ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ދެ ބޭފުޅަކަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިސްއިން އިން މިއަދު ފާސްކޮށްފިއެވެ.
އެ ބޭފުޅުންނަށް ރުހުން ދީފައިވަނީ މިއަދު ކުރިއަށްދާ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. މި ޖަލްސާ ކުރިއަށް ގެންދަނީ އޯގަސްޓް 31 ވަނަ ދުވަހު ފެށި މަޖިލިސް ޖަލްސާގެ ބައެއްގެ ގޮތުގައިއެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ދެ ބޭފުޅުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރުމަށް މިއަދު މަޖިލިސްއިން ރުހުންދިން ދެ ބޭފުޅުންނަކީ ހދ. ކުޅުދުއްފުށި، ފިނިފެންޖަންބުގޭ ޑޮކްޓަރ މުޙައްމަދު އިބްރާހިމާއި، ދަފްތަރު ނަންބަރު ރސ 2302، އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.
ސުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، އެ ކޯޓުގައި އަދިވެސް ދެ ފަނޑިޔާރުންގެ ގޮނޑި ހުރީ ހުސްކޮށެވެ. މީގެކުރިން ރައީސް ސޯލިހު އެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ. ނަމަވެސް އެ ބޭފުޅުންނާމެދު ތަފާތު މައްސަލަތަކެއް ފެންމަތިވެ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީއިން އެ ދެ ބޭފުޅުންނާ ގުޅޭ ގޮތުން ލަފާއެއް ނުދިނެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއި އެކު ދެން އެ ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ދެ ބޭފުޅަކަށް ރުހުންދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ