ޝުކުރު ދެންނެވުމަށް މައުމޫން އިންޑިއާ އަށް

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ވެރިކަމުގައި އިންޑިއާ ސަރުކާރުން ރާއްޖެ އަށް ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވުމަށްޓަކައި އެ މަނިކުފާނު މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ސިޔާސީ ދާއިރާ އަށް އަލްވަދާއު ވިދާޅުވުމަށް ފަހު ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން މާލޭ ރަސްމީ ފާލަމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ "މި ދަތުރުގެ ބޭނުމަކީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރިއިރު އިންޑިއާ ސަރުކާރުން ދިވެހިރާއްޖެ އަށް ވެދެއްވާފައިވާ އެހީތަކަށް އަދި ދެއްވާފައިވާ ތާއިދަށް ޝުކުރު ދެންނެވުން،" ކަމަށެވެ.
"އަދި މިހާރު ވެސް އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ ދޭތެރޭގައި ގެންގުޅުއްވާ ހާއްސަ ގޮތާ ބެހޭ ގޮތުން އެ ބޭފުޅުންނަށް ޝުކުރު ދެންނެވުމަށް. އަދި ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ވެގެންދާނެ ގޮތާ މެދު މަޝްވަރާކުރުން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންހާއި ވެރިކަން ކުރަމުން އަންނަ ކޮންގްރެސް ޕާޓީގެ އޮފިޝަލުންނާއި ސަރުކާރުގެ ބައެއް އިސްވެރިންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫނު އަރިހުގައި ޑިއާރުޕީގެ ނައިބު ޒައީމް އަހްމަދު ތަސްމީން އަލީގެ އިތުރުން އެ މަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ވެސް އިންޑިއާ އަށް ވަޑައިގެންނެވި އެވެ. އިންޑިއަން އެއާލައިންސްގެ ފްލައިޓެއްގައި މައުމޫން އިންޑިއާގެ ކެޕިޓަލް ސިޓީ، ނިއުދިއްލީ އަށް ވަޑައިގަންނަވާނީ ބެންގަލޫރު މަގުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ