އާފިޔާގެ ފަރާތުން މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އިބްތިހާލްގެ މާމަ ބުނެފި

ވ. ރަކީދޫގައި އަނިޔާކޮށް ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ އިބްތިހާލްގެ މަންމަ، އާފިޔާ މުހައްމަދުގެ ފަރާތުން މަރުގެ ދިޔަ ހޯދަން ބޭނުން ނުވާ ކަމަށް އާފިޔާގެ މަންމަ ޝާފިއާ މުހައްމަދު ބުނެފި އެވެ.
މިމައްސަލާގައި ފަސް މަސް ފަހުން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އިބްތިހާލްގެ ވާރިސުންގެ ހެކިބަސް ނަގަމުން މައްސަލަ ބައްލަވާ ގާޒީ މުހުތާޒު ފަހްމީ ވަނީ އާފިޔާގެ ފަރާތުން މަރުގެ ދިޔަ ބޭނުންތޯ ޝާފިއާއާ ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ޝާފިއާ ބުނުމުން ގާޒީ ވަނީ މަރުގެ ދިޔައަކީ ކޮން އެއްޗެއް ކަން އެނގޭތޯ ޝާފިއާއާ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި އެއީ ކޮން އެއްޗެއްކަން ނޭނގޭ ކަަމަށް ޝާފިއާ ބުނުމުން ގާޒީ ވަނީ މަރުގެ ދިޔައަކީ ކޮބައިކަމާއި މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި ނަގައިދެނީ އެއްލައްކަ ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން އަނެއްކާވެސް މަރުގެ ދިޔަ ހޯދަން ބޭނުންތޯ ގާޒީ ސުވާލުކުރެއްވުމުން ވެސް ޝާފިއާ ބުނީ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ.
އިބްތިހާލްގެ އިތުރު ވާރިސުން ތިބޭތޯއާއި، އެ މީހުންނަކީ ކޮބައިކަން އެނގޭތޯ ގާޒީ ސުވާލުކުރެއްވުން ޝާފިއާ ބުނީ އޭނާ ކައިރީ އިތުރު ކުދިންތަކެއް ނެތުމުން އެ މައުލޫމާތު އޭނާއަށް ނޭނގޭ ކަމަށެވެ. އެކުދިންނާ ގުޅޭ މައުލޫމާތު އެނގޭ މީހެއްގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ގާޒީ އެދިވަޑައިގަތުމުން ޝާފިއާ ވަނީ ރަކީދުގެ ތިން މީހެއްގެ ނަން ކޯޓާ ހިއްސާކޮށްފަ އެވެ. ހުސައިން މުއާޒާއި އާދަމް ސާމީގެ އިތުރުން އާދަމް ހުސައިން އެވެ.
މަރުގެ ދިޔަ ނެގުމާ ގުޅޭ ގޮތުން އިބްތިހާލުގެ ވާރިސުންގެ ބަސް ހޯދަން ގާޒީ އުޅުއްވުމުން ދައުލަތުން މިއަދު ވަނީ ފުރަތަމަ އެކަމަށް އިންކާރުކޮށްފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ އިސްލާމީ ޝަރީއަތުގައި މައިންބަފައިން ދަރިއަކު މަރާލައިގެން މަރަށް މަރު ނުހިފޭނެތީވެ، އެހާލަތުގައި ވާރިސުންގެ ބަސް ހޯދުން މުހިއްމު ނުވާނެ ކަމަށެވެ. ދައުލަތުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ގާޒީ ވިދާޅުވީ މިއީ ގާނޫނީ މައްސަލައަކަށް ވުރެ ބޮޑަށް ޝަރުއީ މައްސަލައަކަށްވެފައި މަރުގެ ދިޔައަކީ ވާރިސުންނަށް ލިބިގެންވާ ހައްގަކަށް ވާތީ ޝާފިއާގެ ބަސް ހޯދަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ގާޒީ މުހުތާޒު މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ އިބްތިހާލުގެ އިތުރު ވާރިސުންގެ މައުލޫމާތު ކޯޓުން އޮޅުންފިލުވުމަށްފަހު މިމައްސަލައިގެ އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.
އާފިޔާ އަނިޔާކުރުމާ ގުޅިގެން އިބްތިހާލް މަރުވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އާފިޔާގެ މައްޗަށް އުފުލާފައިވާއިރު މިހާތަނަށް ބޭއްވި އަޑުއެހުންތަކުގައި އާފިޔާ ވަނީ އިބްތިހާލްއަށް އަބަދުވެސް އަނިޔާކުރާ ކަމަށް އެއްބަސްވެ އިބްތިހާލް މަރުވި ދުވަހު އަނިޔާކުރުމުގެ ގޮތުން ކަންކުރި ގޮތް ވެސް ޝަރީއަތުގައި ކިޔައިދީފަ އެވެ.
އިބްތިހާލްގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ދައުލަތުގެ ފަސް މުވައްޒަފެއްގެ މައްޗަށް އިހްމާލުގެ ދައުވާ ވެސް އުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ