ކޮވިޑް19 ދިފާއު: ބަންގްލަދޭޝްގެ ސިއްހީ ޓީމެއް މިއަދު ރާއްޖެއަށް އަންނަނީ

ވެކްސިން ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ އެއާފޯސްގެ ސިއްހީ އެހީތެރިންގެ ޓީމެއް ރާއްޖެ ގެންނަން ނިންމައިފި އެވެެ.ތޭވީސް ސިއްހީ މާހިރުންގެ މި ޓީމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ބޭރުގައުމުތަކުގެ މީހުންނަށް ވެކްސިން ދިނުމުގައި ފަސޭހަަތަކެއް ވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.އެ ޓީމުގައި ހިމެނެނީ 11 ނަރުހުންނާއި، 10 މެޑިކަލް އެސިސްޓެންޓުންނާއި އެނެސްތީސިއޮލޮޖިސްޓެއް ކަމަށާއި އެ މީހުން މަސައްކަތް ކުރާނީ ރާއްޖޭގެ ސިއްހީ މަސައްކަތްތެރިންނާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ދެ މަސް ދުވަހަށް ސިއްހީ މާހިރުންގެ އެ ޓީމް ރާއްޖޭގައި ހަރަކާތްތެރިވުމަށް ހަމަޖައްސާފައިވާއިރު ރީޖަނަލް ހޮސްޕިޓަލްތަކުގައްޔާއި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގައި އެ ޓީމުގެ މެންބަރުން ހަރަކާތްތެރިވާނެއެވެ.ރައީސްގެ އިސްނެންގެވުމުގެ މަތިން މި ކެމްޕޭނަށް އެހީތެރިކަން ހޯދުމަށް، ބަންގްލަދޭޝް ސަރުކާރަށް ދައުވަތުދީފައި ވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދި ފަހުން އެ ގައުމަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މިދިޔަ މަހުގެ 10 އިން 11 އަށް ޝާހިދު ޑާކާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ، މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިހާތަނަށް މާލެ ސަރަހައްދުން 79،356 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 44،309 މީހަކަށް ވެކްސިން ދީފައިވެއެވެ.ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މިވަގުތު 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހޭނެ އެވެ. އަދި 18 އަހަރުން މަތީގެ ބަލި މީހުންނަށްވެސް ވެކްސިން ދެއެވެ. މިއަދުން ފެށިގެން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން މާލެ ސަރަހައްދުގައި ފަށާނެ އެވެ. ލިޔެކިޔުންތަކާ އެކު، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އެޗްޕީއޭގެ ވެކްސިނޭޝަން ޕޯޓަލްގައި ރަޖިސްޓްރީވެގެން ވެކްސިން ސެންޓަރުތަކުން ވެކްސިން ޖެހެ އެވެ. ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖެހެނީ ރެޑް ކްރެސެންޓުގައި ރަޖިސްޓްރީވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ