ނުރައްކާތެރި ކޮރޯނާ ވައިރަސްއިން ރާއްޖެ ރައްކާތެރި ކުރުމަށް އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ކުރަމުންދާ ބުރަ މަސައްކަތަށް ހުރިހާ ރައްޔިތުން ތައުރީފާއި ޝުކުރު އަދާ ކުރަމުންދަނީ ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށެވެ.
24 ގަޑިއިރު ހަމަ ނިންޖާއި ގަޑިން ގަޑިއަށް ކެއުން ދޫކޮށް ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އެ ހިދުމަތްތެރިން ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގެންނަނީ ލޯތްބާއި އެކުއެވެ. ހަމަ އެއާއި އެކު ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ އެ ހިދުމަތްތެރިންގެ އަގު އިހްލާސްތެރިކަމާއި އެކު ވަޒަން ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި ހެލްތް މިނިސްޓްރީގެ މުވައްޒަފުންނާއި އެޗްޕީއޭގެ މުވައްޒަފުން އަދި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެންމެހާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ދައްކަމުންދާ ނަމޫނާއަށް ސާބަސް ދެންނެވި އެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއިން ގައުމު މިންޖު ކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަކީ އެއީ ކަމަށެވެ.
އުނދަގޫ މިވަގުތުގައި، @MoHmv ، @HPA_MV ، ޑޮކްޓަރުން، ނަރުހުން،އަދި އެންމެހައި ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތާއިމެދު ފަޚުރުވެރިވަން. ތިޔަދައްކަވާ ނަމޫނާއަށް ސާބަސް. ކޮވިޑް19 ގެ ނުރައްކަލުން ގައުމު މިންޖުކުރުމުގެ މުހިންމު މަސައްކަތުގެ ބައިވެރިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު.
— Abdulla Ameen (@ameenex) March 12, 2020
ރާއްޖެއިން މިހާތަނަށް އަށް މީހުން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައި ވާއިރު އެއީ ހުސް ބިދޭސިންނެވެ. ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ މުޅި ރާއްޖެއަށް ވައިރަސް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބަ އޮތް ކަމަށެވެ.
ވައިރަސް ފެތުރު ނުދިނުމަށް ފަރުދީ ޒިންމާ އަދާ ކުރުމަށް ހިތްވަރުދީ ރައްކާތެރިކަމުގެ ގޮތުން އަޅަންވީ ފިޔަވަޅުތަކާއި، ވައިރަހުގެ އަލާމާތެއް ފެނިއްޖެ ނަމަ އަމަލު ކުރަންވީ ގޮތްތައް ކެންޑިނޭޅި އެޗްޕީއޭއިން ދަނީ އާންމުންނަށް ބުނެދެމުންނެވެ. އެގޮތުން ފޯނަށް އެސްއެމްއެސް ފޮނުވައިިގެންނާއި، ޓިވީތަކާއި ރޭޑިއޯ މެދުވެރިކޮށް އަދި ރަށްރަށުގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށަކަށް މި ބަލި އެރުމުގެ ފުރުސަތު ނުދިނުމަށް އެކްސްކާޝަންތަކަށް ރަށްރަށަށް ގެސްޓުން ދިއުމާއި ރަށްރަށުން ފޭބުން ވަނީ މަނާ ކޮށްފައި އެވެ. އަދި ރިސޯތުތަކުގައި އުޅޭ މުވައްޒަފުން އެމީހުންގެ ރަށަށް ގޮސްފި ނަމަ ސިއްހީ މަރުކަޒުތަކުން އެމީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.
މިނިސްޓަރުގެ ޝުކުރާއި ތައުރީފު ސިއްހީ ދާއިރާގެ ހިދުމަތްތެރިންނަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ