ދާއިމީ ސުޕްރީމް ކޯޓު ގާއިމްކުރިތާ ގާތްގަނޑަކަށް ދޮޅުމަސް ފަހުން، އެ ކޯޓުގައި މިހާރު ހުރި މައްސަލަތައް އަންނަ ހަފުތާ އިން ފެށިގެން ބަލަން ނިންމައި އޭގެ ތެރެއިން ބައެއް މައްސަލަތައް އަންނަ ހަފުތާ އަށް ތާވަލުކޮށްފި އެވެ.
އަންނަ ހަފުތާ އަށް މައްސަލަތައް ބެލުމަށް ތާވަލުކޮށްފައިވާއިރު އޭގެ ތެރޭގައި އިންތިގާލީ ސުޕްރީމް ކޯޓުން ނުނިންމާ ހުރި މުހިންމު މައްސަލަތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލިހަށް އައްޔަންކުރައްވާފައިވާ މެންބަރުން މިހާރުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަކިކުރެއްވި މައްސަލަ ހިމެނެ އެވެ. އަދި ސިވިލް ސާވިސްގެ ގާނޫނުގެ 53 ވަނަ މާއްދާ އުވާލުމުގެ މައްސަލަ ވެސް ހިމެނެ އެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ ޑީއާރުޕީގެ ނައިބު ލީޑަރު އުމަރު ނަސީރު ކުރައްވާ ދައުވާއަކާއި މީހެއްގެ އަތުން ފައިސާ ހޯދުމަށް މުސްތަފާ ހުށަހަޅުއްވާފައިވާ މައްސަލައެއް ވެސް އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ޖަލުގައި ބަންދުކޮށްފައި ހުއްޓައި 2005 ގައި މަރުވި މުއާވިޔަތު މަހްމޫދުގެ މަރުގެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާއެއް ވެސް އަންނަ ހަފުތާގައި ބަލާނެ އެވެ.
މައްސަލަތައް ބެލުމަށް ތާވަލުކޮށްފައިވާ އިރު ސުޕްރީމް ކޯޓުން ވަނީ އެ ކޯޓަށް މައްސަލަ ހުށަހެޅުމަށް ގެންގުޅޭ އުސޫލުތަކަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ގޮތުން މިހާރު ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭ ބާވަތުގެ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ހުށަހެޅުމުގެ ހުއްދަ ދޭނީ ހުރިހާ ފަނޑިޔާރުން ހިމެނޭ މަޖިލީހަކުންނެވެ. އަދި އެހެނިހެން މައްސަލަތައް އެ ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދޭނީ މަދުވެގެން ފަސް ފަނޑިޔާރުން ހިމެނޭ މަޖިލީހަކުންނެވެ.
ދާއިމީ ސުޕްރީމް ކޯޓުން އަންނަ ހަފުތާގައި މައްސަލަތައް ބަލަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ