މިސްކިތުގެ މުވައްޒަފުންނަށް މުސާރަ ނުދެވެނީ މިނިސްޓްރީން ފައިސާ ނުފޮނުވާތީ: ކައުންސިލްތައް

އެކި ރަށްރަށުގެ މިސްކިތްތަކުގެ މުވައްޒަފުންނަށް މުސާރަ ނުދެވި ގިނަ ދުވަސްވަނީ އިސްލާމިކް މިނިސްޓްރީން އެ މުވައްޒަފުންގެ މުސާރަ ކައުންސިލްތަކަށް ނުފޮނުވާތީ ކަމަށް ބައެއް ކައުންސިލްތަކުން ބުނެފި އެވެ.
ކުރިން މިސްކިތްތައް ބަލަހައްޓަމުން އައީ ރަށު ކައުންސިލްތަކުންނެވެ. ނަމަވެސް މިިދިޔަ އަހަރު ވަނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން މިސްކިތްތައް ބަދަލުކޮށްފަ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވީ މާދަޑު އަވަށުގެ ހަތަރު މިސްކިތެއްގެ 11 މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ އަދި ވެސް ނުދެވޭ ކަމަށެވެ. މުސާރަ ނުދެވުމުގެ ސަބަބުން، ދަރިން ސްކޫލަށް ގެންދަންޖެހޭ ތަކެތި ނުގަނެވުމާއި ކަރަންޓު ބިލް ނުދެއްކިގެން ބައެއް މީހުންގެ ގެއަށް ރަތް ބިލް ވެސް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ކައުންސިލަރު ވިދާޅުވީ، މަސް ނިމޭ ހިސާބުގައި އާއްމު ގޮތެއްގައި މުސާރަ ޖަމާވާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ދަށަށް މިސްކިތްތައް ބަދަލުކުރި ފަހުން ބަރާބަރަށް މުސާރަ ނުލިބުމާއި މިސްކިތްތައް މަރާމާތު ކުރުމުގައި ވެސް ދަތިތަކެއް ދިމާވާ ކަމަށް ވިދާޅުވި އެވެ.
"[އިސްލާމިކް]މިނިސްޓްރީގެ ދަށަށް ބަދަލުކުރީމަ، މިނިސްޓްރީގެ ހުއްދަ ނަގައިގެން މިސްކިތުގެ މަރާމާތުގެ މަސައްކަތެއް ވެސް ކުރެވޭނީ. އެހެންވެ ބައެއް ފަހަރު، މިނިސްޓްރީގެ ހުއްދަ ނުލިބި ލަސްވެގެން ވެސް މަރާމާތުގެ މަސައްކަތްތައް ނުކުރެވި އެބަހުރި. މިހާރު ވެސް މިސްކިތްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ 11 މުވައްޒަފުންނަށް މުސާރަ ނުލިބިގެން މި އުޅެނީ،" ކައުންސިލަރު ވިދާޅުވި އެވެ.
"މި ދިޔަ ރަމަޟާން މަހަށް މި ރަށުގެ 32 މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު ދޭންޖެހޭ މިލިއަނެއްހާ ރުފިޔާ އެބަހުރި. އަދިވެސް އެ ފައިސާ ނުލިބޭ. މިނިސްޓްރީ އަށް ގުޅާލުމުން މި ބުނަނީ އެ ކަންތައް ބަލަމުން އަންނަކަމަށް. އެކަމަކު މިނިސްޓްރީން އަޅާނުލާތީ ހަތް މަސް ވެގެން ދިޔަ އިރު ވެސް ފައިސާ ނުލިބޭ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކި ކައުންސިލަރު ވިދާޅުވި އެވެ.
ހދ. މަކުނުދޫ ކައުންސިލުން ވެސް ބުނީ އެ ރަށު ތިން މިސްކިތުގެ ވަގުތީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށެވެ. ނަމަވެސް ދާއިމީ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދައްޗެއް ކުރިމަތިނުވާ ކަމަށް ވިދާޅުވި އެވެ.
"ވަގުތީ މުވައްޒަފުންނަށް މުސާރަ ދެނީ މަހުގެ 15 އިން 15 އަށް. އެ މީހުންގެ މުސާރަ ފޮނުވުމުގައި މިނިސްޓްރީ އިން ލަސްތަކެއް ދިމާވަނީ،" މަކުނުދޫ ކައުންސިލުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
ގދ. ތިނަދޫ މިސްކިތްތަކުގެ މުވައްޒަފުންގެ މުސާރަ އަށް ވާ ފައިސާ އިސްލާމިކް މިނިސްޓްރީން ނުފޮނުވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ވަނީ، އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު ބާތިލްކޮށްފަ އެވެ. އަދި މިސްކިތްތަކުގެ ،މުވައްޒަފުން ވަނީ އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރާއި އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރަށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވާތީ މިކަމުގައި އެ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ