އަބުދުﷲ ގާޒީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި

ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓް ދިރާސާ ކުރާ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހާޒިރު ކުރުމަށް މިއަދު އެ ކޮމެޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގެ މުގައްރިރު ކަން ވެސް ކުރައްވާފައިވާ އަލީ ވަހީދު ވިދާޅުވީ އަބްދުﷲ ގާޒީ ހާޒިރުކުރަން ނިންމާފައިވަނީ ފެބްރުއަރީ 11 ގައި ކަމަށާއި އޭނާ ހާޒިރުކުރަން ނިންމީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް މެދުވެރިވި ކަންކަމުގައި އޭނާ އަކީ މުހިންމު ޝަހްސިއްޔަތަކަށްވާތީ ކަމަށެވެ.
އަދި އޭނާ ހާޒިރުކުރަނީ ފަނޑިޔާރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އޭނާ ހާޒިރުކުރަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ފެބްރުއަރީ 11 ގައި ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.
އެ ބޭފުޅުން ހާޒިރުކުރުމުގެ އިތުރުން ފެބްރުއަރީ 6، 8،7 ގައި ގާނުނާ ހިލާފުވި ފުލުހުންނާއި ސިފައިންގެ ލިސްޓެއް ފެބްރުއަރީ 10 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ބަންދުކުރުމުގެ ކުރިން ފޮނުވައި ދިނުމަށް ހޯމް މިނިސްޓްރީ އަށާއި ޑިފެންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އޭގެ އިތުރުން ފެބްރުއަރީ 7 އަށް ފަހު ޕްރޮމޯޝަން ދީފައިވާ ފުލުހުންގެ ލިސްޓެއް ވެސް ފޮނުވަން ދެންނެވުމަށް ފާސްކުރި އެވެ.
މީގެއިތުރުން ޕްރޮސިކިއުޓަ ޖެނެރަލް އަހްމަދު މުއިއްޒާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ވެސް މާދަމާ ހާޒިރުކުރުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެބޭފުޅުން ހާޒިރުކުރަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 6، 7 އަދި 8 ގައި ހިންގި ކަންކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ