ސްކޫލަށް ދާ ކުދިންނަށް ހެނދުނުގެ ނާސްތާ ވަރަށް މުހިއްމެވެ. ސަބަބަކީ ރޭގަނޑު ހަތަރުދަމު ނިދާފައި ހޭލާއިރު ބަނޑު ހުންނާނީ މުޅިން ހުހަށެވެ. ހެނދުނު ސައި ބުއިމުން ބަނޑަށް ހަމަޖެހުން ލިބެ އެވެ. އަދި ސްކޫލަށް ގޮސް ކިޔަވާނެ ހަކަތަ ވެސް ހަށިގަނޑަށް ލިބެ އެވެ.
ހެނދުނު ސައި އެންމެ މުހިއްމުވާ ސަބަބަކީ އޭގެ ސަބަބުން ކުދިންނަށް ހަކަތަ ލިބި، ސިކުނޑި ތާޒާވާނެތީ އެވެ. ހެނދުނު ހޭލައިގެން އެއްޗެއް ނުކައި ހުންނަ ނަމަ ހަށިގަނޑުގައި ހަކަތަ މަދުވާނެ އެވެ. ފިލާވަޅުތަކާ މެދު ވިސްނަން އުނދަގޫވާނެ އެވެ. ނުވަތަ ފިލާވަޅުތައް ރަނގަޅަކަށް ނެހެދޭނެ އެވެ. އިންޓަވަލް ގަޑި ޖެހެންވާއިރަށް ކުއްޖާ ހުންނާނީ ހާންތިވެފަ އެވެ.
ބައެއް ފަހަރު ސްކޫލްގެ އެހެނިހެން ކަންކަން ކުރަން ހަދައިގެން އިންޓަވަލް ގަޑީގައި ވެސް އެއްޗެއް ނުކެވި ބައެއް ކުދިން ތިބެ އެވެ. އެގޮތަށް ދިމާވެއްޖެ ނަމަ އިތުރަށް ހަކަތަ މަދުވާނެ އެވެ.
ނާސްތާއަކަށް އެންމެ ރަނގަޅީ
* ހަކަތަ ލިބޭ ކަހަލަ ކޮންމެ އެއްޗެއް ވެސް ރަނގަޅެވެ. ހޯލްމީލް ޓޯސްޓަކާއި ސީރިއަލްކޮޅަކާއި އަދި ބިހެއް ކެޔަސް ސްކޫލް ނިމިގެން ގެއަށް ދަންދެން ފުދޭ ވަރުގެ ހަކަތަ އާއި ބާރު ހަށިގަނޑަށް ލިބޭނެ އެވެ.
* ކިރު އަދި ކިރުގެ ބާވަތްތައް، ހެދެމުން އަންނަ ހަށިގަނޑާއި ކަށިތަކުގެ ސިއްހަތަށް ވަރަށް މުހިންމެވެ.
* ޓޯސްޓަރަކުން ޕާން ފޮތި ހޫނުކޮށްލައިގެން ކާލާކަށް މާ ގިނަ ވަގުތެއް ނުނަގާނެ އެވެ.
* ހުސް ކިރުތަށި ބޯން ބޭނުން ނޫން ނަމަ ބްލެންޑާގައި ކިރުތައްޓާއި މޭވާއެއް އެއްކޮށްލައިގެން މީރު ސްމޫތީއެއް ތައްޔާރުކޮށްލެވިދާނެ އެވެ.
* ޔޯގަޓާ އެކު ތާޒާ މޭވާއެއް ކެވިދާނެ އެވެ.
* ޕީނަޓް ބަޓާ ސޭންޑްވިޗަކާއި ދޮންކެޔޮ ވަކެއް ރަނގަޅުވާނެ އެވެ.
* ރޭގަނޑު ގެނެސް ބާކީވެފައި ހުރި ޕިއްޒާ ކަހަލަ އެއްޗެއް ހޫނުކޮށްލައިގެން ކެވިދާނެ އެވެ.
ފާހަގަކޮށްލަން ޖެހޭ މުހިއްމު ނުކުތާތައް
މަޝްހޫރު ގިނަ ސީރިއަލްތަކުގައި ވަރަށް ގިނައިން ހަކުރު ހިމެނެ އެވެ. ހަކުރަކީ ހަށިގަނޑަށް ގެއްލުން ހުރި އަދި ހަށިގަނޑު ލޮޑުކޮށްދޭ އެއްޗެކެވެ. އެހެންކަމުން ފޮނި ރަހަ ގަދަ ސީރިއަލް ގަންނަން މައިންބަފައިން ވެސް ސަމާލުކަން ނުދޭށެވެ.
'ބްރެއިން ފުޑް' ޕްރޮގްރާމް
ބައެއް ކުދިންނަށް ހެނދުނު ހޭލައިގެން ސްކޫލަށް ދިއުމުގެ ކުރިން ކައިބޮއި ހަދަން ވަރަށް އުނދަގުލެވެ. މިހެން ދިމާވާ ވަރަށް ގިނަ ސަބަބުތައް ހުރެ އެވެ. ފަހަރެއްގައި ކުދިން ކާހިތްވާ ކަހަލަ އެއްޗެއް ގޭގައި ނެތީ އެވެ. ނުވަތަ ހަށިގަނޑުގައި ހަކަތަ ހުރީމަ ކާން ބޭނުން ނުވަނީ ކަމަށް ވެދާނެ އެވެ.
ބައެއް ސްކޫލްތަކުގައި 'ބްރެއިން ފުޑް' ޕްރޮގްރާމް ހިންގަ އެވެ. މި ޕްރޮގްރާމް ހިންގާއިރު ކިޔަވައިދޭން ފަށާތާ އެއް ގަޑިއިރު ތެރޭގައި ކުޑަ ވަގުތުކޮޅެއް އިންޓަވަލް އަށް ދެ އެވެ. ނަމަވެސް މި ގަޑީގައި ކުދިން ކާން ޖެހެނީ ކުޑަ ސްނެކްސްއެކެވެ. އެއީ ސިއްހަތަށް ފައިދާ ކުރާ ނަޓްސްކޮޅެއް، މޭވާއެއް، ތަރުކާރީއެއް ނުވަތަ ޔޯގަޓް ތައްޓެއް ކަހަލަ އެއްޗެކެވެ. އޭރުން ކުއްލިއަކަށް ކުދިންގެ އެނާޖީ ލެވެލް މަތިވެ މެންދުރުވަންދެން ވެސް އެ ހަކަތަ ހަށިގަނޑުގައި ހުރެ އެވެ. އެހެންނޫނީ ބައެއް ކުދިން ކްލާހުގައި ކިޔަވަން އިންނަ އިރާއި ފިލާވަޅު ހަދާ ގަޑީގައި ބަނޑުހައިވެ ކެއުމާ ބެހޭ ގޮތުން މާ ބޮޑަށް ވިސްނޭ ގޮތް ވެއެވެ.
ސްކޫލްގައި މިފަދަ ޕްރޮގްރާމެއް ނެތް ނަމަ ބެލެނިވެރިން ކައިރީ ބުނެގެން ސްކޫލާ ވާހަކަ ދައްކައިގެން އެކަހަލަ ކަމެއް ކުރިޔަށް ގެންދެވިދާނެ އެވެ.
މި ގޮތަށް ޕްރޮގްރާމް ނުހުންނަ ސްކޫލްތަކުގައި އުޅޭ ކުދިން ވެސް އިންޓަވަލް ގަޑީގައި ޖަންކް ފުޑް ކެއުމުގެ ބަދަލުގައި ނަޓްސް ކޮޅަކާއި މޭވާއެއް ނުވަތަ ސްޓީމް ކޮށްފައިވާ ތަރުކާރީ ކޮޅެއް ނުވަތަ ޔޯގަޓް ތައްޓެއް ފަދަ އެއްޗެއް ކެއުމުން ކިޔެވުމާ މެދު ވިސްނަން ފަސޭހަވެފައި ބަނޑުހައި ވެގެން އުޅޭކަށް ވެސް ނުޖެހޭނެ އެވެ.
ސިއްހީ މާހިރުންގެ ޚިޔާލު
ސިއްހީ މާހިރުން ބުނާ ގޮތުގައި ކާރެއްގައި ދަތުރެއް ފެށުމުގެ ކުރިން ވެސް އޭގައި ޕެޓްރޯލް ހުރި މިންވަރެއް ބަލަން ޖެހެ އެވެ. އެގޮތަށް ކުދިން ސްކޫލަށް ދާން ނިކުތުމުގެ ކުރިން ވެސް ކުއްޖާގެ ގައިގައި ހަކަތަ ހުރި ވަރު މައިންބަފައިންނަށް އިހުސާސްކުރެވެން ޖެހޭނެ އެވެ. ސްކޫލަށް ދާ ގަޑީގައި ހަކުރު ގިނަ ކާނާ ކެއުމުން ވަގުތުން ހަކަތަ އިތުރުވެދާނެ އެވެ. ނަމަވެސް އެ ހަކަތަ އެހާމެ އަވަހަށް ހުސް ވެސް ވާނެ އެވެ. ސީރިއަލް ކާ ކުއްޖެއް ނަމަ ހަކުރުގެ ބައި މަދުން ހިމެނޭ ސީރިއަލްއެއް ހޯދާށެވެ. ހޯލް ގްރެއިން ޕާން، ބިސް، ކިރު، ކިރުން އުފައްދާފައި ހުންނަ ތަކެތިން ލިބޭ އެނާޖީ ގިނަ ވަގުތަށް ދެމިގެންދާނެ އެވެ.
ހެނދުނުގެ ކިރު ތައްޓެއް ކޮންމެ ކުއްޖަކަށް ވެސް މުހިއްމެވެ. އެކަމަކު ކިރުގެ ބާވަތްތައް ބޮއިގެން އުނދަގޫވާ ކުދިން އާމަންޑް ކިރު، ސޯޔާ ކިރު ކަހަލަ އެއްޗެއް ބޭނުން ކުރެވިދާނެ އެވެ.
ސްކޫލް ގައިޑް: ދަރިވަރުންގެ ހެނދުނުގެ ނާސްތާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ