ގާސިމް އިބްރާހިމާއި ގުޅޭގޮތުން ރައީސް ޔާމީން މުޅިންވެސް ހެއްދެވީ އިތުރުފުޅު: ގާނޫނީ ޓީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ގުޅޭގޮތުން ރައީސް ޔާމީން މުޅިންވެސް ހެއްދެވީ އިތުރުފުޅުކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ގާސިމް އިބްރާހީމަކީ ކޯޓުތަކަށް ވަރަށް ފަރިތަ ބޭފުޅެއް ކަމަށާއި އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަފުޅާ ގުޅޭގޮތުން ގާސިމް އިބްރާހިމްގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނުގެ ގައިރު ހާޒިރުގައި ޝަރީއަތް ހިންގައި، ކްރިމިނަލް ކޯޓްގެ ވެބްސައިޓްގައި 25 އޯގަސްޓް 2017 ވަނަ ދުވަހު ޝާއިއުކުރި ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓްގައި އިސްތިއުނާފުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގެންފައިނުވިނަމަވެސް، އެ މައްސަލަ ހައިކޯޓްގައި ވަނީ އިސްތިއުނާފުކުރެވިފައިކަމަށެވެ.
އަދި އެ މައްސަލަ އިސްތިއުނާފުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވެގެންދިޔަނަމަވެސް މައްސަލައިގެ އެއްވެސް އަޑުއެހުމެއް މިހާތަނަށް ބޭއްވިފައިނުވާކަމަށެވެ.
ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަކީ އެމަނިކުފާނުގެ ބައިވެރިވެވަޑައިގަތުމަކާއި ނުލައި ހިންގެވި ޝަރީއަތެއްގައި ކޮށްފައިވާ ހުކުމަކާއިމެދު މަތީ މަރުހަލާގެ ކޯޓަކުން ގޮތެއް ނިންމެވުމަށް އޮތް ހުރަހެއްކަމުގައިވާނަމަ، އެކަމުންވެސް ދަލީލުކޮށްދެނީ ގާސިމްގެ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމަކީ ގައިރު ހާޒިރުގައިކޮށްފައިވާ ހުކުމަކަށްވާތީ އެ ސަބަބަށްޓަކައި އެކަނިވެސް ބާތިލް ހުކުމެއްކަމަށް ގާނޫނީ ވަކީލުންގެ ޓީމުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ގާސިމް އިބްރާހިމަކީ ކޯޓްތަކުގައި ހިންގަންވާ އެންމެ ކުރު މަގުން އިންސާފާއި ހަމައަށް ވަރަށް ފަރިތަ ބޭފުޅެއްކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ވިދާޅުވުމަށް ރައްދު ދެއްވަމުން ވަކީލުންގެ ބަޔާނުގައި ބުނެފައިވަނީ ގާސިމްގެ މަސްލަހަތާއި ގުޅިފައިވާ ގިނަ އަދަދެއްގެ ބޮޑެތި މައްސަލަތަކެއް ޝަރުއީ މަރުހަލާގެ އެކި ކޯޓްތަކުގައި މިވަގުތުވެސް ކުރިއަށް ނުގޮސް މަޑުޖެހިފައިވާކަމަށެވެ.
އޭގެ ތެރޭގައި 9 އަހަރާއި، 3 އަހަރު އަދި 4 އަހަރު ދުވަސްވެފައިވާ މައްސަލަތައްވެސް ހުރިކަން ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
އަވަސްގޮތަކުން، ކުރުމަގަކުން ގާސިމް އިބްރާހިމްގެ މައްސަލައެއް މި ފަހުން ނިންމާފައިވަނީ، އެމަނިކުފާނުގެ މައްޗަށް ގައިރު ހާޒިރުގައި ޝަރީއަތްކޮށް ކްރިމިނަލް ކޯޓުންކަމަށާ ގާނޫނީ އުސޫލުތަކާއި ޚިލާފަށް ދުސްތޫރީ ހަމަތަކާއި މުޅިން އިދިކޮޅު އެ ހުކުމަކީ އަވަސްގޮތަކަށް ކުރުމަގުން ދިވެހި ރާއްޖޭގެ ކޯޓަކުން މިފަހުގެ ތާރީޚެއްގައި ނިންމާފައިވާ އިންސާފުވެރި ނޫންކަމަށް ދިވެހި ރައްޔިތުން ދެކޭ މައްސަލަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މައްސަލަކަމަށް ވަކީލުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ނިންމާފައިވަނީ ގާނޫނީ އުސޫލުތަކާއި ޚިލާފަށް ދުސްތޫރީ ހަމަތައްވެސް މުގުރިގެންދާ ގޮތަށްކަމަށް ވަކީލުން ދެކޭތީ، މައްސަލަ ނިމުނުތާ 10 ދުވަސްތެރޭ އެ މައްސަލަ ވާނީ އިސްތިއުނާފަށް ހުށައަޅާފައިކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓްގައި ގާސިމް އިބްރާހިމްގެ މައްޗަށް މައްސަަލައިގެ ޝަރީއަތް ހިންގަމުންދިޔައިރު، ގާނޫނީ އިޖުރާއަތްތަކާއި ކަނޑައެޅިގެން ޚިލާފަށް ޝަރީއަތް ކުރިއަށްގެންދަވާތީ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓަށް ހުށައެޅި ބެލެނިވެރިކަމުގެ މައްސަލާގައި ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރިފަހުން އެތަށް މަހެއް ފާއިތުވެގެންގޮސްފައިވަނިކޮށް، މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ދާދިފަހުން ނިންމާފައިވާކަންވެސް ގާސިމްގެ ވަކީލުންގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބަޔާނުގައި ވަކީލުން ވަނީ ސޯޝަލް މީޑިއާގައި ޚަބަރުފަތުރާ އެހެނިހެން ވަސީލަތްތަކަށް ފަރިތަ ދިވެހި ރައްޔިތުންނަށް މިކަންކަން އޮޅިފައިނެތްނަމަވެސް، އަބުދުﷲ ޔާމީން ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވާހަކަދައްކަވަން ވަޑައިގަންނަވާއިރު، މި މައުލޫމާތުތައް ކަމާބެހޭ ބޭފުޅުން އެމަނިކުފާނަށް އަރުވާފައި ނެތުމަކީ ހިތާމަކުރާކަމެއްކަމަށް ބުނެފައެވެ.
ރައްޔިތުންނާއި ބައްދަލްކުރައްވާ ރައީސް ޔާމީން ދައްކަވާ ވާހަކަތަކުގައި ހަގީގަތާއި ޚިލާފު ވާހަކަތައް ގިނަވުމާއި، ކަން ހިނގާފައިވާގޮތާއި ޚިލާފަށް ވަރަށް ގިނައިން އެމަނިކުފާނު ވާހަކަދައްކަވަމުން ގެންދަވާތީ ގިނަ ބަޔަކު ދަނީ އެމަނިކުފާނުގެ ވާހަކަތައް "ހަޖޫޖައްސަވާ" އަދި ފާޑުކިޔަމުންނެވެ. މީގެ އިތުރަށް ރައްޔިތުންނާއި ބައްދަލްކޮށް ވާހަކަދައްކާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ސުކޫލް ދަރިން ތިބޭ ރަސްމިއްޔާތުތަކުގައި ސިޔާސީ ބޮޑެތި ވާހަކަތައް ވަރަށް ރުޅިވެރިކަމާއެކު ދައްކަމުންދާތީވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ