ޖިނާއީ މައްސަލަތައް އެއްވެސް ކޯޓަކަށް ތަހުގީގެއް ނުކުރެވޭނެ: ގުޅިފައިވާ ސިޔާސީ ޕާޓީތައް

އެއްވެސް ކޯޓަކަށް ޖިނާއީ މައްސަލަ ތަހުގީގު ކުރުމުގެ އިޙްތިޞާސެއް ނޯންނާނެ ކަމަށާއި، އެކަން ނުކުރެވޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
ހޯމަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޤާނޫނީ ވަކީލު ހިސާން ހުސެއިން އިންޓަވިއުއެއްގައި ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ސުވާލު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން އެކޯޓުން އިސްނަގައިގެން އަންގައިފައި ވަނީ ކޮން ހައިސިއްޔަތަކުންތޯ ސުވާލު އުފައްދަވާފައެވެ.
"އަލްއުސްތާޛާ ހިސާން ހުސެއިން ކޯޓަށް މިއަދު ހާޒިރު ކޮށްފި. ހިސާން ހުސެއިން އިންޓަވިއުއެއްގަ ވިދާޅުވެފައިވާ ވާހަކަ ތަކަކާއި ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ނުވަތަ ސުވާލު ކުރުމަށްޓަކައި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ނޭނގޭ ކަމަކީ ކުރިމިނަލް ކޯޓަށް މައްސަލަތަށް ތަހުގީގު ކުރުމުގެ ބާރު ލިބުނީ ކޮން އިރަކުކަން،" އަލީ ހުސެއިން ވިދާޅުވިއެވެ.
ކޯޓުތަކަކީ އެއްވެސް ހާލަތެއްގަ ތަހުގީގު ކުރަން ހަދާފައި ތަނެއް ނޫން ކަމަށާ އެހެން ނަމަވެސް ކުރިމިނަލް ކޯޓުން އެގޮތަށް އަމުރު ނެރެފައިވާތީ އިތުރަށް ބެލިބެލުމުން ޔަގީންވެގެން ދިޔައީ އެ ކޯޓަށް އަމިއްލައަށް އިސްނަގައިގެން ޖިނާއީ މައްސަލަ ނުބެލޭނޭކަން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ދިރާސާކޮށް ބެލި ބެލުމުންވެސް ކުރިމިނަލް ކޯޓަށް އެ އިޚްތިސާސް ލިބިގެންފައިވާތީ ނުފެނޭ. ކޯޓުތަކާއި ބެހޭ ގާނޫނުގެ ކުރިމިނަލް ކޯޓުގެ އިޚްތިސާސްތަކަށް ބެލީމަވެސް ޖިނާއީ މައްސަލަތައް ބަލާ ތަހުގީގު ކުރުމުގެ ބާރަކީ އެއްވެސް ކޯޓަކަށް ލިބިފައިވާ ނުވަތަ ދީފައިވާ ޖުރިސްޑިކްޝަން ނުވަތަ އިޚްތިސާސް އެއް ނޫން. އެހެންވީމާ ކޯޓުތަކުން ޖިނާއީ މައްސަލަތައް ބަލާ ތަހުގީގެއް ނުކުރެވޭނެ."
އެހެންކަމުން ކޯޓު ގެ އަމަލުތަކުން ޔަގީން ވެގެން ދަނީ މިއީ ހިސާންއަށް ބިރުދެއްކުމަށް ކުރި ކަމެއްކަން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.   
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރީ ހޯމަ ދުވަހުގެ ހެނދުނު 10:00ގައިއެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވާ ކަމަށް ކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން މީޑިޔާއަށް ދީފައިވާ މައުލޫމާތަކާ ގުޅިގެން އޭނާއާ ވަނީ ސުވާލުކޮށް ބަޔާނެއް ނަގާފަ އެވެ. ނަމަވެސް މި ކަމާ ގުޅޭ ގޮތުން ހިސާން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ހިސާން ކްރިމިނަލް ކޯޓަށް ހާޒިރުކުރާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިސާން ކޯޓަށް ހާޒިރުކުރުމަކީ ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ. އަދި އެއީ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކަށް ދެވޭ "ހަމަލާއެއް" ކަމަށްވެސް އެމަނިކުފާނުގެ އެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.  
 
  
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ