އަމީތު އާއި ވަހީދު ދޫކޮށްލުމަށް މައުމޫން ގޮވާލައްވައިފި

ފުލުހުން މިއަދު ހައްޔަރުކުރި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އަމީތު އާއި ވަހީދު ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން ވަޑައިގެންނެވި ވަގުތު ފުލުހުންގެ ސަފުތައް ރޫޅާލައި އަދި މަޖިލިސް މެމްބަރުކަން ގެއްލިފައި ވަނިކޮށް މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލައިގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ފުލުހުން ވަނީ މަޖިލިސް މެމްބަރުން ނޫން ގޮތުގައި މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުން މަޖިލީހަށް މިއަދު ވަތް މައްސަލަ ވަރަށް "ސީރިއަސް" މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މަޖިލީހުގެ އިދާރާއަށް ވެސް ހުށަހަޅާފައެވެ.
އަދި މަޖިލީހުގެ އިދާރާގެ ތެރެއަށް ވަނީ މަޖިލިސް މެމްބަރުން ނޫން ގޮތުގައި މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުން މަޖިލީހަށް ވަދެފައިވާތީ އެ މެމްބަރުން ނެރުމަށް ސިފައިން އެހީތެރިކަމަށް އެދުމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަމީތުއާއި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހާއި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު މި ދެ ބޭފުޅުން ވަނީ ގޮނޑި ގެއްލުނު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައާ މެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ