ހުއްޓުމާއެކު އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދެމުން ދިޔަ އެވެ. އެ ސަރަހައްދަށް އެއްވުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް އުނދަގޫވެ ޝަކުވާ ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ އެންގުމާ އެއްގޮތަށް އެ ސަރަހައްދު ދޫކޮށް ނުލައިފި ނަމަ ގާނޫނީ ގޮތުން ފުލުހުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާނެ ކަމަށް ވެސް ފުލުހުން ގޮވަމުންދިޔަ އެވެ.
ފުލުހުންގެ އިންޒާރުތަކާ އެއްވަރަށް މުޒާހަރާ ލީޑު ކުރަން ތިއްބެވި ބޭފުޅުން ވެސް ދިޔައީ އިންޒާރު ދެއްވަމުންނެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ އެ ސަރަހައްދުގައި އެ ވަގުތު މުޒާހަރާ ކުރުމަކީ އެބޭފުޅުންނަށް ގާނޫނު އަސާސީގެ ދަށުން ލިބިފައިވާ ހައްގެއް ކަމަށާއި އެ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މުޒާހަރާ ހުއްޓާލާނީ ކަރަންޓުގެ އަގު ކުޑަ ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމުން ކަމަށެވެ.
މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ކަރުނަ ގޭހާއި ޕްރެޝަރުގައި ފެންޖަހަން ފެށީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުގައި ތިބޭތާ ދެ ގަޑިއިރެއްހާ އިރު ފަހުން ދަންވަރު 15: 1 ގަ އެވެ. އެންމެ ފުރަތަމަ ވެސް ފެން ޖަހަން ފެށީ މުޒާހަރާ ލީޑު ކުރާ ބޭފުޅުން ތިއްބެވި ލޮރީއަށެވެ. ޕްރެޝަރުގައި ފެން ޖަހަން ފެށުމުން ލޮރީގައި ތިއްބެވި ބޭފުޅުން ތިރިވި ނަމަވެސް ނިހާން ކޮޅަށް ތެދުވެވަޑައިގެން ދެ އަތަށް ފުޅާ ކުރައްވައި "ފެން ޖަހާށޭ" ވިދާޅުވާ ފަދަ ގޮތަކަށް އިޝާރާތް ކުރެއްވި އެވެ. ފުލުހުންގެ ފެން ލޮރީއިން ޕްރެޝަރުގައި ޖެހި ފެން ނިހާނުގެ ބަނޑަށް ވެސް އަމާޒުވި އެވެ.
ފެނާއި ކަރުނަ ގޭސް ޖެހުމާއެކު މުގުރާއި ޝީލްޑް ހިފައިގެން ތިބި ފުލުހުން ގިނަ އަދަދެއްގެ އަންހެނުން ވެސް ބައިވެރިވި އެ މުޒާހަރާގެ ތެރެއަށް ވަދެގަނެ މުގުރުން ހަމަލާދީ މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ފޮނުވާލައި ބައެއް މީހުން ހައްޔަރު ކުރަމުން ދިޔަ އެވެ. ފަހަތުން ދުވެފަ ގޮސް ބައެއް މީހުން ދަތި އަޅުވައި ވައްޓާލައި އެ މީހުންގެ ގައިގައި ގިނަ އަދަދެއްގެ ފުލުހުން މުގުރުން ތަޅައި ހަމަލާދިން ތަން ވެސް ހަވީރުގެ ރިޕޯޓަރުންނަށް ވަނީ ފެނިފަ އެވެ. އޭރު މެންބަރު އަލީ ވަހީދާއި މަހްލޫފާއި ޖަމާލާއި މުޒާހަރާގެ ބައެއް އެހެން މީހުން ތިބީ މަގުމައްޗަށް ވެއްޓިފަ އެވެ. އަލީ ވަހީދު އެތަނުން ނެގުމަށް ފުލުހުން މަސައްކަތް ކުރި އެވެ. އެކަމަކު އޭނާ ކައިރީގައި ހުންނެވި މެންބަރު އާޒިމް ވިދާޅުވަމުން ގެންދެވީ އަނިޔާވެފައި އޮއްވާ އެގޮތަށް ނުނެގޭނެ ކަމަށާއި އެމްބިއުލާންސަކަށް ގުޅުމަށެވެ. އަލީ ވަހީދު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެމްބިއުލާންސެއްގަ އެވެ.
އާންމުންގެ އިތުރުން ބައެއް ފުލުހުންނަށް އަނިޔާވެގެން އެމަޖެންސީގައި ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބޯ ފަޅައިގެން ގޮސްފައި ހުރި އަންހެން ފުލުހަކާއި ކުރިމަތިފަރާތަށް އަނިޔާވެގެން ގެންދިޔަ ފިރިހެން ފުލުހަކު ހިމެނެ އެވެ.
"ކަރަންޓުގެ އަގު އަތްނުފޯރާ ފަށަށް، ރައްޔިތުން ރަތަށް" މުޒާހަރާގެ ފުރަތަމަ ރޭ ހަމަނުޖެހުންތަކަކަށް ފަހު ނިމުނު އިރު މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް ޖުމްލަ 13 މީހަކަށް ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ. އަލީ ވަހީދުގެ ބުރަކަށި ނޫފައިގެން އުނަގަނޑު ހަލާކުވެފައިވާ ކަމަށް ޑީއާރުޕީން ބުންޏެވެ. މަހްލޫފުގެ ކަރަށް އަނިޔާވެ ފަރުވާދިން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މެންބަރު އަލީ އާރިފާއި ޖަމާލަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް ޑީއާރުޕީން ބުންޏެވެ. ބައެއް މީހުންނަށް ބައެއް ޒަހަމްތައް ލިބި ލޭފޭދިގެން ދިޔަ މަންޒަރު ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަނުން ވެސް ދެއްކި އެވެ.
ހޮސްޕިޓަލުން ފަރުވާދިން އެކަކު ފިޔަވައި އެހެން އެންމެން އިއްޔެ ދޫކޮށްލާފައިވާ ކަމަށް ޑީއާރުޕީން ބުންޏެވެ. ނަމަވެސް ފުލުހުން ކަރަންޓު މުގުރަކުން ހަމަލާދިނުމުން އަނިޔާވި އެކަކުގެ އުނަގަނޑުން ތިރި ވާގިނެތި ވަރަށް ސީރިއަސް ކަމަށް ޑީއާރުޕީން ބުނެ އެވެ. ނަމަވެސް ކަރުނަ ގޭހާއި ފެނުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ބޭނުން ނުކުރާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ކުރިމަތިލުމަށްފަހު ފުލުހުންގެ 16 މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ.
އެ މުޒާހަރާ ނިމުނުއިރު ހެންވޭރު ވިލީ ފުލުހުގެ ބިއްލޫރިތަކާއި ސްޓެލްކޯގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅާލައިފަ އެވެ.
ކަރަންޓުގެ އަގު ބޮޑުވުމާ ދެކޮޅު މުޒާހަރާތައް މެދުކަނޑާލީ ސަރުކާރަށް ވަގުތު ދިނުމަށް: ތަސްމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ