ޕްރޮވިންސް ހެދުމަށް ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި އެމްޑީޕީން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ލާމަރުކަޒީ އުސޫލުން ވެރިކަން ހިންގުމަށްޓަކައި ރާއްޖޭގެ އިދާރީ ދާއިރާތައް ޕްރޮވިންސްތަކަށް ބަހާލުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއްތޯ ބެލުމަށްޓަކައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދައިދިނުމަށް އެދި، ވެރިކަންކުރާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު އެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
މިއަދު މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށް ފަހު ނެގި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން އެކަމަށް ތާއީދުކުރެއްވީ 35 މެންބަރުންނެވެ. މި ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 38 މެމްބަރުން ވޯޓު ދެއްވުމާ ގުޅިގެން މި ގަރާރު މަޖިލީހަށް ބަލައިގަންނަން ފާސްނުވި ކަމަށް ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
މި ގަރާރު ބަލައިގަތުމަށް މައިގަނޑު ގޮތެއްގައި ތާއީދުކުރެއްވީ އެމްޑީޕީގެ މެންބަރުންނެވެ. މީގެ އިތުރުން، ގައުމީ ޕާޓީ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ ހަސަން އާދިލާއި ވިލުފުށީ ދާއިރާގެ ރިޔާޒް ރަޝީދާއި، މިނިވަން މެމްބަރުންގެ ތެރެއިން ގައްދޫ ދާއިރާގެ ޒާހިރު އާދަމާއި ކުޑަހުވަދޫ ދާއިރާގެ އަހްމަދު އާމިރާއި މީދޫ ދާއިރާގެ އަހްމަދު ސިޔާމާއި ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދާއި ދުވާފަރު ދާއިރާގެ މުހައްމަދު ޒުބައިރު ވެސް ވޯޓު ދެއްވީ މި ގަރާރު މަޖިލީހަށް ބަލައިގަތުމަށެވެ.
ގަރާރު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ މައިގަނޑު ގޮތެއްގައި ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ މެމްބަރުންނެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމާއި މިނިވަން މެންބަރުންގެ ތެރެއިން ފަރެސް މާތޮޑާ ދާއިރާގެ އިބްރާހީމް މުއްތޮލިބާއި ގުރައިދޫ ދާއިރާގެ އިބްރާހީމް ރިޒާ އާއި ކުރެންދޫ ދާއިރާގެ އަހްމަދު މޫސާ އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު ވެސް ވޯޓު ދެއްވީ މި ގަރާރު މަޖިލީހަށް ބަލައިނުގަތުމަށެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންހެން ވިދާޅުވީ ޕްރޮވިންސް ހެދުމަށް ޑީއާރްޕީން ދެކޮޅުހަދަނީ، ގާނޫނު އަސާސީއާ ޚިލާފުވާ ކަމަށް ބުނެ ކަމަށެވެ. އަދި ގާނޫނު އަސާސީން ބުނާ ކަމެއް ކުރުމުގެ ގޮތުން ލާމަރުކަޒީކުރަން އުޅޭ އިރު ގާނޫނު އަސާސީ މާނަކުރުމުގައި ޚިޔާލު ތަފާތުވާ ނަމަ، އެ ކަމަށް ހައްލެއް ހޯދަންޖެހޭނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް ގާނޫނު އަސާސީގައި ބުނާ ކަމަށެވެ.
ނަމަވެސް މި ގަރާރު ފާސްކުރަން ދެކޮޅު ހެއްދެވި މެމްބަރުން ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ ސުޕްރީމް ކޯޓަށް މައްސަލަ ފޮނުވައިގެން ވަގުތުތަކެއް ގެއްލުވާލައި، ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކުރުން ލަސްކުރުން ކަމަށެވެ. އަދި އެ ކަމުގެ ބޭނުމަކީ ގާނޫނާ ހިލާފަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ކައުންސިލަރުންތަކުގެ މަގާމުތައް ދަމަހައްޓައިގެން އެ މީހުންގެ މުސާރަ އަށް ދޭ ފައިސާ އިން ބައެއް އެމްޑީޕީ އަށް ހޯދުން ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވީ މި ގަރާރު އެމްޑީޕީން ހުށަހަޅާފައިވަނީ ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނައިގެން ކަމަށެވެ. ލާމަރުކަޒީ ބިލް މަޖިލީހުގެ ކޮމިޓީން އިސްލާހުކޮށް ތަޅުމަށް ފޮނުވަން ނިންމުމުން އެ ކަމާ މެދު ހިތްހަމަނުޖެހިގެން މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ގޮންޖެހުމުގެ ގޮތުން ލާފައިވާ ގަރާރެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ ދެ ހަސްމުންގެ މެދުގައި ދެބަސްވާ ހާލަތެއްގައި ވެސް ދާންޖެހެނީ ހާކިމުގެ ގާތަށް ކަމަށެވެ. މިހާރު މަޖިލީހުގައި ވެސް ހިޔާލު ތަފާތުވެފައިވާ ކަމަށާއި ސުޕްރިމް ކޯޓުން ނިންމާ ގޮތެއްގެ މަތިން މި ބިލްގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހުލޫފު ވިދާޅުވީ މިއަދު އެމްޑީޕީގެ ސަފުގައި ތިއްބަވައިގެން ޕްރޮވިންސްތަކާ ބެހޭ ގޮތުން އެމްޑީޕީ މެނިފެސްޓޯގެ ދިފާއުގައި ވާހަކަ ދައްކަވަނީ ކުރިން އެ މެނިފެސްޓޯ އަށް ފާޑުވިދާޅުވި ބައެއް މެންބަރުން ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އަށް އޮތީ ރައްޔިތުންގެ އެންމެ 25 ޕަސެންޓް މީހުންގެ ތާއީދު ކަމަށާއި ރިއާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައްޔިތުން ވޯޓު ދިނީ ބަދަލަކަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ހަމައެކަނި ޕްރޮވިންސްތަކުގެ ވާހަކަ ނޫން ކަމަށާއި ދަތުރު ފަތުރާއި ހިލޭ ބޭސްފަރުވާގެ ކަންތަކާއި ބޯހިޔާވަހިކަމުގެ ވާހަކަ އާއި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަނުކުރާ ވާހަކަ ވެސް އެބައޮތް ކަމަށާއި އެ ކަންތައް ކުރުމަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މި މައްސަލަ ހައްލުވާނީ ސުޕްރިމް ކޯޓަށް ނޫން ކަމަށާއި މަޖިލީހުގެ ހިމެނޭ މައިގަނޑު ދެ ޕާޓީ އަށް ކަމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ރައީސް ދެއްވި ރޭޑިއޯ ތަގުރީރުގައި ވެސް މަޖިލީހުގެ ނިންމުމަށް އިހްތިރާމްކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީން ބިލް ދިރާސާކޮށް ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ނަމަ ރައީސްގެ ރޭޑިއޯ އެޑްރެސްގައި ރާގު ބަދަލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލައަކަށް ވެގެން އުޅެނީ ގާނޫނު އަސާސީގައި ބުނާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި މައި ސަރުކާރާ ދެމެދަށް ތިން ވަނަ ފަށަލައެއްގެ ގޮތުގައި ސަރުކާރުން ޕްރޮވިންސް ކައުންސިލްތަކެއް ވައްދަން އުޅުން ކަމަށެވެ.
މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ މި ބިލަކީ ޕްރޮވިންސް ހެދުމާ ބެހޭ ބިލެއް ނޫން ކަމަށާއި މިއީ ލާމަރުކަޒީ ބިލެއް ކަމަށެވެ. ވީމާ މި ބިލުން ޕްރޮވިންސްތަކުގެ ބައި އުނިކުރިޔަސް ބިލްގެ އަސާސަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނެއް އޮތަސް ނެތަސް ޕްރޮވިންސްތައް ހަދާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ޕްރޮވިންސްތައް ހެދުމުގެ ބިލެއް ސަރުކާރުން ނުފޮނުއްވި ކީއްވެތޯ އޭނާ ސުވާލުކުރެއްވި އެވެ. އޭނާ ވެސް ވިދާޅުވީ ޕްރޮވިންސްތައް ހެދުމަށް ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުން ބާރުވެރިވެދާނެތީ އެކަން ފަސްކުރުމަށް ކަމަށެވެ.
ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވީ ޑީއާރްޕީ ބޭނުންވަނީ އިރުއިރުކޮޅުން ވެރިކަން ބަދަލުކުރަން ކަމަށާއި ޕްރޮވިންސް ނުހެދުމަށް މަގްބޫލު އެއްވެސް ސަބަބެއް ދެއްކިފައިނުވާ ކަމަށެވެ. ޕްރޮވިންސް ބޭނުންނުވާ ކަމަށް މީގެ ކުރިން ޑީއާރްޕީ އަށް ބުނެވިފައި އޮތީމާ އެ ގޮތުގައި ހިފަހައްޓަނީ ކަމަށާއި ގޮތް ދޫނުކޮށް ތިބުމަކީ ޖާހިލިއްޔަ ޒަމާނުގެ އާދައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާގެ ވާހަކަ އަށް ރައްދު ދެއްވަމުން ފުނަދޫ ދާއިރާގެ އަލީ ސަލީމް ވިދާޅުވީ ޖާހިލިއްޔަ ޒަމާނުގެ ސިފަތަކަށް ކަންތައްކުރަމުންދާ މީހުން ފެންނަ ކަމަށާއި އެފަދަ މީހުން ތުއްޕުޅުކަމުން ތިމާ އިންތިހާބުކުރެވުނު ގޮތް ދޫކޮށްލާފައި ޖާހިލިއްޔަ ޒަމާނުގެ ސިފަތައް ބަލައިގަތީ ކޮން ބައެއްކަން ވެސް އެނގޭ ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވަން ބޭނުންވަނީ އެމްޑީޕީން ކައުންސިލަރުންތައް ލައިގެން ހިންގާ ހުދުމުހުތާރު ވެރިކަން ދިގު މުއްދަތަކަށް ދަންމާލަން ކަމަށާއި އޭގެ ބަދަލުގައި ޑީއާރްޕީ ބޭނުންވަނީ ލާމަރުކަޒީކޮށް ގިނަ ބާރުތަކެއް ރައްޔިތުންނަށް ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.
މާމިގިލީ ދާއިރާގެ ގާސިމް އިބްރާހީމް ވިދާޅުވީ މި ގަރާރަކީ މަޖިލީހުން ކޮންމެހެން ފާސްކުރަންޖެހޭ އެއްޗެއް ނޫން ކަމަށާއި އެމްޑީޕީގެ މެނިފެސްޓޯ ރައްޔިތުންނަށް ތަންފީޒުކޮށްދިނުމަށްޓަކައި ޕްރޮވިންސް ހަދަންޖެހޭ ކަމަށް ބުނާ އިރު، ރިއާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް މެނިފެސްޓޯއެއް ރައްޔިތުން ގަބޫލުނުކުރި ކަމަށެވެ. ވީމާ މެނިފެސްޓޯގެ ވާހަކަ ދައްކާނެ ކަމެއް ނެތް ކަމަށާއި މިހާރު މި ދަނީ ވަގުތު ނަގާލުމުގެ ކަންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަންނަ ފެންނަ ކަމަށް ވޯޓު ދެއްވި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ބަހުސްގެ މަރުހަލާގައި ވާހަކަ ދެއްކެވީ މި ގަރާރާ ދެކޮޅަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދޭ ކޮންމެ ކަމެއްގައި ސުޕްރީމް ކޯޓުގެ ލަފައަަކަށް ދިއުމަކީ އެންމެ ރަނގަޅު ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މީގެ ކުރިން ސުޕްރީމް ކޯޓުގެ ލަފާ އަހަންޖެހޭ ފަދަ ކަމެއް މަޖިލީހުން ނުކުރޭތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ. ހަނުހުރުމުގެ ހައްގު ގާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ އިރު އެ ހައްގު ހަނިކުރާ ބިލެއް ފާސްކުރި އިރު ސުޕްރީމް ކޯޓުގެ ބަހެއް ހޯދިންތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިއީ މަޖިލީހުގެ މެޖޯރިޓީން ނިންމާ ކަމަކަށް ތަބާވާންޖެހޭތީ އޭގެ ކުރިން އެކަން ކުރާނެތޯ ބެލުމަށްޓަކައި ކުރަން އުޅޭ ކަމެއް ކަމަށާއި މި ބިލް މަޖިލީހަށް ހުށަހެޅި ދުވަހު މި މައްސަލަ ހުށަހެޅި ނަމަ ރައްޔިތުން މާ ބޮޑަށް އުފާވީސް ކަމަށެވެ. އަދި މި މައްސަލަ ސުޕްރިމް ކޯޓަށް ހުށަހެޅުމަށް ވުރެ ރަނގަޅުވާނީ ޕްރޮވިންސްތައް އުފެއްދުމާ ބެހޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އޭނާ ވޯޓު ދެއްވީ މި ގަރާރު މަޖިލީހަށް ބަލައިގަތުމަށެވެ.
ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި މިހާރު މި އޮތީ ޑރ. ހަސަން ސައީދާއި ގާސިމް އިބްރާހީމްގެ ސަޕޯޓަރުން ގުޅިގެން ހޯދި ސަރުކާރެއް ކަމަށެވެ. އަދި މިއީ ލާމަރުކަޒީ ކުރުން ލަސްކުރުމަށް ރައީސް ނަޝީދު ގަސްދުގައި ހިންގަވާ ޖަރީމާއެއް ކަމަށާއި ރައީސް ބޭނުންފުޅުވަނީ ކައުންސިލަރުންގެ ޖީބަށް ފައިސާކޮޅެއް ލައްވައިގެން އެ ފައިސާގެ ތެރެއިން ޕާޓީ އަށް ބައެއް ހޯއްދެވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައެއް މެމްބަރުން ވިދާޅުވީ ޕްރޮވިންސް އޮފީސްތަކެއް ހެދުމަށް ގާނޫނު އަސާސީން ރައީސަށް ބާރު ލިބޭ ކަމަށެވެ. އަދި މި ފަދަ ގަރާރެއް ފޮނުވުމުގެ ކުރިން އެމްޑީޕީގެ ވައުދުތައް މާނަކުރުމަށް ސުޕްރީމް ކޯޓަށް ފޮނުވަންވެއްޖެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ