އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އެކީ މަސައްކަތް ނުކުރާ ގޮތަށް ދުވަހަކު ވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ނިންމަވާފައިނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދެވަނަ ބުރަށް ވަޑައިގަންނަވާއިރު އެމްޑީޕީއާ އެކީ މަސައްކަތް ކުރުމަށް އެމަނިކުފާނު ގާސިމް އަރިހު ކުރިން އެދިވަޑައިގެންފައިވާނެ ކަމަށެވެ.
އެގޮތަށް އެދިވަޑައިގަތުމުން ދުވަހަކުވެސް ސިޔާސީ ކަމެއްގައި ވެސް އަދި އެނޫންކަމެއްގައި ވެސް އެމްޑީޕީއާ އެކު މަސައްކަތް ނުކުރާ ގޮތަކަށް ނިންމަވާފައިނުވާނެ ކަމަށް ގާސިމް ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގާސިމް އިބްރާހީމް އަރިހުން އަޅުގަނޑު އެދުނިން ދެވަނަ ބުރަކަށް ވަޑައިގަންނަވާއިރު އަޅުގަނޑު ވަރަށް ބޮޑަށް އެދެމޭ ގާސިމްގެ މަދަދު އަޅުގަނޑުމެންނަށް ލިބުމަށް. ގާސިމް ވިދާޅުވީ މީގެ ކުރީގަ ވެސް ސިޔާސީ ކަމެއްގަ ވެސް. އަދި އެހެން ކަމެއްގަ ވެސް އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ނުކުރާ ގޮތަކަށް ދުވަހަކު ވެސް ގާސިމް ކަންކަން ނިންމަވާފަ ނެތްކަމަށް،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ނަޝީދު ވަނީ ގާސިމްގެ ގެކޮޅު، މ. މާފަންނުވިލާގައި ގާސިމާ ބައްދަލުކުރައްވާފަ އެވެ.
އެ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ގާސިމްގެ ތަރުޖަމާން އިބްރާހީމް ޚަލީލް ވިދާޅުވެފައި ވަނީ ދެވަނަ ބުރުގައި އެމްޑީޕީއަށް ތާއީދު ކުރެއްވުމަށް ނަޝީދު ހުށަހެޅުއްވި ކަމަށެވެ. އޭގެ ޖަވާބުގައި ސުޕްރީމް ކޯޓުން ހުކުމް އިއްވާ ގޮތެއްގެ މަތިން އެފަދަ މަޝްވަރާތަކެއް ކުރަންޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ނަޝީދު އަރިހު ގާސިމް ދެންނެވި ކަމަށް ވެސް ޚަލީލް ވިދާޅުވެފައިވެ އެވެ.
ޖުމްހޫރީ ގުޅުމަށް އިންތިޚާބުގެ ދެވަނަ ބުރަށް ނުދެވިއްޖެނަމަ އެމްޑީޕީއަށް ތާއީދު ކުރައްވާނެތޯ އިއްޔެ ބޭއްވި ނިވްސް ކޮންފަރެންސްގައި ސަން އިން ދެންނެވުމުން ގާސިމް ވިދާޅުވެފައި ވަނީ ހާލަތު ބަދަލުވާގޮތުން ކޮންމެ ދިމާލަކަށް ވެސް ދާންޖެހިދާނެ ކަމަށެވެ.
އެ މައުޟޫގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވެފައި ވަނީ އެމްޑީޕީއަށް ތާއީދު ކުރެއްވުމަށް އަދި ނިންމާފައި ނުވާކަމަށާއި ދެވަނަ ބުރަށް ނުދެވިއްޖެނަމަ އެމްޑީޕީއަށް ތާއީދުކުރާނީތޯ ނުވަތަ ނޫންތޯ އަދި ޕީޕީއެމަށް ތާއީދު ކުރާނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެފަދަ ހާލަތެއް މެދުވެރިވުމުން ޖުމްހޫރީ ޕާޓީގެ ހިންގާ ކޮމެޓީން ކަމަށެވެ.
އަޅުގަނޑުމެންނާ އެކީ މަސައްކަތް ނުކުރާ ގޮތަށް ދުވަހަކު ވެސް ގާސިމް ނިންމަވާފައެއް ނެތް: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ