އެމްޑީޕީއަށް އަހަރީ ދުވަހުގެ ތަހުނިޔާ މައުމޫން ފޮނުއްވައިފި

ބާރަވަނަ އަހަރީ ދުވަސް ފާހަގަކުރަމުން އަންނަ، ރާއްޖޭގެ މައި އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ފޮނުއްވައިފި އެވެ. އެމްޑީޕީ އުފައްދައި، ރަޖިސްޓްރީ ކުރީ 26 ޖޫން 2005 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ރައީސް މައުމޫން އެމްޑީޕީގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޕާޓީއަށް ތަހުނިޔާ ފޮނުއްވާފައެއްނުވެ އެވެ. އެހެންކަމުން މިއީ ރައީސް މައުމޫން އެމްޑީޕީއަށް އެ ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވެވި ފުރަތަމަ ފަހަރެވެ. އެމްޑީޕީއަށް އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުއްވެވި އިރު، ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ އެތައް ބަޔަކު ކުރިން ހީނުކުރާހާ ގޮތަށް ފުރޮޅިފަ އެވެ. އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަކާރާ ދެކޮޅަށް މައުމޫން ނުކުމެވަޑައިގެން މިއަދު ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކުގަ އެވެ. އެ ދެބޭފުޅުންނާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ ބައިއަތު ހިއްޕަވާފަ އެވެ. މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެމްޑީޕީގެ އަހަރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި "އެމްޑީޕީގެ އެންމެހާ ލޮބުވެތި މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް" ދަންނަވާ ކަމަށެވެ. އެ ބަޔާނުގައި ވަނީ ރައީސް މައުމޫންގެ އިސްނެގުމެއްގައި އެކުލަވާލި އިސްލާހީ އެޖެންޑާއެއްގެ ދަށުން، 2005 ވަނަ އަހަރު ރާއްޖެއަށް ގެނައި މަލްޓި ޕާޓީ ޑިމޮކްރަސީގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކުރި ފުރަތަމަ ސިޔާސީ ޕާޓީއަކީ އެމްޑީޕީކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން، އެމްޑީޕީގެ ލީޑަޝިޕަށާއި އާންމު މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވާ ކަމަށާއި، އެމްޑީޕީން ކުރާ އިސްލާހީ މަސައްކަތްތައް ކާމިޔާބުވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ ބަޔާނުގައި، ރައީސް މައުމޫންގެ އޮފީހުން ބުނެފައިވެއެވެ. ރާއްޖޭގައި ޒަމާނުއްސުރެ ސިޔާސީ ދެ ހަތުރުންގެ ގޮތުގައި ތިއްބެވި ރައީސް މައުމޫނާއި ރައީސް ނަޝީދު، އިސްލާހީ މަސައްކަތުގައި އެކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މައާފު ކުރައްވާފައިވާކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ