އަމީނީގޭގައި އަޅާ 16 ބުރީގެ ހޮޓަލުގެ މައްސަލަ: ހޮޓަލުގެ މަސައްކަތް ހުއްޓުވައި، ގެއްލުމުގެ ބަދަލުގެ ނަގައި ދިނުމަށް އެދި އަތިރީހުރާ އިން

ޑީޕްޕައިލް ކޮށްގެން ހ. އަމީނީގޭގައި 16 ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް ކުރާއިރު، ހ. އަތިރީހުރާ އަށް ގެއްލުންތައް ލިބެމުންދާތީ އެ މަސައްކަތް ހުއްޓުވައި ދިނުމަށް އެދި އެގޭގެ ވެރި ފަރާތް، އަމީން ފައިސަލް މާލޭ ހޮޓެލް މައްޗަށް ދައުވާކޮށްފި އެވެ.
އަމީނު ފައިސަލްގެ ފަރާތުން މިއަދު މަދަނީ ކޯޓަށް ވަޑައިގެން މިއަދު ދައުވާ ކުރެއްވީ ގާނޫނީ ވަކީލު އިދުހާމް މުއިއްޒު އަދުނާނެވެ.
އެ ދައުވާގައި އޭނާ މިއަދު ވިދާޅުވީ ހ. އަތިރީހުރާގައި އަމީން ފައިސަލް ހަ ބުރީގެ އިމާރާތެއް ހަދާފައިވާ ކަމަށާއި އެ ގެއާ ޖެހިގެން ހުންނަ ހ. އަމީނީގޭގައި މާލޭ ހޮޓެލް އިން 16 ބުރީގެ އިމާރާތެއް އެޅުމަށް ބިމު އަޑީގެ 150 ފޫޓަށް 250 ދަގަނޑުގެ ޑީޕް ޕައިލް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާގެ ހަ ބުރީގެ އިމާރާތަށް އެކި ގެއްލުންތައް ވެ އިމާރާތް އަރި އަޅާލާފައިވާއިރު އޭނާގެ ޒިންމާގައިވާ ފުރާނަތަކަށް ނުރައްކާވެފައިވާ ކަމަށެވެ. ހޮޓާ އަޅަމުންދާ އަމީނީގެ އަކީ އަމީނު ފައިސަލްގެ ކޮއްކޮ ޑރ. ފަރަހަނާޒް ފައިސަލްގެ ގެ އެވެ.
"އެހެންވީމާ އަމީން ފައިސަލްގެ ފަރާތްޕުޅުން އަޅުގަނޑު މި އެދެނީ އަމީނީގޭގައި ކުރާ އިމާރަތުގެ މަސައްކަތް ހުއްޓުވައި، އަތިރީހުރައަށް ލިބިފައިވާ ގެއްލުންތަކާއި ލިބެމުންދާ ގެއްލުންތައް އަންދާޒާކޮށް ބަދަލު ހޯދުމަށް،" އިދުހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭ ހޮޓެލް އިން އަމީނީގޭގައި މަސައްކަތް ކުރަމުންދަނީ އަވައްޓެރިންނަށް އެއްވެސް ބަލައިލުމެއް ނެތި ސަރުކާރުގެ ގަވައިދުތަކާ ހިލާފަށް ކަމަށާއި އެ މަސައްކަތުގައި އަމީން ފައިސަލްގެ ގެދޮރާއި މިލްކުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.
"އެބޭފުޅުން އެއީ ކޮސްމެޓިކް ގެއްލުމެކޭ އޮޓޮމެޓިކޭ ކިޔަސް އިއްޒަތްތެރި ކަމަނާފާނު ވަޑައިގެން ބައްލަވާ، ވެފައިހުރި ގެއްލުންތައް އެހެރީ ފެންނާން. އަމީން ފައިސަލްގެ ޒިންމާފައިވާ ފުރާނަތަކަށް ވަނީ ނުރައްކާވެފައި. މިކަމުގައި ބަލަންވީ ގޯތިގެދޮރުގެ ހުރުމަތަށް. މަންފާއަކަށެއް ނޫން،" ގާޒީ އައިޝަތު ޝުޖޫން އަށް އިޝާރާތް ކުރައްވައި އިދުހާމް ވިދާޅުވި އެވެ.
މި މައްސަލައިގައި މާލޭ ހޮޓެލްގެ ވަކީލު މުހައްމަދު އިބުރާހިމް މިއަދު ވިދާޅުވީ އަމީނީގޭގެ މައްސަލައިގައި ޝަކުވާތައް އެ ކުންފުންޏަށް ލިބިފައިވާ ކަމަށާއި އެކަން ބެލުމަށްޓަކައި ސިވިލް އިންޖިނިއަރުންގެ ޓީމަކުން ކުރާ ސާވޭ އަންނަ އާދީއްތައާ ހަމައަށް ކުރިއަށް ދާތީ އެ ސާވޭ ނިމުމަށް ފަހު ދައުވާ އަށް ޖާވާބުދާރީވުމުގެ ފުރުސަތަކަށް އެދޭ ކަމަށެވެ.
ގާޒީ، ޝުޖޫން ވިދާޅުވީ އެ ސާވޭގެ ރިޕޯޓް ވެސް ކޯޓަށް ބޭނުންވާނެ ކަމަށާއި ކޯޓަށް ފެންނަނީ މި ކަމުގައި މިނިވަން ބަޔަކު ލައްވައި ސާވޭއެއް ކުރުމަށް ކަމަށެވެ. އަދި އެފަދަ ސާވޭއެއް ކުރާ އާންމު ގޮތަކީ ދައުވާ ލިބޭ ފަރާތުން އެ ހަރަދު ހިފުން ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އަމީން ފައިސަލްގެ ފަރާތުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
"އެހެންވީމާ ދެފަރާތުން ވެސް އެފަދަ އިންޑިޕެންޑެންޓް ސާވޭއެއް ކުރުމަށް ހުށަހަޅާ ލިސްޓް ގެނެސްދެއްވާ. ޝަރީއަތުން ވަކި ބައެއް ޗޫސް ކުރާނީ. އަދި މިހާރު ކުރާ ސާވޭގެ ރިޕޯޓު ވެސް ބޭނުންވޭ ކޯޓަށް ތަކެތި ހުށަހަޅާ އުސޫލުން ދިވެހި ބަހުން. އޭގެ ކުރިން އިނގިރޭސި ބަހުން އޮތިއްޔާ އެވެސް ބޭނުން،" ޝަރީއަތުގެ މަޖިލީހުގައި އާންމުކޮށް ގިނަ އިނގިރޭސި ބަސްތައް ބޭނުންކުރައްވާ އަންހެން ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި އިދުހާމު ވަނީ މިއަދުން މިއަދަށް ވެސް އަމީނީގޭގެ މަސައްކަތް ހުއްޓުވައި ދޭން އެދިވަޑައިގެންފަ އެވެ. ނަމަވެސް މާލޭ ހޮޓެލްގެ ވަކީލު ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ. އެއަށް ޖާވާބުދާރީވަމުން ގާޒީ ވިދާޅުވީ ވަގުތީ އަމުރެއް ނެރެން ބޭނުން ނަމަ އޮންނަ އުސޫލުގެ މަތިން އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ