ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވި ދެނަންފުޅު ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުަމށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާފައިވާ ކުރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަލީ ރަޝީދު ޙުސައިންއާއި ޤާނޫނީ ވަކީލު ޑރ.މުޙައްމަދު އިބްރާހީންގެ ނަންފުޅު ދިރާސާކުރުމަށް މަޖިލިހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. ދެބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށް ފޮނުވާފައިވަނީ ރައްޔިތުން މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށެވެ. ރައީސުލްޖުމްހޫރިއްޔާވަނީ މިދެބޭފުޅުން ސުޕްރީމް ކޯޓުގެ ބެންޗަށް ޢައްޔަންކުރުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފައަކަށް އޯގަސްޓު މަހުގެ 6 ވަނަ ދުވަހު އެދިވަޑައިގެންފައެވެ. އެބޭފުޅުންގެ ނަންފުޅު މަޖިިލިހަށް ފޮނުއްވާފައިވަނީ އެބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަންކުރަން ފެންނަ ކަމުގައި ޖޭއެސްސީން ލަފާދިނުމާ ގުޅިގެން އޯގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ. ރައީސް ސުޕްރީމް ކޯޓަށް ޢައްޔަންކުރުމަށް ނަންފުޅު ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ޤާޟީ ޢަލީ ރަޝީދަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަނޑިޔާރުންގެ ބެންޗުގައި އިސްކޮށް އިންނެވި ޤާޟީއެވެ. އޭނާ ސުޕްރީމްކޯޓަށް ޢައްޔަންކުރަން ފޮނުވުމުން ރައީސް ޔާމީނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ބޭއިންސާފުން ސިޔާސީ ޑީލެއްގެ ތެރެއިންކަން ސާބިތުވާ ކަަމަށް އިދކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. ދެން ރައީސް ފޮނުއްވި ދެވަނަ ނަންފުޅަކީ ޑރ.މުޙައްމަދު އިބްރާހީމްގެ ނަންފުޅެވެ. އޭނާއަކީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ ޤާނޫނީ ވަކީލެކެވެ. އަދި މަޝްހޫރު ލޯ ފާމް "ޕްރިމިއާ ޗެމްބާސް"ގައި އޭނާވަނީ ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައެވެ. މިވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާނާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި، ފަނޑިޔާރު އަލްއުސްތާޛާއި ޢާއިޝަތު ޝުޖޫނާއި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަހާޒު ޢަލީއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ