ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް އޮތް ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ މާފަންނު ކުނޫޒްގައި މިރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ކަރަންޓުގެ ސަބްސިޑީ ކަނޑާލައި ކާޑުގެ އަގު ބޮޑުކޮށް ރައްޔިތުން ބަނޑަށް ޖައްސާލުމުންވެސް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ރައީސް ޔާމިން ހީފުޅު ކުރެއްވި ނަމަވެސް އެ ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ ކަމަށެވެ.
ގައުމާއި ރައްޔިތުންގެ ތަރައްގީ އާއި އިންސާފަށްޓަކައި ހެޔޮވެރިކަމަކަށް ރައީސް ޔާމިން ވެރިކަމަށް ގެނައުމަށްޓަކައި އެމަނިކުފާނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނުހަނު ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެން ނަމަވެސް މިއަދު އެ މަންޒަރެއް ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރައީސް ޔާމިން ވެރިކަމަށް ގެންނަން އެންމެ ބުރަ މަސައްކަތް ކޮށްދެއްވީ ރައީސް މައުމޫން ކަން މުޅި ދިވެހި އުއްމަތަށް އިނގޭނެ. އެކަމަކު މިއަދު އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާތައް ކުޑައެއް ނޫން." ވެރިކަމަށް ގެނައުމަށް މަސައްކަތްކޮށްދިން ހުރިހާ ލީޑަރުންނަށް މިއަދު އަނިޔާދެމުންދާކަމަށާއި އެހެންކަމުން ދެން މަޑުން ނުތިބޭނެކަމަށް ވިދާޅުވެ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންގެ އަތުން ނިގުޅައިގަނެފައިވާ މިނިވަން ކަމުގެ ބާރާއި ނޫސްވެރިކަމުގެ ބާރާއި އަދި އެނޫންވެސް ހައްގުތައް ހޯދައިދޭން ގުޅިފައިވާ ހުރިހާ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުަރައްވާނެ ކަމަށާއި އެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭނެ ކަމަށެވެ. ގައުމު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރަން އެބަ ޖެހޭ ކަމަށާއި ހުރިހާ ޕާޓީތަކެއް އެއްގަލަކަށް އަރާ ތިބީ އެބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޔާމީނަށް އޮތް ތާއީދު ގާދޫ ކޮލުން ބޭރަށް ހިނގައްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ