ގާނޫނު އަސާސީ އިސްލާހުކުރުން އަވަސް ކުރުމުގެ ގޮތުން، އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ، ޑީއާރުޕީ އާއި އެމްޑީޕީ އިން ހަފުތާއަކު ދެފަހަރު ބާއްވަމުން އަންނަ ވާހަކަތަކުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅު މެންބަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައި ނުގަންނަވަނީ ޑީއާރުޕީގެ ތެރޭގައި މައްސަލަތަކެއް ހުރެ، އެ މައްސަލަތައް ހަމަނުޖެހެނީސް ބައިވެރިވެވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. 
އެހެން ނަމަވެސް ހަވީރަށް ދެއްވި އިންޓަވިއުއެއްގައި އެއީ ކޮން މައްސަލަތަކެއް ކަމެއް ވިދާޅުވުމަށް ޔާމީން އިއުތިރާޒު ކުރެއްވި އެވެ.  
"އަޅުގަނޑުގެ ރުހުމެއް އޮތްތޯ، ނެތްތޯ ނުބަލައި މީގެ ތެރޭގައި (ވާހަކަތަކުގައި ބައިވެރިވާ ޓީމުގައި) ހިމެނުނީމަ ބައިވެރިވާން ދަތިވީ،" ޔާމީން މިއަދު ވިދާޅުވި އެވެ. "ޑީއާރުޕީގެ ތެރޭގައި، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް ހުރެ، އެ މައްސަލަތައް ރިޒޯލް (ހައްލު) ނުވެ ދާތީ (އެ ވާހަކަތަކުގައި) ބައިވެރިވާން ދަތިވީ." 
ޑީއާރުޕީ އާއި އެމްޑީޕީގެ ވާހަކަތަކުގައި ބައިވެރިވުމަށް ޑީއާރުޕީން ކަނޑައަޅާފައިވާ ހަތް މެންބަރުންގެ ތެރޭގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އަބްދުﷲ ޔާމީން ވެސް ހިމެނި ވަޑައިގަންނަވަ އެވެ. ނަމަވެސް މިހާތަނަށް ބޭއްވި އެއްވެސް ބައްދައްލުވުމަށް އޭނާ ވަޑައެއްނުގަންނަވަ އެވެ. 
ދެ ޕާޓީން ބާއްވާ ވާހަކަތަކުގެ އިތުރަށް ޑިއާރުޕީގެ އެއްވެސް ބައްދަލުވުމަކުން ވެސް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޔާމީން ނުފެންނަތާ އަހަރެއްހާ ދުވަސްވެދާނެ އެވެ.  
އޭގެ އިތުރުން ހަފުތާ މަޖައްލާ "ހަފުތާ" އަށް ދެއްވި އިންޓަވިއުއެއްގައި، ސަރުކާރުގައި އޭނާއާ އަދާކުރައްވާ މަގާމާ ބެހޭ ގޮތުން ވެސް އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. 
"އަޅުގަނޑަށް ވަރަށް އުނދަގޫ ދާއިރާތަކެއް އެއްކޮށްލާފައި މަސްދަޅަކަށް އަޅާފައި ދީފައި މިހުރީ،" ޔާމިން ވިދާޅުވެފައި ވެ އެވެ.
ަމައިގަނޑު ގޮތެއްގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމުގެ ނަމުގައި ޔާމީނާ އެކު، ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރެއްގެ މައްޗަށް އެކުލެވޭ ގޮތަށް ޖަމިއްޔާއެއް ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ނަމަވެސް ޕީޕަލްސް ޕާޓީގެ ނަމުގައި އަލަށް ރަޖިސްޓްރީ ކުރުމަށް މަސައްކުރުމުގެ ހުއްދަ އިލެކްޝަންސް އިން ދެއްވާފައިވާ، ސިޔާސީ ޕާޓީ އާ އެ އެސޯސިއޭޝަނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
    
    ދެ ޕާޓީގެ ވާހަކަތަކުގައި ބައިވެރިނުވަނީ ޑީއާރުޕީގައި ހުރި މައްސަލަތަކެއްގެ ސަބަބުން: ޔާމީން
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
            