ތަސްމީން އިންޑިއާގެ ބައެއް އިސް ވެރިންނާ ބައްދަލު ކުރައްވައިފި

އިންޑިއާ ސަރުކާރުގެ ދައުވަތަކަށް، އިންޑިއާ އަށް ކުރައްވާ ދަތުރުގައި ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އިއްޔެ ހެނދުނު އިންޑިއާގެ ފޮރިން ސެކްރެޓްރީ ރަންޖަން މަތާއީ އާއި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ ޝީވްޝަންކަރު މެނަން އާ ބައްދަލުކުރައްވައިފި އެވެ.
ޑީއާރުޕީން ބުނީ ވަކިވަކިން ބޭއްވެވި އެ ބައްދަލުވުމުގައި ޑީއާރްޕީން ސިޔާސީ ކަންކަމާއި އެހެން ކަންކަމުގައި ގެންގުޅޭ ވިސްނުމާއި ސިޔާސަތު ތަސްމީނު ސާފުކޮށްދެއްވި ކަމަށެވެ.
އަދި ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެ ޕާޓީން ބުނެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް މި މަހުގެ 1- 4 އަށް ތަސްމީނު ކުރައްވާ ދަތުރުގައި ބޮޑުވަޒީރާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.
ތަސްމީނުގެ ދަތުރުފުޅުގައި އިންޑިއާގެ ރިސާޗް މަރުކަޒެއްކަމުގައިވާ އޮބްޒާވާސް ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) ގައި ތަގްރީރު ކުރައްވާނެ ކަމަށް މީގެކުރިން ޑީއާރުޕީން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިއާގެ މީޑިއާއާ ވެސް ތަސްމީން ބައްދަލުކުރައްވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ