ކުއްލި ނުރައްކަލުގެ ހާލަތޭ ބުނެ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މީޑިއާތައް ނުވެއްދި ނަމަވެސް އެ ކޮމެޓީގެ ބައްދަލުވުން ސިއްރު ނުކުރާ ކަމަށް އެ ކޮމެޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ގާފޫރު ވިދާޅުވީ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ބޭއްވީ މީޑިއާ ނުވައްދައި، ނުވަތަ ސިއްރުކޮށްގެން ނޫން ކަމަށެވެ. ކޮމެޓީގެ އެ ބައްދަލުވުމަށް މީޑިއާ ނުވެއްދި ސަބަބެއް ނޭނގޭ ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ހޯމަ ދުވަހު މާލިއްޔަތު ކޮމެޓީގެ އެ ބައްދަލުވުން ކަވަރ ކުރުމަށް މީޑިއާތަކުން ދިއުމުން މަޖިލީހުގެ އިދާރާ އާ ހަވާލާދީ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުންދާ ސިފައިން ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގައި މަޖިލީހުގެ ކޮމެޓީތަކަށްވެސް އެއްވެސް މީޑިއާއަކަށް ނުވަދެވޭނެ ކަމަށެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް ހޯމަ ދުވަހުގެ 11:00 ގައި ބާއްވާފައި ވެއެވެ. މި ކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ:
- އިދާރީ މައްސަލައެއްވާނަމަ މަޝްވަރާ ކުރެއްވުން
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2017 ވަނަ އަހަރުގެ އޮޑިޓް ކުރުމަށް އޮޑިޓަރ އެއް އައްޔަން ކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން
- ދައުލަތުގެ މެދުރާސްތާގެ ފިސްކަލް އަދި ލޯން ސްޓްރެޓެޖީ، ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާތީ، މިސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިޔުން
- މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސައްކަތްތަކާގުޅޭ ގޮތުން، މަޝްވަރާ ކޮށްލުމަށް، ކޮމެޓީއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދި މީޑީއާ ކައުންސިލުން ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާ ކުރެއްވުން ކުރިއަށް ގެންދިއުން
- ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ލޯން އަދި ސޮވެރީން ގެރެންޓީ އާގުޅޭ ލިޔުންތައް މެމްބަރުންނާ ހިއްސާކޮށް، މަޝްވަރާ ކުރެއްވުން
- އެހެނިހެން
މާލިއްޔަތު ކޮމެޓީގެ ހޯމަ ދުވަހުގެ ބައްދަލުވުމަށް މީޑިއާތައް ނުވެއްދި ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް މަޖިލީހުގެ އިދާރާއިން ދަނީ މީޑިއާތަކަށް ދެމުންނެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް މީޑީއާތަކަށް ދައުވަތު ދެއްވިއިރު، އެޖަލްސާ ބާއްވާފައި ވަނީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ދަރުބާރު ގޭގައެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ދެއްވާފައެވެ. އަދި ހޯމަ ދުވަހު މިވަނީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ދެ ވަނަ ޖަލްސާވެސް ބާއްވާފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނެތްއިރު، މީގެކުރިން މަޖިލީހުން ބޭއްވި މުހިއްމު ގިނަ ކޮމެޓީތަކެއްގެ ބައްދަލުވުންތައް މީޑިއާތައް ނުވެއްދުމަށް އެ ކޮމެޓީތަކުން ނިންމާފައިވެއެވެ.
މަޖިލީހުގެ ޤަވާއިދު އޮންނަ ގޮތުން ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީ، ނުވަތަ ކޮމެޓީގެ ބައެއް ސިއްރުކުރުމަށް ކޮމެޓީގެ މެމްބަރުންނަށް ނިންމި ދާނެއެވެ. އެހެން ނޫންނަމަ މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތަކާއި ޖަލްސާތައް ބާއްވަންޖެހެނީ އާއްމުކޮށް ހުޅުވާލައިގެންނެވެ.
މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިހާރު ހިންގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތުގެ ރޭޓްދަށް، މައުލޫމާތު ހޯދުމަށް މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ މަޖިލީހެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީއަށް ވުރެވެސް ގިނަ މެމްބަރުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މިއަދާ ހަމައަށް އެ މައްސަލައަށް ވޯޓެއް އެހުމެއްނެތި، މަސީހު ގެންދަވަނީ ގަދަބާރުން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަވަމުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައިވާއިރު، ގިނަ އަދަދެއްގެ ސިފައިން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ، މަޖިލިސް ސިފައިންގެ ބާރުގެދަށަށް ގެންގޮސް އެ މަޖިލިސް "ހިސޯރު" ކޮށްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރެއް ނުކުރަން: މެމްބަރު ގަފޫރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ