އިސްރާއީލު ސިފައިން ހިންގި އުދުވާނެއްގައި ފަލަސްތީނު ހަތްމީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާއަށް އަރައިގަނެ ދިން އުދުވާނީ ހަމަލާއެއްގައި ފަލަސްތީނުގެ ހަތްމީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލު ސިފައިން ޣައްޒާގެ ތެރެއަށް ވަދެގަތީ، ހަމާސްގެ ކޮމާންޑަރެއް އަތުލައިގަތުމަށް ކަމަށް ވެއެވެ.
ޣައްޒާގެ ޚާން ޔޫނިސް އަވަށަށް ވަދެފައިވަނީ އާންމު ވެހިކަލެއްގައި ކަމަށާއި، ހަމަލާ ދިނުމަށްފަހު އެމީހުން ވެހިކަލްގައި ފިލައިގެން ގޮސްފައިވަނީ އިސްރާއީލުގެ ވައިގެ ސިފައިން ދޭންފެށި ވައިގެ ހަމަލާތަކުގެ ނިވަލުގައި ކަމަށް ހަމާސްއިން ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ޚާން ޔޫނިސްގައި ދިން ހަމަލާގައި ފަލަސްތީނުގެ ހަތްމީހުން ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ހަމާސްގެ އަސްކަރީ ފިޔަ އަލްޣައްސާމް ބްރިގޭޑްގެ ވަރުގަދަ ކޮމާންޑަރެއް ކަމަށްވާ ނޫރު ބަރަކާވެސް ހިމެނެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހަމާސްގެ އިތުރު ކޮމާންޑަރަކުވެސް ހިމެނޭ ކަމަށް ވެއެވެ.
އިސްރާއީލު ސިފައިން އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަނެ މިގޮތަށް ހަމަލާތައް ދިނުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ވެއެވެ. އެހެންކަމުން، މިހަމަލާގެ ސަބަބުން މަސްރަހް އިތުރަށް ނުތަނަވަސްވެ ގޯސްވެގެން ދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އިސްރާއީލު ސިފައިންގެ މިއުދުވާނާ ގުޅިގެން، ޣައްޒާގެ ތެރެއިން އިސްރާއީލަށް ވަނީ ރޮކެޓް ހަމަލާތަކެއްވެސް ދީފައެވެ. އަދި އިސްރާއީލު ސިފައިންނަށް ހަމާސްގެ މުޖާހިދުން ރައްދު ހަމަލާދީ އިސްރާއީލު ސިފައިންގެ އެކަކު މަރާލާފައިވެސް ވެއެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ސިފައިންގެ އެކަކު މަރުވުމުގެ އިތުރުން، އިތުރު އެކަކު ޒަޚަމްވެފައިވާ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.
"ޣައްޒާގެ ތެރެއަށް ވަދެގަނެ ހަމަލާ ދިނުމަށްފަހު އެމީހުން އުޅުނީ ކާރުގައި ފިލައިގެންދާން. އެކަމަކު، ހަމާސްއާއި، އަލްޣައްސާމުން ފަހަތުއަޅުވާލުމުން، އެ ކާރު ސަލާމަތް ކުރުމަށްޓަކައި އިސްރާއީލު ސިފައިން ޣައްޒާގެ ތެރެއަށް ވައިގެ ހަމަލާތައް ދޭންފެށީ" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ޣާޒީ ހަމަދު ވިދާޅުވިއެވެ.
ހަމާސްގެ ތަރުޖަމާނެއް ކަމަށްވާ ފައުޒީ ބަރްހޫމްވަނީ، އިސްރާއީލު ސިފައިންގެ މިއަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމަށް ވިދާޅުވެ، އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން، އިސްރާއީލު ސިފައިންގެ އުދުވާނީ ހަމަލާއާ ގުޅިގެން ޣައްޒާގެ ތެރެއިން އިސްރާއީލުގެ ތެރެއަށް މިއަދު 17 ރޮކެޓް ފޮނުވާލާފައި ވެއެވެ.
މީގެ ތެރެއިން އިސްރާއީލުގެ މިސައިލުން ދިފާއުވާ ނިޒާމަށް ހުރަސްއެޅިފައިވަނީ އެންމެ ދެ ރޮކެޓަށް ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ. އެހެން ނަމަވެސް، އެހެން ރޮކެޓްތައް ވެއްޓުނީ ކޮންތާކަށް ކަމެއް، އޭގެ ސަބަބުން މީހަކަށް ނުވަތަ ތަނަކަށް ކަމެއް ވީކަމެއްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ނުބުނެއެވެ.
އިސްރާއީލު ސިފައިން ޣައްޒާއަށް ވަދެގަނެ ކުއްލި އޮޕަރޭޝަނެއް ހިންގުމާއި، ސިފައިންގެ މީހަކު މަރުވުމާއި، މަސްރަހް ވަރަށް ބޮޑަށް ނުތަނަވަސްވުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ފަރަންސޭސިވިލާތަށް ކުރަމުންދިޔަ ދަތުރުވެސް މިހާރުވަނީ ކުރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ