ރައްޔިތުން އެންމެ ބޭނުންވަނީ ބަނދަރެއް: ރިނބުދޫ ކައުންސިލް

ދ. ރިނބުދޫ ރައްޔިތުން އެންމެ ބޭނުންވަނީ އެރަށުގައި ބަނދަރެއް ހެދުމަށް ކަމަށް ރިނބުދޫ ކައުންސިލުން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ރިނބުދޫ ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވިދާޅުވީ ރިނބުދޫ އަކީ އެއްވެސް ދުވަސްވަރަކު ސަރުކާރުން ބަނދަރެއް ހަދައިދީފައި ނުވާ ރަށެއް ކަމަށެވެ. އެހެންކަމުން ރިނބުދޫ ރައްޔިތުން މިއަދު އެންމެ ބޭނުންވަނީ އެރަށުގައި ޒަމަނީ ފެންވަރުގެ ބަނދަރެއް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ހާތިމް ވިދާޅުވީ އެރަށުގައި މިހާރު ބަނދަރެއް ގޮތަށް ބޭނުން ކުރަނީ ރައްޔިތުން އަމިއްލައަށް ފަޅުފުންކޮށްލައިގެން ތޮށިގަނޑެއް ލާފައިވާ ތަނެއް ކަމަށެވެ. އެހެންކަމުން އެތަން ބޭނުންކުރުމުގައި ރިނބުދޫ ރައްޔިތުންނަށްވެސް އަދި އެތަން ބޭނުން ކުރާ އެހެން ރަށްރަށުގެ އުޅަނދުތަކަށާއި ރައްޔިތުންނަށްވެސް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ހާތިމް ވިދާޅުވީ އެރަށުގެ ކައިރީގައި ގިނަ ރިސޯޓްތަކެއް ހަދަމުންދާތީއާއި ބައެއް ރިސޯޓްތަކުން ހިދުމަތް ދެމުންދާތީ އެތަންތަނުގެ އުޅަނދުތަކާއި މުވައްޒަފުން ވެސް ރިނބުދޫ އަށްދާ ކަމަށެވެ. އަދި އެހެން ރަށްރަށުން ބައެއް މަސް ދޯނިތަކާއި މުދާ އުފުލާ ބޯޓުތައް ގިނަ އަދަދަަކަށް އެރަށަށް ދާތީ މިހާރުން މިހާރަށްވެސް ރިނބުދޫ އަށް ބަނދަރެއް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ