ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓް ނެރޭނަމަ، ކެންޑިޑޭޓަކަށް ވުމަށް އެންމެ ހައްގުކަން ބޮޑީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެކިއެކި ބޭފުޅުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އުމަރު މިހެން ވިދާޅުވީ މިއަދު މީޑިއާ ފޮނުއްވި މެސެޖެއްގަ އެވެ.
އުމަރުގެ މެސެޖުގައި ވިދާޅުވީ ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓް ނެރުމާ ބެހޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ނެރުނު 'ފޯމިއުލާ" އަކީ އެއް ކެންޑިޑޭޓް ނެރެވޭނެ ފޯމިއުލާއެއް ނޫން ކަމަށެވެ. ސަބަބަކީ މިނިވަން އިންސާފުވެރި ޕްރައިމަރީއެއް އެއްވެސް ޕާޓީ އަކަށް މިހާ ހިސާބަށް ބޭއްވިފައި ނެތުމާ، ކޮންމެ ޕާޓީ އަކުންވެސް މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަކާލަތު ކުރި ނަމަވެސް އެޕާޓީއެއްގެ އެތެރޭގައި އިންތިހާބަށް އައުމުން 'މިނިވަން އިންސާފުވެރި' އިންތިހާބުތައް ބޭއްވޭ ތަން ފެންނަމުން ނުދިއުން ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީން ނިންމާފައިވަނީ އެޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން ޕާޓީގެ ތެރޭގައި ޕްރައިމަރީއެއް ބޭއްވުމަށްފަހު ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ނިންމުމަށެެވެ.
އުމަރު ވިދާޅުވީ އެތެރޭގެ ޑިމޮކްރަސީ ގެއްލިފައިވާ ހާލަތެއްގައި ރާއްޖޭގެ ގިނަ ޕާޓީތައް އޮއްވާ އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ޕާޓީއެއްގެ މެދުގައި ޕްރައިމަރީއެއް ބޭއްވުމަކީ އެފަދަ ޕްރައިމަރީއެއްގައި ވޯޓް އޮޅުވާލާ މަކަރު ހަދާ އަދި އޭގެ ސަބަބުން މަސްލަހަތު ގެއްލި ބައިބައިވެ އެއް ކެންޑިޑޭޓް ނެރުމުގެ ރޫހަށް ބުރޫއަރައިގެންދާނެ ކަމެއް ކަމަށެވެ.
"މިއަދުގެ ހާލަތުގައި ހަތަރު ލީޑަރުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ނެރޭނަމަ އެ ކެންޑިޑޭޓަކަށް ވުމަށް އެންމެ ހައްގުކަން ބޮޑީ އޮނަރަބަލް ގާސިމް އިބްރާހީމް އެވެ. އެހެނީ އެމްޑީޕީގެ ކެންޑިޑޭޓަކީ ވެރިކަން ކުރެއްވުމުގެ ފުރުސަތު ލިބި، އެ ފުރުސަތު އަމިއްލަފުޅަށް ދޫކޮށްލާފައިވާ ބޭފުޅަކަށްވުމާ، އަދާލަތު ޕާޓީ އަކީ ވެރިކަމަށް ކެންޑިޑޭޓުން ނެރޭ ޕާޓީއަކަށް ނުވުމާ، ރައީސް މައުމޫން އަކީ ވެރިކަން އަލުން ކުރެއްވުމަށް ޝައުގުވެރިކަން ނެތް ބޭފުޅަކަށް ވާތީ އެވެ." އުމަރުގެ މެސެޖުގައިވެ އެެވެ.
އުމަރު ވިދާޅުވީ މިއަދުގެ ހާލަތުގައި އިދިކޮޅު ފަރާތްތަކާ އަދި އިދިކޮޅު ފަރާތްތަކަށް ތާއީދު ނުކުރާ ނަމަވެސް ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި އެންމެންނާ، ދައުލަތުގެ ބާރުތަކާއި، މިއެންމެން އެއްކޮށް އެއްވެސް ތަފާތު ކުރުމެއް ނެތި މުޅި ގައުމު މަސަލަސް ކުރެވޭނެ ހަަމައެކަނި އިއްތިހާދީ ލީޑަރަކީ ގާސިމް އިބްރާހީމް ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފެހި ގާނޫނު އަސާސީ އެކުލަވާލެވުނު ދުވަސްވަރު ގާސިމް އިބްރާހީމް ވަނީ ކަފިކަފިވެފައިވާ ސިޔާސީ ފިކުރުތައް އެއްގޮތް ކުރައްވާ ފެހި ގާނޫނު އަސާސީގެ ފޮނިމީރުކަން ވެސް ދިވެހިންނަށް ގެނެސްދެއްވާފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް ބުނެފަ އެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޕާޓީގެ ލީޑަރެވެ.
އެއް ކެންޑިޑޭޓް ނެރޭނަމަ އެންމެ ރަނގަޅީ ގާސިމް ނެރުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ