ކަރަޕްޝަނާއި ފަސާދައިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް ޝެއިޚް އިމްރާން އެދިވަޑައިގެންފި

ކަރަޕްޝަނާއި ފަސާދައިން ރައްޔިތުން ސަލާމަތް ކޮށްދެއްވުމަށް މަޖިލީސް މެމްބަރުންގެ ކިބައިން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.
ކްނޫޒްގެ ޖަލްސާގައި ޝެއިޚް އިމްރާން ނެރުއްވި ބަޔާން ހުށައައަޅުއްވާ ދެއްވީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީޒާހިރުއެވެ.
"މި ފިޔަވަޅުމަތީގައި ފަހަތަށް ހުއްޓި ބަލާލާއިރު، އަދާލަތު ޕާޓީގެ އެހީތެރިކަމާ އެކު އުފެއްދި ސަރުކާރު ވަނީ 2015 ވަނަ އަހަރު ހަރާބުވެފައި. ހަމަ މަގަށް އެޅުވުމަށް ކުރެއްވި މަސައްކަތް ކާމިޔާބު ނުވާއިރު، ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަޑިނޭނގޭ ސިޔާސަތު ކަންކަމުގައި މީހުން ހިފައި ހައްޔަރުކުރުމުގެ މަސައްކަތް. އެ މަސައްކަތް ފެށީ އަމިއްލަ ޕާޓީގެ ތެރެއިން. އެއަށް ފަހު ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރި، ގާސިމަށް އިގްތިސާދީ ފިއްތުންތައް ކުރިމަތިކުރުވި" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ އަދާލަތު ޕާޓީން އެމްޑީޕީއާ ގުޅުނީ ރައީސް ޔާމީންގެ ފަސާދަ ހުއްޓުވުން އަވަސް ނުކޮށްފި ނަމަ ގައުމު ހަމަ މަގުން ގެއްލިދާނެ ކަމަށް ފެނިގެން އެކަން ގަބޫލު ކުރެވިގެން ކަމަށެވެ.
"ގައުމު ހަމަމަގަށް އެޅުއްވުމަށް ރައްޔިތުން ވަރަށްބޮޑު ގުރުބާނީއެއް ވެއްޖެ ކަމަށާއި ޖަލު ގޮޅީގައި ބަންދުވެ، އާންމުދަނީ ހުއްޓި، އަނިޔާވެރިކަމުން ސަލާމަތްވުމަށް ރާއްޖޭން ބޭރަށް އަރުވާލެވިފައިވޭ. އަދި ބައެއް މީހުންނަށް ހުކުމްކޮށް، ހުކުމްކުރެވިފައިވާ މަރުހަލާގައި ބައެއް މީހުން އެބަ ތިބި،" ޝެއިޚް އިމްރާން ވިދާޅުވިއެވެ.
ޝެއިޚް އިމްރާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ﷲ ގަންދީ ކުރެއްވި ހުވަޔާއި މަޖިލީހުގެ މެމްބަރުން ކުރައްވާ ކޮންމެ ކަމަކީ އަދި ނުކުރައްވާ ދޫކޮށްލެއްވި ކޮންމެ ކަމަކީ ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ކަމެއް ކަމަށެވެ.
ގައުމު ހަމަމަގަށް އެޅުއްވުމަށް ކާމިޔާބުކުރުމަށް ކެތްތެރިކަމާއި ނުގުޑާ އަޒުމުގައި މާތް ﷲ އަށް ވާގިއެދިގެން އެންމެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އިމްރާން ވަނީ ގޮވާލައްވާފައެވެ.
ޝެއިޚް އިމްރާންގެ ބަޔާން ނިންމަވާލެއްވީ އުފާވެރި ދުވަސްތައް ވަރަށް އަވަހަށް ބައްދަލު ކުރާނެ ކަމަށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ