އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހިންގި ޝަރީއަތުގައި 10 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހަކު ޖަލުން ފިލައިގެން އުޅޭތާ އެއް އަހަރުން ފަހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޖަލަށްލާފައި ހުއްޓާ ފިލައިގެން އުޅެނިކޮށް އިއްޔެ ހައްޔަރުކުރީ ހއ. މުޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ކަމަށާއި އޭނާ ހައްޔަރުކުރީ ތިލަފުށީގައި އުޅެނިކޮށް ކަމަށެވެ.
"އިއްޔެ އޭނާ އަތުލައިގަތީ ފިލައިގެން އުޅޭތޭ އެއް އަހަރު ފަހުން. ޖެނުއަރީ ހަތަރަކަށް އޭނާ ފިލައިގެން އުޅޭތާ އެއް އަހަރުވީ،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ އަލިމަނިކު ހޯދައި ހައްޔަރު ކުރިއިރު އޭނާ ހުރީ މީހުންނަށް ޝައްކު ނުވާނެ ގޮތަށް ވަރަށް ބޮޑަށް ސިފަ ބަދަލުކޮށްފައި ކަމަށެވެ.
"މީނާ ފިލައިގެން މި އުޅުނީ އާންމުންގެ ތެރޭގައި އާންމުންނާ އެކު. އެހެންވީމާ މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް،" އޮފިޝަލު ވިދާޅުވި އެވެ.
ޖަލަށް ލުމަށް ހުކުމްކޮށްފައި ހުއްޓާ އަބްދުﷲ އަލިމަނިކު ޖަލުން ފިލައިގެން ގޮސް ގދ. ތިނަދޫގައި އުޅެނިކޮށް މީގެ ކުރިން ވެސް ފުލުހުން އަތުލައިގެންފައި ވެސް ވެއެވެ. އޭގެ ފަހުން އޭނާ ފިލީ ތިނަދޫގައި އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެންނަނިކޮށް ކަނޑަށް ފުންމާލައިގެނެވެ.
ހަވީރަށް ކަށަވަރުވެފައިވާ ގޮތުގައި އެފަހަރު އޭނާ ކަނޑަށް ފުންމާލައިގެން ފިލީ ދަތުރު މަތީގައި ނަމާދުކުރަން ފުރުސަތު ދިނުމުން ނަމާދަށް ހުރެފަ އެވެ.
ހިމަންދޫ މައްސަލައިގައި 10 އަހަރަށް ޖަލަށް ލާފައި ހުރި މީހަކު ފިލައިގެން އުޅޭތާ އެއް އަހަރުން ފަހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ