ދީނާ ދެކޮޅު ފިކުރުތަކުގެ އަވާގައި ރާއްޖޭގެ ބައެއް މީހުން ދަނީ ޖެހެމުން: އިބްރާހީމް އަހުމަދު

އިސްލާމް ދީނާ ދެކޮޅު ޚިޔާލުތަކާ ފިކުރުތަކުގައި ރާއްޖޭގެ ބައެއް މީހުން ޖެހެމުންދާކަމީ ހިތާމަ ކުރަންޖެހޭ ކަމެއްކަމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އިބްރާހީމް އަހުމަދު ވިދާޅުވެއްޖެއެވެ.އިސްލާމްދީނާއި ޚިލާފް ވާހަކަތައް ދައްކާ މީހުން އިތުރުވަމުންދާކަމަށްބުނެ، ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ޗެނަލްތާޓީންނަށް މައުލޫމާތު ދެއްވަމުން އިބްރާހީމް އަހުމަދު ވިދާޅުވީ އިސްލާމް ދީނާ ދެކޮޅު ފިކުރުތައް އަބަދުވެސް ރާއްޖެއަށް އަންނަ ކަމަށެވެ. އަދި އެފިކުރުތަކާ ޚިޔާލުތަކުގެ އަވާގައި ބައެއް ދިވެހިން މަދުން ނަމަވެސް ޖެހެމުންދާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމުމެއްގެ ގޮތުގައި ކާބަފައިން ގެނެސްދިން އިރު މިއަމާނާތަށް އެއްވެސް ދިވެއްސަކު ޚިޔާނާތްތެރިވެގެން ނުވާނެ ކަމަށެވެ. އަދި އިސްލާމް ދީން ހިމާޔަތް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އިތުރުން ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ އެނގިހުރެ ނަމަވެސް އަދި ނޭނގި ހުރެ ނަމަވެސް އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ކަންކަން ބައެއް މީހުން ކުރަމުންދާކަމަށެވެ. އެކަން ރަގަޅުކޮށް މުޖުތަމަޢު ހޭލުންތެރި ކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ ކުރިއަށްދާންޖެހޭކަމަށް އިބްރާހީމް ވިދާޅުވިއެވެ. ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފް ކަންކަން ބައެއް މީހުން ކުރާކަމަށް އިބްރާހީމް ވިދާޅުވި އިރު ދާދި ފަހުން ވެސް ދިވެއްސަކު ވަނީ އެހެން ދީންތަކަށް އުޅުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ވާހަކަދައްކާފައެވެ. އަދި އިސްލާމް ދީނާ ޚިލާފް ވާހަކަތައް ރާއްޖެއާއި ބޭރުގެ އެކި ގައުމުތަކުގައި ދައްކަމުންދާ ދިވެހިންވެސް ތިބިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މިފަދަ ގޮތަކަށް ފާޅުގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކުކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ