ޑީއާރުޕީގެ އާންމު ޖަލްސާ: މިއުޒިކް ކުޅުމާއި ލަވަ އަޑުއެހުން ހަރާމެއް ނޫން: ރައީސް މައުމޫން

މިއުޒިކް ކުޅުމާއި ލަވަ ކިއުމާއި ލަވަ އަޑު އެހުމަކީ އިސްލާމްދީނުގައި ހަރާމް ކަންތައްތަކެއް ނޫން ކަމަށާއި އެގޮތަށް ވާހަކަ ދައްކާ މީހުންގެ ބޭނުމަކީ ދީނީގޮތުން ބައިބައިވުން އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އިމާދުއްދީން ސްކޫލުގައި ރޭ ބޭއްވި ޑީއާރުޕީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މިއުޒިކް އެހުމާއި މިއުޒިކް ކުޅުމާއި ލަވަ ކިޔުމާއި ލަވަ އަޑު އެހުމަކީ ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ކޮށްފައިވާ ކަންތައްތަކެއް ކަމަށާއި އެހެންކަމުން އެއީ ހަރާމް ކަންތައްތަކެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ.
"ރަސޫލާ އިންނެވި ތަނެއްގައި، އޮންނެވި ތަނެއްގައި އެކަން މީހުން ވަނީ ކޮށްފައި. އެކަން މަނަލެއް ނުކުރައްވާ. އެއިން އެނގޭ އެއްޗަކީ އިސްލާމްދީނުގައި ލަވަ ކިއުމާއި މިއުޒިކް ކުޅުމާއި މިއުޒިކް އެހުމާއި މި ކަންތައްތަކީ ހަރާމް ކަންތައްތަކެއް ނޫންކަން. ކޮންމެ ކަމެއް ވެސް ހަރާމްވާނެ ހައްދުފަހަނަޅައި ގޮސްގެން ނުބައި މަގަކުން ދަންޏާ. ފޮތް ލިއުމަކީ ޝައްކެތް ނެތް އެއްވެސް މީހަކު ނުބުނާނެ ހަރާމްކަމެކޭ. މީހުންނަށް މައުލޫމާތު ދިނުމަށް ފޮތް ލިޔުމަކީ ރަނގަޅު ކަމެއް. އެހެން ނަމަވެސް ނުބައި މަގުސަދެއްގައި ގޯސް ވާހަކަތަކެއް ލިޔެފިއްޔާ އެ ވާނީ ހަރާމް ކަމަކަށް. ހަމަ އެގޮތަށް މިއުޒިކް، ލަވަ މި ހުރިހާ އެއްޗެއްގައި ވެސް ރަނގަޅު ބޭނުން ކުރެވޭނެ. ނުބައި ބޭނުން ވެސް ކުރެވޭނެ. އެހެންވީމަ ރަނގަޅު ބޭނުންކުރުމަކީ ހަރާމް ކަމެއް ނޫން. ނުބައި ބޭނުންކުރުމަކީ އެއީ ކޮންމެ ވަސީލަތެއް ބޭނުންކުރި ކަމުގައި ވިޔަސް ހަރާމް ކަމެއް،" ރައީސް ވިދާޅުވި އެވެ.
ދީނީ ގޮތުން އެކި މީހުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތަކަށް އިޝާރާތް ކުރައްވަމުން ކީރިތި ޤުރުއާނުން ދަލީލު ދައްކަވަމުން ރައީސް ވިދާޅުވީ، ތުނބުޅި ބޭލުމާއި އަންހެނުންނާ ފިރިހެނުން ސަލާމްކުރުމާއި ފަތިސް ނަމާދުގައި ގުނޫތު ކިއުމަކީ ހަރާމް ކަންތައްތަކެއް ނޫން ކަމަށެވެ.
"ގުނޫތު ކިއުމަކީ ހަރާމް ކަމެއް ނޫން. ބިދުއައެއް ނޫން. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ގުނޫތު ވިދާޅުވި ކަމަށް ސައްހަ ހަދީސުން ސާބިތުވާން އެބައޮތް. ދެން ކޮން ވާހަކައެއް ދައްކަންތޯ؟ އެ މީހުން ބުނެފާނެ މިއުޒިކް އެހުމާއި މިއުޒިކް ކުޅުވައި ލަވަ ކިއުމާއި ލަވަ އެހުމަކީ ހަރާމް ކަމެކޭ. އެހެރީކީ ހަރާމް ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އެހެން ދީންތަކުގެ މީހުންނާއެކު ގުޅުން ބަދަހިކޮށް، ގުޅުން ބޭއްވުމަކީ އެއްވެސް ހާލެއްގައި ހަރާމް ކަމެއް ނޫން ކަމަށާއި އެގޮތަށް މީހުން ވާހަކަ ދައްކަމުންދަނީ އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކީރިތި ޤުރުއާނުގެ އަލީގައި ދަލީލު ދައްކަވަމުން ވިދާޅުވީ ދީނަށްޓަކައި ހަނގުރާމަ ނުކުރާ، ގެދޮރުން ބޭރުކޮށްނުލާ އެހެން ދީންތަކުގެ މީހުންނަށް ހެޔޮކޮށް ހިތައި އިހުސާންތެރިވެ، އަދުލުވެރިވުމަކީ މާތް ﷲ މަނާކުރައްވައިފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ޒަމާނުގައި އެކަން އެގޮތަށް ކުރައްވާފައިވާކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އެ މީހުން އެ ބުނާ ހަރާމް ކަންތައްތައް، މިސާލަކަށް ތުނބުޅި ބޭލުން، ގުނޫތު ކިޔުން، މިއުޒިކް ކުޅުން، ބިދޭސީންނާ ގުޅުން ބަހައްޓާ މީހުންނަކީ ކާފަރުން ކަމަށް ބުނޭ. މިވެސް ރާއްޖޭގައި އެކަންޏެއް ނޫން އިނގޭތޯ! މި ޖަމާއަތަކީ އިސްލާމީ ބައެއް ގައުމުތަކުގައި އުފެދިގެން އުޅޭ ޖަމާއަތެއް. އެއަށް މި ކިޔަނީ ޖަމާއަތުއް ތަކްފީރު ވަލް ހިޖުރަ. މީހުން ކާފަރު ކުރުވާ، ރަށް ދޫކޮށްފައި އެހެން ރަށްރަށަށް ހިޖުރަކުރުމަށް ގޮވާލާ މީހުން. މި މީހުން ދައްކާ ވާހަކަތަކެއް މިއީ. ނަތީޖާ އަކީ ކާފަރުން ވެއްޖިއްޔާ އެ މީހުންނާ ދޭތެރޭ ކޮންމެ ގޮތެއް ވެސް ހުއްދަ މި މީހުން (ޖަމާއަތުއް ތަކްފީރު ވަލް ހިޖުރަ ޖަމާއަތުގެ މީހުން) ބުނާ ގޮތުން. މުސްލިމުންގެ ތެރޭގައި މ ިއުޅޭ ކޯޓް ފަޓުލޫނު ލައިގެން އުޅޭ މީހުން، ޓައި އަޅައިގެން އުޅޭ މީހުން، ތުނބުޅި ބާލައިގެން އުޅޭ ފިރިހެނުން، އަންހެނުންނާ ސަލާމްކުރާ ފިރިހެނުން މިއީ ހައްތާހާ ކާފަރުން. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. މި ކަންތައްތަކަށް އަޅުގަނޑުމެން ލޯ ހުޅުވަން އެބަޖެހޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ދީނީ މައުލޫއަށް ޑީއާރުޕީގެ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވަނީ އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވަމުން ވެސް ވާހަކަތަކެއް ދައްކަވައިފަ އެވެ. އެހެން ނަމަވެސް އެ ޕާޓީގެ ނަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
"އެންމެ ފުރަތަމަ މިފަދަ ޕާޓީގެ ބޭފުޅުން އަޅުގަނޑާ ބައްދަލުކުރި ދުވަހު ވިދާޅުވީ ތިމަންނަމެން ފުރަތަމަ ހަދަން ބޭނުންވީ ޖަމާއަތެކޭ. އެކަމަކު ބަޔަކު މީހުން ބުނެފިއޭ ޖަމާއަތެއް ހަދައިގެން ތިޔަ މަގުސަދުތަކެއް ހާސިލެއް ނުކުރެވޭނެއޭ. ޕާޓީއެއް ހަދާށޭ. އެހެންވެ ތިމަންނަމެން ޕާޓީއެއް ހެދީއޭ. އެކަމަކު ޕާޓީއެއް ހެދީ ކޮންމެހެން ވެރިކަން ބޭނުންވެގެނެއް ނޫނޭ. ދީނީގޮތުން މީހުންނަށް ކަންތައްތައް އޮޅުންފިލުވައިދީ، މީހުން އެކުވެރިކޮށް، އިސްލާމްދީން ރާއްޖެއިން ފޮހެވިގެން ހިނގައިދާނެތީ އިސްލާމްދީނުގެ ދިފާއުގައި ނުކުންނަ ބައެއްގެ ގޮތުގައޭ. އަޅުގަނޑު ދެންނެވިން މަރުހަބާއޭ. ތިއީ ވަރަށް ރަނގަޅު ކަމެކޭ،" ރައީސް ވިދާޅުވި އެވެ. "އެހެން ނަމަވެސް ހާލަތު ބަދަލުވެގެން ދިޔައީ ކިހިނެއްތޯ؟ ފުރަތަމަ ފެށުނު ގޮތާއި މިހާރު އެ މީހުން އަމަލުކުރަމުންދާ ގޮތާ އުޑާއި ބިމާހާ ތަފާތު. ދީނުގެ ނަމުގައި މަސައްކަތްކުރާ ބަޔަކު ދޮގު ހަދައިގެން ނުވާނެ. މީހުންނަށް ކަންކަން އޮޅުވާލައިގެން ނުވާނެ. އިސްލާމްދީނަކީ ތެދު ބުނުމަށް އެންމެ ބޮޑަށް އަމުރު ކުރައްވައިފައިވާ ދީން،" އަދާލަތު ޕާޓީއަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދީނުގެ ނަމުގައި އެކި ގޮތަށް ވާހަކަ ދައްކާ މީހުންނާ ބަހުސް ކުރެއްވުމަށް ކޮންމެ ތަނަކަށް ވެސް ވަޑައިގަތުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށާއި ހެކި ދައްކަވާނީ އަމިއްލަ ވާހަކަ ތަކަކުން ނޫން ކަމަށެވެ.
"އަޅުގަނޑަށް އެނގި ހުރި މިންވަރަކުން އަޅުގަނޑު ހެކި ދައްކާނީ ޤުރުއާނުންނާއި ސުންނަތުން. އަމިއްލަ ވާހަކައަކުންނެއް ނޫން. އެމީހުންނަށް އެހެން ދެއްކޭނެތޯއޭ އަޅުގަނޑުގެ ސުވާލަކީ؟" ރައީސް ވިދާޅުވި އެވެ.
ޑީއާރުޕީގެ ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އިންޑިޔާ އާއި ސްރީލަންކާއިން ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި އެވޯޑްތަކާ ގުޅިގެން އެ މަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި އެކަން ފާހަގަ ކުރުމުގެ ގޮތުން އައްޑު އަތޮޅުގެ ޑީއާރުޕީގެ މެމްބަރުންގެ ފަރާތުން ރައީސް މައުމޫނަށް ހަނދާނީ ފިލައެއް ވެސް އެރުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ