2008 ވަނަ އަހަރު ވުޖޫދަށް އައި ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ވުޖޫދަށް އަންނަން ޖެހުނު އެންމެ ބޮޑު ސަބަބަކަށް ވެފައި ވަނީ މައުމޫނުގެ ވެރިކަމުގައި ބޭއިންސާފު އިސްކުރެއްވުމެވެ.
ރައްޔިތުންގެ ހައްގުތަކުގައި ކޮޅުފައިން ޖައްސަވައި އަނިޔާވެރިކަން އިސްކުރެއްވުމެވެ. ބައިސްކަލް ބައްތި ނުޖަހައި ދުއްވައިގެން ޖަލަށް ލުމާއި، މައުމޫނުގެ ކާރުކޮޅު ކުރިމަތިން މަގު ހުރަސްކުރުން ފަދަ ކަންކަމުގައި މީހުން ޖަލުގައި ބަންދުކުރުމެވެ. ދައުލަތުގެ ހުރިހާ ބާރެއް މުށުތެރޭގައި ގެންގުޅުއްވުމެވެ.
2008 ވަނަ އަހަރު ވުޖޫދަށް އައި ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިއްބައިދިން އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި އޮތް “ކުޑަ ކެކުރި ބޮޑު ކެކުރި” އިންސާފަށް ނިމުމެއް އައުމެވެ. ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަ ބައެއް ކަމުގައި ކަނޑައެޅިގެން ދިޔުމެވެ.
މިއަދު ޤާނޫނުގެ ކުރިމަތީގައި ވަކި އާއިލާއެއްގެ މީހަކު ނުވަތަ ދައުލަތުގެ އިސް މަޤާމުތައް ފުރުއްވި ބޭފުޅަކު އަދި ކުރީގެ ރައީސެއް ތަފާތެއް ނުވާނެއެވެ. އާންމު ރައްޔިތު މީހާ ކުށެއް ކުރުމުން ލިބޭ އަދަބު ޤައުމުގެ ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކުށެއް ކުރެއްވި ނަމަވެސް ލިބޭނެއެވެ.
ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއްގެ ގޮތުގައި ރައްޔިތުން ކަނޑައެޅިގެން ދިއުމާއި އެކު އެކަމާއި ދެކޮޅު ހަދަން ފެށި ބަޔަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއެވެ. ފާޅުގައި އެެހެން ވިދާޅުނުވި ނަމަވެސް އެ ބަދަލާއި މެދު އެންމެބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެންނެވި އެއް ބޭފުޅަކީ ކުރީގެ ރައީސް މައުމޫނެވެ.
އެކަން ހާމަވެގެންދަނީ މިއަދު މައުމޫނުގެ ދަރިކަލުންގެ މައްޗަށް ޤާނޫނު ހިނގާ މަންޒަރު ބައްލަވަން ކެތްނުކުރެއްވިގެން އެ އުޅުއްވާ ގޮތުންނެވެ. ފާރިސް މައުމޫނު ބަންދުގައި ހުންނެވުން މައުމޫނަކަށް ޤަބޫލެއް ނުކުރެވެއެވެ. މައުމޫނު ޤަބޫލުކުރައްވާ ގޮތުގައި ފާރިސް ކުށެއް ނުކުރައްވާނެއެވެ.
މައުމޫން ވިދާޅުވާ ގޮތުގައި ގޯސް ހައްދަވައިގެން އުޅުއްވަނީ މުޅި ދައުލަތެވެ. ޕީޖީ އާއި ކޯޓުތައް ވެސް ގޯހެވެ. ފުލުހުންނާއި ސިފައން ވެސް ގޯހެވެ. ކަރެކްޝަނަލް ސަރވިސް އާއި މިނިވަން ހުރިހާ މުއައްސަސާއެއް ވެސް މައުމޫނުގެ ނަޒަރުގައި ގޯސް ވެއްޖެއެވެ.
ރަނގަޅީ ހަމަ ދަރިކަލުން ފާރިސް އެވެ. ފާރިސް ކުށްވެރިވެދާނެތީ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ވެސް މައުމޫނަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް ޤާނޫނު އަސާސީގައި ކުރީގެ ރައީސުންގެ ދަރިކަލުންގެ މައްޗަށް ޤާނޫނު ނުހިންގޭނެ ވާހަކައެއް ނެތެވެ. ކުރީގެ ރައީސުން ބޭނުންގޮތަކަށް ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ޖާގަ ލިބިދޭ ވާހަކައެއް ވެސް ނެތެވެ.
މައުމޫނު ބޭނުންފުޅުވިޔަސް މި ޤާނޫނު އަސާސީއަކުން ކުޑަ ކެކުރި ބޮޑު ކެކުރި އިންސާފް ލިބޭކަށް ނެތް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ