މަސްވެރިންނަށް ވީ ވައުދު ފުއްދުމުގައި އެމްޑީޕީ ފެއިލް ވެއްޖެ: ސަނީފް

ވެރިކަމަށް އަންނަ ވެގެން އެެމްޑީޕީންއިން މަސްވެރިން ގާތުގައި ވި ވައުދު ފުއްދުމަށް ބޮޑުތަނުން ރައްޔިތުންގެ މަޖިލީހުން ފެއިލްވެފައިވާ ކަމަށް އެ ޕާޓީގެ ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.
ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނި ނަމަވެސް އެކަން އެގޮތަށް ނުވެ މަސްވެރިންނަށް ގެއްލުން ވަމުންދާ ކަމަށެވެ. ސަނީފް ވިދާޅުވީ، ހުވަދު އަތޮޅުގެ މަސްވެރިން މަސް ކިރުވި ބިލްތަކަށް މިދިޔަ މަހުގެ ހަތަރަކުން ފެށިގެން އެއްވެސް ފައިސާއެއް އަދި ލިބިފައި ނުވާ ކަމަށެވެ.
މަސްވެރިން ބާނާ މަހަަށް ފައިސާ ލިބުން ލަސްވުމަކީ ތަކުރާރުކޮށް ހިނގާ ކަމަކަށްވުމުން މަސްވެރިން ތިބީ ސަރުކާރު ދެކެ އިންތިހާއަށް ރުޅި އައިސްފައި ކަމަށް ސަނީފް ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ވައުދުގައި އަޅުގަނޑުމެން ވަރަަށް ބޮޑުތަނުން ފެއިލް ވެއްޖެ. އަޅުގަނޑުމެންގެ ސަރުކާރު އައި ފަހުން ހަމަ އަގެއް އެއްވެސް ފަހަރެއްގައި ނުދެވޭ" ސަނީފް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ސަނީފް އިތުރަށް ވިދާޅުވީ ސަރުކާރުން އެޅި ފިޔަވަޅެއްގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ވެސް ބޮޑު ނިކަމެތި ކަމެއް ލިބިފައިވާ ކަމަށެވ.
"އަބަދުވެސް އެމްޑީޕީއާ އެކު ތިބި ޓެކްސީ ޑްރައިވަރުންނަށް ނިކަމެތިކަން ލިބުނީ އެޕްލިކޭޝަންތައް ބޭނުން ކޮށްގެން ޕްރައިވެޓް ކާރުތަކުގައި ޓެކްސީ ކުރެވޭ ގޮތަށް ގަވައިދަށް ގެނައި ބަދަލަކުން." ސަނީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ