ނޮވެމްބަރު ތިނެއްގައި ބާޣީންގެ ބަޔަކު ރާއްޖެއަށް އުދުވާނީ ހަމަލަތަކެއް ދިނުމުގެ ސަބަބުން ޝަހީދުވި މީހުންގެ މަރުގެ ޒިންމާ އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮންމެވެސް ހިސާބަކުން އުފުއްލަވަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) މިރޭ ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާ ރާއްޖެއަށް ދިން އިރު ސިފައިން މަސައްކަތް ކުރަމުންދިޔައީ މައުމޫނަށް ވަރަށް އިހްލާސްތެރިކޮށް ކަމަށެވެ. ނަމަވެސް ސިފައިންނަށް އިތުބާރު ނުކުރައްވައި އޭރުގެ ސިފައިންގެ ވެރިޔާގެ ނައިބު އިލްޔާސް އިބްރާހިމް އަތަށް ބަޑިގުދަނުގެ ތަޅުދަނޑި ދީފައި އޮތުމަކީ ޝަހީދުވި މީހުންގެ މަރުގެ ޒިންމާ މައުމޫން ކޮންމެވެސް ހިސާބަކުން ނަގަންޖެހޭނެ ކަމެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެބޭފުޅުންނަށް [ސިފައިންނަށް] ވަޒަނެއްހާ ހިސާބު ދީފައި ބާއްވަން މީނައަށް [މައުމޫނަށް] ނުކެރިގެން މީނަގެ ޅިޔަނު [އިލްޔާސް އިބްރާހިމް] އަތަށް ބަޑި ގުދަނުގެ ތަޅުދަނޑިދީ ފޮރުވާފައި އޮތްކަން އެއީ ކަނޑައެޅިގެން އެމީހުންގެ [ޝަހީދުންގެ] މަރުގެ ޒިންމާ ކޮންމެވެސް ހިސާބަކުން މައުމޫން ނަގަންޖެހޭނެ މައްސަލައެއްކަން އަޅުގަނޑު ވަރަށް ސާބިތުކަމާއެކީގައި ދަންނަވަން،" މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މައުމޫން އަމިއްލަ ސަލާމަތަށްވުރެ ބޮޑަށް ގައުމުގެ ސަލާމަތަށް ވިސްނެވި ނަމަ ނޮވެމްބަރު ތިނެއްގެ ހަމަލާ އައުން ދުރުވީސް ކަމަށެވެ. ނަމަވެސް މައުމޫން އޭރު ވިސްނެވީ ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް އެމަނިކުފާނުގެ އަމިއްލަ ސަލާމަތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިފައިން ލައްވާ މައުމޫން ކުރުވަމުން ދިޔަ ކަމަކީ ރައްޔިތުންނަށް އަނިޔާދީ ބިރުދެއްކުން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"އެހެންވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކޯސްޓްގާޑާއި އެބޭފުޅުން އަދާ ކުރަންޖެހޭ ޒިންމާތަކަށްވުރެ ބޮޑަށް މައުމޫން އަބްދުލްގައްޔޫމް ސިފައިން ލައްވައި ކުރުވަމުން ގެންދިޔަ މަސައްކަތަކީ ރައްޔިތުންނަށް ފާރަލައި ރައްޔިތުންގެ ކަންކަމާ ފާރަވެރިވެ ރައްޔިތުން ހައްޔަރު ކުރުމާއި ރައްޔިތުން އަނދަގޮނޑި ޖެހުމާއި ރައްޔިތުން ކުޑަގޮޅިއަށް ލުމުގެ މަސައްކަތް،" މޫސަ ވިދާޅުވި އެވެ. "މީގެ ނަތީޖާއަކަށްވީ މި ގައުމަށް އުދުވާނީ ހަމަލައެއް ދިނުމަށްޓަކައި މިތަނަށް 80 ވަރަކަށް ކުލީ ސިފައިން މި ރަށަށް އަރައި މި ރަށުގެ އެތައް މީހުންނެއް މަރާ އަޅުގަނޑުމެންގެ އެންމެ ވަރުގަދަ އެއް މަރުކަޒަށް ހަމަލާދިނުމާ ހިސާބަށް ދިޔަ އިރު ވެސް ސިފައިންނަށް ފުރުސަތު ނުލިބުން."
މީގެ އިތުރުން މޫސަ ވިދާޅުވީ މި ސަރުކާރުގެ އިސް ބޭފުޅުންގެ ބޮލުގައި ނޮވެމްބަރު ތިނެއްގެ ހަމަލާގެ ޒިންމާ އަޅުވަމުންދާއިރު އޭރުގެ ރައީސް މައުމޫނަށް ރާއްޖެއަށް އުދުވާނީ ހަމަލާއެއް ބަޔަކު ދޭން އުޅޭކަން ކުރިން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"އެކަން ރާވަމުންދިޔަކަން ސިފައިންގެ ތެރެއިން އޭރުގައި އުޅެފައި ތިބި ބައެއް މީހުންގެ ފަރާތުން މައުމޫނަށް ސީދާ އަންގާފައި އެބަހުރި. އެކަމަކަށް އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނެތް،" މޫސަ ވިދާޅުވި އެވެ. "ޝަރީއަތުގެ ކުރިމަތީގައި މިކަމަށް ހެކިބަސް ދޭން ދާންވެސް އަޅުގަނޑުމެނަށް ކެރޭނެ."
މިރޭގެ ޖަލްސާގައި މޫސަގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ (ސީފުޑް މުސްތަފާ) އާއި މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ވާހަކަ ދެއްކެވި އެވެ.
ނޮވެމްބަރު ތިނެއްގައި ޝަހީދުވި މީހުންގެ މަރުގެ ޒިންމާ ކޮންމެވެސް ހިސާބަކުން މައުމޫން އުފުލަންޖެހޭނެ: ރީކޯ މޫސަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ