އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުގައި މޮނީޓަރުންނާއި އޮބްޒާވަރުންނަށް އެކަށީގެންވާ ގޮތަށް މަސައްކަތްކުރޭނެ ނިޒާމްތައް ގާއިމް ކުރުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވައިލައިފި އެވެ.
"[އިންތިހާބުގެ]މިކަންތައްތަކުގައި އަޅުގަނޑުމެންގެ އޮބަޒާވަރުންގެ ގޮތުގައި ތިބޭ މީހުންނާއި މޮނިޓަރުންގެ ގޮތުގައި ތިބޭ މީހުން ވަރަށް ދުރުގައި ދިހަ ވަރަކަށް ފޫޓް ނޫނީ ފަނަރަ ވަރަކަށް ފޫޓް ދުރުގައި ބެހެއްޓުމުން އެ މީހުންނަށް މިހަދާ ނަހަދާ އެއްޗެއް ނޭނގޭނެ،" ގާސިމް ވިދާޅުވި އެވެ.
މ.ކުނޫޒްގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ހާމަކަންމަތީ ދެފުށް ފެންނަ ގޮތަށް އެއްވެސް އޮޅުވާލުމެއް ނެތި ބޭއްވުމަށް މޮނީޓަރުންނާއި އޮބްޒާވަރުންގެ މަސައްކަތަށް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވަނީ ވަކިކޮޅަކަށް ނުޖެހި ހާމަކަންމަތީ އިންތިހާބުގެ ނަތީޖާ ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މޮނީޓަރުންނާއި އޮބްޒާވަރުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެފަދައިން މަސައްކަތް ކުރުމުން އެއްވެސް މީހަކަށް ގެއްލުން ނުވާނެ ކަމަށާއި އެހެން ނަމަވެސް އެފަދައިން ކަންތައް ނުކޮށްފިނަމަ ގައުމުގައި އިތުރު މައްސަލަތަކަކާއި ހަމަނުޖެހުންތަކެއް އުފެދިގެންދާނެ ކަމަށް ބުނެފައިވެ އެވެ.
"ހާމަކަންބޮޑުކޮށް އެކަން ކުރުމުން އެބޭފުޅުންނަކަށް އެއްވެސް ގެއްލުމެއް ނުވާނެ. އެހެން ނުވެއްޖެނަމަ އަނެއްކާވެސް އިތުރު މައްސަލަތަކެއް ނިކުމެ އިތުރު ހިތްހަމަނުޖެހުންތަކެއް އުފެދިގެންދާނެ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅޫވި އެވެ.
ހަމައެއާއެކު ސުޕްރީމް ކޯޓުގެ ނިންމުމާއި އެއްގޮތްވާ ގޮތުގެ މަތިން ބާއްވާ ދެފުއް ފެންނަ އިންސާފުވެރި އިންތިހާބެއް އެޕާޓީ އިން ގާބޫލް ކުރާނެ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އިންތިހާބުގައި ހަރަކާތްތެރިވާ އޮބްޒާވަރުންނާއި މޮނިޓަރުންނަށް އެކަށީގެންވާ ނިޒާމްތައް ގާއިމް ކުރެވެން ޖެހޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ