ހޯރަފުށީ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

ތިންރަށެއްގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ ހއ. ހޯރަފުއްޓާއި ޅ.ހިންނަވަރާއި ގދ.ތިނަދޫގެ މަގުތަކެވެ.އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.މީގެތެރެއިން ޅ.ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 7.1 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 122 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިމަޝްރޫޢުގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ހަރުކޮށް 17 މަސްދުވަހުގެ ތެރޭގައި ނިންމާ ޙަވާލުކުރަންޖެހެއެވެ. މަގުތަކުގައި ތާރުއެޅުމަށް ހިންގާ މަޝްރޫޢުގެ ދަށުން ގދ.ތިނަދޫގެ މަގުތަކުގައި ތާރުއެޅުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް އާރްޑީސީއާއި ވަނީ ޙަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ތިނަދޫގައި 6.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށްވަނީ ހަމަޖެހިފައެވެ. 15 މަސްދުވަހުގެ ތެރޭގައި އެރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅުމަށް އާރްޑީސީއާއި ޙަވާލުކޮށްފައިވަނީ 78 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މިޕްރޮޖެކްޓްގެ ދަށުންވެސް ތިނަދޫގެ މަގުތަކުގައި ފެންހިންދާ ނިޒާމާއި މަގުބައްތި ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ