ސުޕްރީމް ކޯޓުގައި ޖޭއެސްސީން ޖަވާބުދާރީވުމަށް އަފްރާޝީމް ހަމަޖެއްސި ގޮތާ މެދު ސުވާލު އުފެދޭ އޯޑިއޯއެއް ލީކުވެއްޖެ

ހައި ކޯޓަށް ފަނޑިޔާރުން ކަނޑައެޅުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަމަލުކުރި ގޮތުގައި ގާނޫނީ އަދި އުސޫލީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލާގައި ޖޭއެސްސީގެ ފަރާތުން އެ ކޮމިޝަންގެ ނާއިބު ރައީސް ޑރ. އަފްރާޝީމް އަލީ ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ހަމަޖެއްސި ގޮތާ މެދު ސުވާލު އުފެދޭ އޯޑިއޯއެއް ލީކުވެއްޖެ އެވެ.
އަފްރާޝީމް އާއި އެ ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަން އަދި ޝުއައިބު އަބްދުއްރަހްމާން ދައްކަވާފައިވާ ކަމަށް ބެލެވޭ ވާހަކަތަކުން ދޭހަވާ ގޮތުގައި ކޮމިޝަންގެ ފަރާތުން އަފްރާޝީމް ކޯޓަށް ވަޑައިގަތުމަށް ނިންމި ޖަލްސާ ބާއްވާފައި ވަނީ 10 މެންބަރުންގެ ކޮމިޝަންގެ އަޣުލަބިއްތު ކަމަށްވާ ހަ މެންބަރުން ހަމަ ނުވެ ހަތަރު މެންބަރުންނާ އެކުގަ އެވެ. ކޮމިޝަނުން ކަމެއް ނިންމޭނީ "ހާޒިރުވި މެންބަރުން"ގެ އަޣުލަބިއްޔަތުން ކަމަށް އޮތް ނަމަވެސް ހަ މެންބަރުން ހަމަކުރުމަށް އިތުރު ދެ މެންބަރެއްގެ ސޮއި ހޯދަނީ ފޯނުން ވާހަކަ ދެއްކުމަށް ފަހު، އެ ބޭފުޅުންނަށް ލިޔުން ފޮނުވައި، އޭގައި ސޮއިކުރުވައިގެންނެވެ.
އަފްރާޝީމް އާއި ޝުއައިބްގެ އަޑު ކަމަށް ބެލެވޭ އޯޑިއޯގައި ކޮމިޝަންގެ ރައީސް އާދަމްގެ މުހައްމަދުގެ ބަދަލުގައި ސުޕްރީމް ކޯޓަށް އަފްރާޝީމް ވަޑައިގަތަސް މައްސަލައެއް ނެތްތޯ އެހުމުން "ޝުއައިބް" މައްސަލައެއް ނެތް ކަމަށް ވިދާޅުވެ އެވެ. އަދި ކޮމިޝަންގެ އަޣުލަބިއްޔު ހާޒިރުވެ ނެތުމުން ފޯނުން ގުޅާލައިގެން ހަމަޖައްސަނީ ކަމަށް "އަފްރާޝީމް" ވިދާޅުވެ އެވެ. ޝުއައިބުއާ ދައްކަވާފައިވާ ކަމަށް ބެލެވޭ ފަސް މިނެޓް 15 ސިކުންތުގެ އޯޑިއޯގައި ސުޕްރީމް ކޯޓުން އައްޑޫގެ އިންތިހާބުގެ މައްސަލާގައި ނެރުނު އަމުރަށް ވެސް ކޮމިޝަންގެ ބައެއް މެމްބަރުން ފާޑުވިދާޅުވާ އަޑު އިވެ އެވެ. އަދި "ސުޕްރީމް ކޯޓުގެ އަޑު ދެއްތޯ މިއޮތީ" އޭ ބުނާ އަޑު އިވެ އެވެ. އަދި އެ ފަސް ފަޑިޔާރުން އެއްބަސްވެއްޖިއްޔާ "ހެޔޮ ކޮންމެ ކަމެއްވެސް" އޭ ބުނާ އަޑު ވެސް އިވެ އެވެ.
އެހެން އޯޑިއޯ ކްލިޕެއްގައި، "އަފްރާޝީމް" "ފަހުމީ" އަށް ގުޅުއްވުމަށް ފަހު، މި ގުޅަނީ "ކޮމިޝަނުގެ އެއްކަލަ ބޮޑު ސިންގާ ފޯނުންނޭ" ވިދާޅުވެ އެވެ. އަދި ހުރިހާ ބޭފުޅުން އަޑުއައްސަވަން އެބަ ތިއްބެވި ކަމަށް ވިދާޅުވެ އެވެ. އެގޮތުން ޖޭއެސްސީގެ މެންބަރުން ކަމަށްވާ އަބްދުލް ޣަނީ އާއި އަހްމަދު ރަޝީދު އާއި އަބްދުﷲ ދީދީ އެބަ ތިއްބެވި ކަމަށް ވިދާޅުވެ އެވެ.
"އަފްރާޝީމް" ވިދާޅުވަނީ މި އުޅެނީ ކުޑަ ކަމެއް ދިމާވެގެން ކަމަށާއި ހައި ކޯޓް ޕެނަލްގެ އުސޫލާ ބެހޭ ގޮތުން ހުށަހެޅުނު މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އެބަ އޮތް ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖޭއެސްސީން ލީގަލް ޓީމެއް ނަގާފައިވާ ވާހަކަ އާއި އެކަމަކު އޭގެ ތެރެއިން، ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު ދިމާވި ކުއްލި ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންފި ކަމަށް ވިދާޅުވެ އެވެ. އެހެންވެ ރައީސްގެ ބަދަލުގައި ނާއިބު ރައީސް ހިމަނަން ދެން ތިއްބެވި ބޭފުޅުން އެބަ ވިދާޅުވާ ކަމަށް "އަފްރާޝީމް" ވިދާޅުވެ އެވެ.
"މި ހަތަރު ބޭފުޅުންގެ އިތުރުން އުސްތާޒް ޝުއައިބު (ޝުއައިބް އަބްދުއްރަހްމާން) އެގޮތަށް އެއްބަސްވެ ވަޑައިގެންފި މައްސަލައެއް ނެތް ކަމަށް،" ކޮމިޝަންގެ ރައީސްގެ ބަދަލުގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަށް ބޭއްވި ޖަލްސާގައި ކޯރަމް ހަމަވާ އަދަދު ކަމަށްވާ ހަ މެންބަރުންގެ ބަދަލުގައި ތިއްބެވީ ހަތަރު ބޭފުޅުން ކަމަށް ދޭހަވާ ގޮތަށް ވިދާޅުވި އެވެ.
އޯޑިއޯއާ އެކު ވަނީ އާދަމް މުހައްމަދުގެ ބަދަލުގައި އަފްރާޝީމް ހަމަޖެއްސި ކަމަށް ސުޕްރީމް ކޯޓަށް އެންގުމަށް ފޮނުވި ކަމަށް ބުނާ ސިޓީ އާއި ކޮމިޝަންގެ ނިންމުން ވެސް ލީކުވެފަ އެވެ. ނިންމުމުގައި އޮންނަނީ "ކޮމިޝަންގެ ފަރާތުން ޖަވާބުދާރީ ވުމަށް ހަމަޖައްސަވާފައިވާ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲގެ ބަދަލުގައި ޑރ. އަފްރާޝީމް އަލީ ހިމެނުމަށް ކޮމިޝަނުން ނިންމި" ކަމަށެވެ.
ލީކުވި އޯޑިއޯގައި "ފަހުމީ" ވިދާޅުވަނީ ހުރިހާ ބޭފުޅުންނަށް އެގޮތަށް ފެނިވަޑައިގަންނަވާ ނަމަ އޭނާގެ މައްސަލައެއް ވެސް ނެތް ކަމަށެވެ. އަދި އެގޮތަށް ނިންމި ނިންމުމުގައި ސޮއިކުރުމަށް ފަހުމީ ހުންނެވި ތަނަކަށް ލިޔުން ފޮނުވާލަދެއްވާނެ ކަމަށް "އަފްރާޝީމް" ވިދާޅުވެ އެވެ. އަދި 1 މިނެޓް 48 ސިކުންތުގެ އޯޑިއޯ ނިމޭ ހިސާބުން "ޓެންޝަން ދުއްވާލަމުން މި ދަނީ" އޭ ބުނާ އަޑާއި "މިހާރު އެހެންވެ ހައެއް ދެއްތޮ" އޭ ބުނާ އަޑު ވެސް އިވެ އެވެ.
އޯޑިއޯތަކާ އެކު ލީކުވި ތިން ލިޔުމެއްގެ ތެރެއިން އެއް ލިޔުމަކީ މި މަހުގެ ހަ ވަނަ ދުވަހުގެ އެ ބައްދަލުވުމުގެ ހާޒިރީ އެވެ. އޭގައި ސޮއިކުރައްވާފައި ވަނީ އަފްރާޝީމް އާއި އަބްދުލް ޣަނީ އާއި ވެލެޒިނީ އާއި އަހްމަދު ރަޝީދެވެ. ޝުއައިބު ހުންނެވީ ސަލާމުގައި ކަމަށް ހާޒިރީގައި ލިޔެފައިވެ އެވެ. ނަމަވެސް ކޮމިޝަންގެ ނިންމުމުގައި ސޮއިކުރައްވާފައި އޮންނަނީ އަފްރާޝީމް އާއި އަބްދުލްޣަނީ އާއި އަބްދުﷲ ދީދީ އާއި ޝުއައިބު އާއި ފަހުމީ އާއި އަހްމަދު ރަޝީދެވެ. އަދި އެ ލިޔުމުގައި އެއީ ފެބްރުއަރީ ހަ ވަނަ ދުވަހުގެ ނިންމުން ކަމަށް ބުނެފައި އޮވެ އެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގެ ހާޒިރީގައި ސޮއިކުރައްވާފައިވާ ވެލެޒިނީގެ ސޮއި، ކޮމިޝަންގެ ނިންމުމުގައި ނެތެވެ. އަދި ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށް ބެލެވޭ ޝުއައިބު އާއި ފަހުމީގެ ސޮއިކޮށްފައިވެ އެވެ.
ހައި ކޯޓަށް ފަނޑިޔާރުން ނެގި ގޮތުގެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ނިންމާލާފައި ވާއިރު އެންމެ ފުރަތަމަ މި މަހުގެ ހަތް ވަނަ ދުވަހު އޮތް އަޑުއެހުމުގައި ޖޭއެސްސީގެ ފަރާތުން އިސްކޮށް ވާހަކަ ދެއްކެވީ އަފްރާޝީމް އެވެ. ނަމަވެސް މިއަދު އިސްކޮށް ވާހަކަ ދެއްކެވީ ކޮމިޝަންގެ ލީގަލް އޮފިސަރު އަބްދުލް ފައްތާހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ