ވާދޫގެ ކުނިކޮށީގައި ކަރަންޓް ނެތުމަކީ ބޮޑު ގޮންޖެހުމެއް

(ރ.ވާދޫ) މި ރަށަކީ ވަރަށް ސާފުތާހިރު ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރަށެކެވެ. ރަށުތެރެއަށް ބަލާލިކަމުގައިވިޔަސް ރަށުގެ ސާފް ތާހިރުކަން އެތައް ގޮތަކުން ފާހަގަވެއެވެ. ރަށުގެ އެ ރީތަކަމާއި، އެއްވަރަށް ރަށުގެ ރައްޔިތުންވެސް އެ ކަންކަން ދެމެހެއްޓުމަށްޓަކައި ދެއްވަމުން ގެންދަވާ އެއްބާރުލުމަކީ ފުރިހަމަ ނަމޫނާއެކެވެ.
މިރަށަކީ ޒަމާނުއްސުރެން ފެށިގެން ރައްޔިތުންނަށް ކުންޏަށް ހޭލުންތެރިވެފައިވާ ރަށެކެވެ. އެއިރުވެސް ރަށުގައި ކުނި އެޅުމަށް ހާއްސަ ސަރަހައްދެއް އޮންނައިރު، ކުރިއެކޭ އެއްގޮތަށް މިހާރުވެސް ރަށުގެ ކުނި އުކާލުމަށް ސަރަހައްދެއް ކަނޑެއެޅިފައި އޮވެއެވެ. ކުނި އެންމެ ފުރިހަމަ ގޮތުގައި ނައްތާލުމަށް މިރަށުގެ ކައުންސިލުންވެސް މަސައްކަތްތަކެއް ކުރާކަން ފާހަގަކޮށްލަން ޖެހެއެވެ.
މިރަށުގައި ގާއިމްކޮށްފައިވާ ކުނިކޮށްޓަކީ ޔޫއެންޑީޕީގެ އެހީއާއެކު ގާއިމްކޮށްފައިވާ ކުނިކޮށްޓެކެވެ. މި މަސައްކަތުގައި މިރަށު ރައްޔިތުންގެ ވަރަށް ބޮޑު ބައިވެރިވުމެއް ލިބުނެވެ. މި ކުނި ކޮށި ވަންދޫ ޕްރޮޖްކްޓާއެކު މިހާރު މި ވަނީ އަޕްގްރޭޑްކޮށްފައެވެ.
މިރަށު ކައުންސިލްގެ ރައީސް ހުސައިން އަލީ ވިދާޅުވީ މިރަށުގައި ކުނި ނައްތާލުމަށްޓަކައި ކުނިކޮށްޓެއް ގާއިމްކޮށްފައިވާތާ ދުވަސްތަކެއް ވެއްޖެކަމަށާއި، އެހެންނަމަވެސް އެ ކުނިކޮށީގެ ބޭނުން ބައެއް ސަބަބުތަކާހުރެ ނުކުރެވިފައި ވާކަމަށެވެ.
އެގޮތުން މިރަށުގައި ގާއިމްކުރެވިފައިވާ ކުނި ކޮށީގައި ކަރަންޓް ނުލިބޭ މައްސަލަ އެއީ ވަރަށް ބޮޑު މައްސަލައެއްކަމަށް މިރަށު ކައުންސިލުން ފާހަގަކުރެއެވެ. އަދި އެކަމާ ވަރަށް ބޮޑަށް ދަތިވާކަމަށްވެސް ކައުންސިލުން މައުލޫމާތުދެއެވެ. ރައީސް ވިދާޅުވީ ޑަސްޓްބިންތައް ދޮވުން ފަދަ ކަންކަން ކުރައްވަން ޖެހެނީ މޫދުންނާއި އެތާއި ކައިރީ ހުންނަ ވަޅުގަނޑަކުން ފެން ނަގައިގެންކަމަށެވެ. އަދި ކަރަންޓް ނެތުމުގެ ސަބަބުން ވަންދޫ ޕްރޮޖްކްޓާއެކު ލިބިފައި ހުރި ބައެއް މެޝިންތައްވެސް ބޭނުން ނުކުރެވޭކަން ވަނީ ރައީސް ފާހަގަކޮށްފައެވެ.
އެހެންކަމުން މިހާރު ފުޅި ދަޅު ފަދަތެކެތި ބެހެއްޓިފައި ވަނީ ކުނިކޮށިން ބޭރުގައެވެ. ހުސައިން ވިދާޅުވީ ދަޅު ފުޅި އެއްޗެހި އެކި ފަހަރު މަތީން ރަށުން ބޭރުކުރެވިފައިވާކަމަށެވެ.
މިރަށުގެ ކުނި ކޮށީގައި ސޯލާ ޕެނަލް ހަރުކުރެވިފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ ބޭނުން ކުރެވޭގޮތް ނުވެފައި ވަނީ ފަށައިގަންނަން ވެސް ކަރަންޓް ނެތުމުގެ ސަބަބުންނެވެ. ހުސައިން ވިދާޅުވީ ކުނިކޮށްޓަށް ކަރަންޓްލުމަށް އެތައް ފަހަރެއްގެ މަތީން ފެނަކާގައިވެސް ދެންނެވިފައިވާނޭކަމަށާއި، އަދި ސަރުކާރާ ވެސް ވާހަކަދެކެވިފައިވާކަމަށެވެ. އަދި އުއްމީދަކީ އެކަން ހާސިލްވެގެން ދިޔުންކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކައުންސިލުން މިހާރުވެސް ރަށުގެ ހަތަރު ސަރަހައްދެއްގައި ޑަސްޓްބިން ބެހެއްޓިފައިވާނޭކަމަށެވެ. އަދި މަގުމަތީގައިވެސް ޑަސްޓްބިންތައް ބެހެއްޓިފައިވާކަމަށެވެ.
"ކޮންމެ ސަރަހައްދެއްގަ ހުންނާނެ ޕްލާސްޓިކް އެއްޗެހި އަޅާނެ ޑަސްޓްބިންއަކާއި، ބަދިގެ ކުނި އަޅާނެ ޑަސްޓްބިނެއް." ހުސައިން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަންދޫ ޕްރޮޖެކްޓް މިރަށަށް އައުމުގެ ކުރިންވެސް ދަޅާއި، ފުޅި ފަދަތަކެތި އެޅުމަށް ރަށު ތެރޭގައި ޑަސްޓްބިންތައް ބެހެއްޓުނުކަމަށާއި، ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭކަމަށް ހުސައިން ވިދާޅުވިއެވެ.
"ޑަސްޓްބިންތައް ބެހެއްޓުނީ މޫދަށް ދަޅުފަދަ ތަކެތި އުކާތީ އެކަން ހައްލު ކުރުމަށްޓަކައި". ހުސައިން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ޑަސްޓްބިންތަކަށް ކުނި އެޅުމުން އެތަކެތި ގޮނޑަށް ގެންދިޔުމަށް ކޮންޓްރެކްޓް އުސޫލުން ބަޔަކު ކަނޑައަޅާފައިވާކަމަށާއި، މީގެ ކުރިން އެކަމުގައި ހަރަކާތްތެރި ވީ ކައުންސިލުން އަމިއްލައަށްކަމަށެވެ.
"އެ ކުނި ބޭނުންކޮށްގެން ކޮމްޕޯސް ކުރުމާއި އެ މަސައްކަތް އެއިރު ކުރީ ހަމަ ކައުންސިލުން". ކައުންސިލް ރައީސް ހުސައިން ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ ކޮންޓްރެކްޓް އުސޫލުން ބަޔަކަށް ދީގެން މި މަސައްކަތް ކުރި ކަމުގައި ވިޔަސް މިކަމުގައިވެސް ކައުންސިލް ދައުރު ވަރަށް ބޮޑުކަމަށެވެ.
"މިހާރުވެސް ކައުންސިލްގެ ދައުރު މީގެ ތެރޭގައި އޮންނާނެ. ކައުންސިލްގެ ފަރާތުން ޕިކަޕުގަ ކުނި ގެންގޮސް ދެނީ ކައުންސިލުން. އަޅުގަނޑުމެންގެ ނެތް ޑްރައިވަރަކުވެސް. ކައުންސިލްގެ ކޮންމެވެސް މީހަކު އަބަދުވެސް ޕިކަޕް ދުއްވާނީ". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑްރައިވަރެއް ލިބުނުހާ އަވަހަކަށް ގޭގެއިން ފައިސާ ނަގައިގެން ކުނިތައް ގޮނޑަށް ގެންދާގޮތަށް ކައުންސިލުން ވިސްނުން އެބަހުރިކަމަށެވެ.
މިރަށުގައި 130 ވަރަކަށް ގެ ހުރެއެވެ. މިރަށު ކައުންސިލްގެ އުއްމީދަކީ މިރަށުގައި ގާއިމްކޮށްފައިވާ ކުނިކޮށްޓަށް ކަރަންޓް ލިބި ފަސޭހަކަމާއެކު އެ މަސައްކަތް ކުރެވިގެން ދިޔުމެވެ. އަދި ދަޅު ފުޅި އެއްޗެއްސް ނައްތާލެވޭނެ އެންމެ ފުރިހަމަ ނިޒާމެއް ގާއިމްވެގެން ދިޔުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ