ބުފޭއިން މިހާރު އަމިއްލައަށް ތަކެތި ނުނެގޭނެ!

ތިން މަހަށްފަހު މީރު ކެއުންތައް ހޮޓާ / ކެފޭ އަދި ރެސްޓޯރެންޓްތައް މިއަދު ހުޅުވައިފި އެވެ. ހުޅުވާފައިވަނީ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ. މި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ބަދަލަކީ މި ތަންތަނުގައި ހުންނަ ބުފޭ ތަކުން އަމިއްލަ އަށް ކާތަކެތި ނަގަން މިހާރު ހުއްދަ ނެތުމެވެ. ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭއި) ން ނެރެފައިވާ އުސޫލުގައިވާ ގޮތުން ބުފޭ ތަކުން އަމިއްލަ އަށް ކާއެއްޗިހި އެޅުމުގެ ބަދަލުގައި އެއްޗިހި ސާވް ކުރަން ވަކިން މުވައްޒަފަކު ހުންނަން ޖެހެ އެވެ. އަދި މި ހިދުމަތްދޭ މުވައްޒަފު ހުންނަންވާނީ އަންގިއާއި މާސް އަޅައިގެންނެވެ.
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ހޮޓާ/ ރެސްޓޯރެންޓް އަދި ކެފޭތައް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ހުޅުވާއިރު، ޕެސްޓް ކޮންޓްރޯލް ކުރުމާއި މުޅިތައް ސާފުކޮށް، ޑިސް އިންފެކްޓް ކުރަން ޖެހެ އެވެ. އަދި ހާލަތަށް ރުޖޫއަވުމުގައި ކޮވިޑް-19 އިން ރައްކާތެރިވާން ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޖެހެ އެވެ.
ގިނަ ބަޔަކު ދާ ހާބަރު ފުޑްކޯޑް-- ފޮޓޯ:
އަވަސް އާކައިވް
"ކެއިން ބުއިމުގެ ހިދުމަތް ދޭއިރު، ކާބޯތަކެތި ސާވް ކުރުމުގައި އެންމެން އަތްލައި ބޭނުން ކުރުމަށް ހުންނަ ތަކެތި ވަކިވަކިން ޕެކް ހަދާފައި ބެހެއްޓުން،" އެޗްޕީއޭ އިން ބުނެފައިވެ އެވެ.
މުވައްޒަފުންގެ ރައްކާތެރިކަމަށް ބޮޑު ސަމާލުކަމެއް
ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އަލުން ހުޅުވާއިރު މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅު ތަކެއް އަޅަން ޖެހެ އެވެ. މީގެތެރޭގައި ހިދުމަތްދޭން ނުކުންނައިރު ކޮވިޑް-19 ގެ އަލާމާތެއް ނެތްކަން ޔަގީން ކުރުމާއި މަސައްކަތުގެ މާހައުލުގައި މާސް އާއި އަންގި ލައްވައިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ރާވަން ޖެހެނީ މަދުވެގެން ތިން ފޫޓުގެ ގައި ދިދުރުކަމެއް ހުންނަ ގޮތަށެވެ. މުވައްޒަފުން އެކަކު އަނެކަކާ ކޮންޓްރެކްޓްވުން މަދު ކުރުމަށްޓަކައި މަސައްކަތުގެ ގަޑިތަކަށް ބަދަލު ގެނައުމާއި މުވައްޒަފުން މަދު ކުރަން ޖެހުނު ނަމަވެސް ކާބޯތަކެތީގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތަކަށް ރާވަން ޖެހެ އެވެ.
ރަށެއްގެ ކެފޭއެއްގައި ހިދުމަތް ދެނީ: ހޮޓާ/ ކެފޭ ރެސްޓޯރެންޓް ހުލުވާފަ ބެހެއްޓޭނީ ރޭގަނޑު 10 ޖަހަން ދެން-- ފޮޓޯ:
އަވަސް އާކައިވް
އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެއް ޑިއުޓީން އަނެއް ޑިއުޓީ އަށް މުވައްޒަފުން ބަދަލުވާއިރު، ބައްދަލުވާ މިންވަރު ކުޑަ ކުރަން ޖެހެ އެވެ. އަދި މަސައްކަތަށް ނުކުންނަން ޖެހެނީ މާސްކް އަޅައިގެންނެވެ. އަލުން ކެއިން މުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާއިރު މި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.
ކެފޭ/ ހޮޓާ އަދި ރެސްޓޯރެންޓްތައް އަލުން ހުޅުވާއިރު އެތަނަށް ޒިނާރަތް ކުރާ މީހުން އަމަލު ކުރާނެ ގޮތުގެ ޕްލޭނެއް ލިޔެ ފެންނަން އޮންނަން ޖެހެ އެވެ.
ހުޅުވޭނީ ފަތިހު 5 އިން ރޭގަނޑު 10 އަކަށް!
ރެސްޓޯރެންޓް/ ކެފޭ އަދި ހޮޓާތަކަށް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް މިހާރު ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 ން ރޭގަނޑު 10 އާ ހަމައަަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަަވެސް ބަންދު ކުރިނަމަވެސް ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11 ޖަހަންދެން ތިބެވޭނެ އެވެ. މި ތަންތަން ހުޅުވާއިރު އިންތިޒާމުކޮށްފައި ހުންނަން ޖެހެނީ ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެ ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ