ތެޔޮ ނެގުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ނުރައްކާތެރި ކަމެއް - އުމަރު

ރާއްޖެއިން ތެޔޮނެގުމަކީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ނުރައްކާތެރި ކަމެއް ކަމަށާއި ރާއްޖެއިން ތެޔޮ ނަގަން ކުރެވޭ މަސައްކަތުގައި ކަނޑަށް އެ ތެޔޮ ލީކުވެ އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މުޅިން ފުނޑުފުނޑުވެދާނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވާ އުމަރު ނަސީރު މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނަށް ވަރަށް ފާޑު ކިޔައިފި އެވެ.
އުމަރުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ލޯންޗްކުރުމަށް އާޓިފިޝަލްބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެއިން ތެޔޮ ފެނޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޭނާއާ ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް ޔާމިންގެ މި ސިޔާސަތަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު ހިތަށް އަރަނީ އެއްވެސް ވަރަކަށް ވިސްނަވާފައި ބާއޭ އެ ވާހަކަފުޅު އެ ދެއްކެވީ. އެހެން މިދެންނެވީ ރާއްޖެއިން ތެޔޮ ނަގާ ކަމަށްވާނަމަ ތެޔޮ ނަގަން ޖެހޭނީ ކަނޑުގެ އަޑީގެ ފަސްގަނޑު ފޫއަޅުވާލާފައި ލޯވަޅެއް އަޅައިގެން. ދެން އެ ލޯވަޅުގައި އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ އެ ތެޔޮގަނޑު ލީކުވާނީ މުޅި ކަނޑަށް. އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އެއްކޮށް ފުނޑުފުނޑު ވެދާނެ،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޔާމީންގެ މި ވާހަކަތަކަކީ ވިސްނަވަން ޖެހޭ ވަރަށް ނުވިސްނަވައި ދެއްކެވި އެއްވެސް އޮއްޓަރެއް ނެތް ވާހަކަފުޅެއް ކަމަށެވެ.
ރޭ ޖަލްސާގައި އުމަރު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވި ނަމަވެސް އޭނާ އެއްކައިރިއަށް ޖެހިވަޑައިގަންނަވަން ޖެހޭ ހާލަތެއް އަތުވެއްޖެނަމަ ފަސްޖެހުމެއް ނެތި އެކަން ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު މިހިރީ ކަމަށް އެކަށީގެންވާ ގާބިލް ބޭފުޅުން ނުކުމެވަޑައިގަތީމަ ކުރިއަށް ޖެހެން ޖެހިއްޖިއްޔާ ކުރިއަށް، ފަހަތަށް ޖެހެން ޖެހެންޏާ ފަހަތަށް، އަރިމައްޗަށް ޖެހެން ޖެހެންވިއަސް ތައްޔާރަށޭ އުމަރު ނަސީރު މިހިރީ." އުމަރު ނަސީރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންމެ ކެނޑިޑޭޓަކު އިންތިހާބް ކާމިޔާބު ކުރިޔަސް ޕީޕީއެމް ވާންޖެހޭނީ ދިވެހި ރާއްޖޭގެ ތަސައްވަރު ކުރަހާ ޕާޓީ އަށް ކަމަށް ވިދާޅުވަމުން އުމަރު ވިދާޅުވީ ޕީޕީއެމް ވާން ޖެހޭނީ މޮޅެތި ވައުދުތަށްވެ އެ ވައުދުތަށް ފުއްދައިދޭނެ ޕާޓީއަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ