ހައިކޯޓާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޗުއްޓީ ނެގުމުގެ ކުރިން ސުޕްރީމް ކޯޓުގެ ހުއްދަ ހޯދުމަށް ބަޔާންކުރާ އުސޫލު ސުޕްރީމް ކޯޓުން އުވާލައިފި އެވެ. އެއީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހިންގެވިއިރު އެކުލަވާލި އުސޫލެކެވެ.
ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު އެކުލަވާލި އެ އުސޫލުގައިވާ ގޮތުން އެއްވެސް ކޯޓެއްގެ ފަނޑިޔާރަކަށް ޗުއްޓީއަށް ދެވޭނީ ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އެ ކޯޓުގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް އިއްޔެ ސުޕްރީމް ކޯޓުން ނެރުނު އާންމު ސިޓީއެއްގައި އެ އުސޫލު ވަނީ ބާތިލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އާންމު ސިޓީގައިވާ ގޮތުން ޗުއްޓީއަށް ދިޔުމުގެ ކުރިން ސުޕްރީމް ކޯޓުގެ ހުއްދަ މީގެފަހުން ހޯދަން ޖެހޭނީ ހައިކޯޓުގެ އިސް ފަނޑިޔާރާއި ދަށު ކޯޓުގެތަކުގެ އިސް ގާޒީން ނުވަތަ ހިންގެވުމާ ހަވާލުވެ ތިއްބަވާ ގާޒީންނެވެ. އަަދި، ޖުޑިޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުން ވެސް ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހެ އެވެ.
އެހެން ފަނޑިޔާރުންގެ ޗުއްޓީ ހައިޖައްސައިދޭނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ މެޖިސްޓްރޭޓަކު ހުންނަވާ ކޯޓުތަކުގައި އެ މެޖިސްޓްރޭޓުގެ ޗުއްޓީ ހަމަޖައްސައިދޭނީ އެ ކޯޓު ނިސްބަތްވާ ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.
ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް ޗުއްޓީ ހަމަޖައްސައިދިނުމުގައި އާންމުންނަށްދޭ ހިދުމަތްތަކާއި ކުރިއަށްދާ މައްސަލަތަކަށް ބުރޫ ނާރާނެ ގޮތަށް އިންތިޒާމް ކުރުމަށް ވެސް ސުޕްރީމް ކޯޓުގެ ސިޓީގައި ކޯޓުތަކަށް ވަނީ އަންގާފަ އެވެ. ސުޕްރީމް ކޯޓު މިހާރު ހިންގަވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ފަނޑިޔާރުން ޗުއްޓީ ނަގަން ދެން ސުޕްރީމް ކޯޓުގެ ހުއްދައެއް ބޭނުމެއް ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ