ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް: ރައީސް މައުމޫން

ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތްކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޙާލަތާއި ގުޅޭ އަދި ރާއްޖެއަށް އެންމެ ފައިދާހުރި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުންވެސް ނިންމާފައިވަނީ އެގޮތަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ވީމާ ބަރުލަމާނީ ނިޒާމަކަށް ރާއްޖެއަކު ޖާގައެއްނެތް. ވަރަށް ސާފު"، ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭ އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާއި ބެހޭގޮތުން ވާހަކަދައްކަވާފައެވެ.
އެގޮތުން 2023 ގައި ރިޔާސީ އިންތިޚާބެއް އޮންނާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އިދިކޮޅު ޕީޕީއެމް-ޕީއެންސީންވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދުކުރައްވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ބަރުލަމާނީ ނިޒާމަށް ފާޅުގައި ދެކޮޅެއް ނަހައްދަވާކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ފޮޓޯ: މިހާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ