އިންތިހާބުގެ ސަބަބަބުން ސަފުތައް ރޫޅިގެން ނުވާނެ - މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސް ނިމިގެންދާއިރު ޕީޕީއެމްގެ ހުރިހާ މެންބަރުން ތިބެންޖެހޭނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ކަމަށާއި އެއްގޮތަކަށް ވެސް އިންތިހާބުގެ ސަބަބުން ސަފުތައް ރޫޅިގެންނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެކިމަގާމުތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް އިންތިޒާމްކޮށްގެން މިއަދު މެންދުރު ރާނބާގައި ބޭއްވި ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ހީވެސް ނުކުރާ ގޮތަކަށް އިންތިހާބުގެ ނަތީޖާ ނިކުމެދާނެ ކަމަށާއި އެމަނިކުފާނަށް ވެސް 2008 ވަނަ އަހަރު އެތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
"އިންތިހާބު ނިމިގެންދާއިރު އަޅުގަނޑުމެން ތިބެންޖެހޭނީ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި، އެއްގޮތަކަށް ވެސް އިންތިހާބުގެ ސަބަބުން އަޅުގަނޑުމެންގެ ސަފުތައް ރޫޅިގެން ނުވާނެ، އަޅުގަނޑޫމެންގެ ތެރެއިންއެއްބައި ބޭފުޅުން ހިތްހަމަނުޖެހިގެން އެހެން ގޮތަކަށް އަމަލު ކުރައްވައިގެން ވެސް ނުވާނެ މިއީ އަޅުގަނޑުމެންނަކީ ތަސައްރަފް ފުދިފައިވާ ބައެއްކަން ސާބިތުކޮށްދޭން ބޭނުންވާ ގޮތެއް، އަޅުގަނޑުމެންނަކީ ކުޑަކުދިންނެއް ނޫން، ބޮޑެތި މީހުން ތަސައްރަފު ފުދިފައި ތިބި މީހުން، އަދި ސިޔާސީ ގޮތުން ވެސް ތަސައްރަފް ފުދިފައި ތިބި މީހުން." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ނުލިބުނުއިރު އެ އިންތިހާބު ނިމިގެން ގޮސްފައިވަނީ ހީކުރި ގޮތާއި ހިލާފަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުން %70 - %60 ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި ނަމަވެސް ނަތީޖާ ނިކުތްއިރު އޮންނަނީ %30 - %35 ކަމަށެވެ. އެހެންވެ ޖުމްލަ ނަތީޖާއަށް ބަލާއިރު ދެވަނަ ބުރުގައި ބޭނުންވާ %50  ލިބިފައިނުވާކަން މައުމޫން ފާހަގަކުރެއްވި އެވެ.
" އެއީ ކަން ވާގޮތް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް، މީހާ އިންތިޒާރުކުރާ ގޮތަށް ނުވަތަ އެމީހަކަށް އެމައުލޫމާތު ލިބިފައި އޮތް ގޮތަށް ނަތީޖާ ނުނިކުމެ ހިނގައިދާނެ، އެއީކީ މައްސަލައަކަށް ވެގެން ނުވާނެ، އެގޮތަށް ނަތީޖާ ނިކުތް ކަމުގައިވިޔަސް އަޅުގަނޑުމެން ޖެހޭނ ތަސައްރަފް ފުދިފައި ތިބި ހަރުދަނާ ބައެއް ގޮތުގައި އެނަތީޖާ ގަބޫލުކުރަން." މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްއަކީ މިހާރު ވަރަށް ބޮޑު ޕާޓީއެއް ކަމަށާއި އެގޮތުން ޕާޓީގެ މެންބަރުންގެ އަދަދު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޕީޕީއެމްގެ މިހާރުގެ މެންބަރުންގެ އަދަދަކީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާނަމަ 22،000 މެންބަރުންނަށްވުރެން ގިނަ އެވެ.
ޕާޓީގެ އެތައް ހާސް މެންބަރުން މާޔޫސްވާ ގޮތަށް ނުވަތަ އެމީހުންގެ ހިތްތަކަށް ދަތިކަމެއް އަންނަ ގޮތަށް ކަމެއްކޮށްގެން ނުވާނެ ކަމަށާއި ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަމަށްވާތީ އެ އިންތިހާބު ކާމިޔާބުކުރަން ބޭނުންނަމަ އެކުވެރި އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް މައުމޫން މިއަދު ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުގެ އިލްތިމާސްއަކީ ހުރިހާ ކެންޑިޑޭޓުން ވެސް އަޅުގަނޑު މިދެއްކި ވާހަކަ ގަބޫލުކުރައްވާ އަދި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް އޭގެ ސަބަބުން އެއްވެސް ކަހަލަ މަސްލަހަތު ގެއްލުމެއް ޕާޓީ ތެރޭގައި ނުހިނގާ އެއްވެސް ކަހަލަ ބައިބައިވުމަކަށް ތަން ނުދެއްވާ އެންމެނަކީ އެކުވެރި އެއްބައިވަންތަ ޕާޓީއެއްގ ގޮތުގައި އިންތިހާބަށްފަހުގައި އެ ތިބުން އެހެން އަޅުގަނޑުމެން ތިބިއްޖެއްޔާ ޝައްކެތްނެތްގޮތުގައި މާތް ﷲ ގެ ހެޔޮ ރަހްމަތްފުޅުން ބޭނުންވާ މަގްސަދު މަންޒިލަށް ދެވޭޏެ، މިއަހަރުގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނެ، އަދި އަޅުގަނޑުމެން ބޭޏުންވާ އެހެން ކަންތައް ވެސް ކުރެވޭނެ" ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ