ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާތިވާ ކަމަށް ކަނޑައަޅައި ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުކުމް އިއްވާ ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް މިރޭ ހުކުމްކުރީ ގާސިމްއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޣައިރު ހާޒިރުގަ އެވެ.
ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް މިމައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގާސިމް ތަމްސީލް ކުރައްވާ މާމިގިލި ދާއިރާގެ ގޮނޑި ހުސްވެގެން ނުދާނެ އެވެ.
ގާނޫނު އަސާސީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އަތުވެއްޖެ ނަމަ މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. ނަމަވެސް ގޮނޑި ގެއްލުނުކަމާ މެދު ހިޔާލުތަފާތުވުމެއް އުފެދިއްޖެނަމަ ގޮތެއް އެކަމުގެ ގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީގައި ދީފައިވަނީ ސުޕްރީމް ކޯޓަށެވެ.
ގާސިމް އިބްރާހީމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުންނަށް އެ ބޭފުޅުން ނިސްބަތްވާ ޕާޓީން ޓިކެޓް ހަމަޖައްސައިދީ އިތުރު ދައުރަކަށް އިންތިހާބު ކޮށްދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މ. ކުނޫޒްގައި އާންމުކޮށް ހުޅުވާލައިގެން އަދި ޓީވީ ތަކުން ވަގުތުން ދުރަށް ދައްކަމުން ދިޔަ ޖަލްސާއެއްގައި ވިދާޅުވީތީ އެކަމަށް ރިއާޔަތްކޮށް އެކަނި އުފުލި ދައުވާ ސާބިތުކޮށްގެންނެވެ. ގާސިމް އެހެން ވިދާޅުވުމުން ފުލުހުން އެމައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.
ގާސިމަށް މިރޭ ހުކުމް ކުރިއިރު އެމަނިކުފާނު އޮންނެވީ ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. ގާސިމް ބުރާސްފަތި ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކުރީ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތާ ގުޅިގެން ކޯޓުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުން ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެވެ.
ގާސިމް މިއަދު ކޯޓުގައި އިންނަވަނިކޮށް ވެއްޓިފައި މިވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރާއްޖޭގެ ޑޮކްޓަރުން ތަކުރާރުކޮށް ގާސިމަށް އަންގާފައިވަނިކޮށެވެ. ނަމަވެސް އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގަނެވޭނެ ގޮތް ވެފައި ނުވަނީ ސަރުކާރުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެވެ.
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ގާސިމަށް ލަފާ ދެއްވާފައިވާ ޑޮކްޓަރުންގެ ތެރޭގައި މެޑިކާ ހޮސްޕިޓަލާއި، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް އޭޑީކޭއާއި، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ކޯޓުން މިރޭ އިއްވި ހުކުމްގައި ބުނެފައިވަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާ މެދު ކޯޓުން ގޮތެއް ނިންމާފައިވާތީީ އަނެއް ދެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް މިހާރު ނެތް ކަމަށްވެސް ކަނޑައަޅާ ކަމަށެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މީގެ ކުރިން ދައުވާ އުފުލިފަހަރު ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް ހުސްވި މަހުގެ 10 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ ފަހު ބަޔަށް ޕީޖީގެ ވަކީލުން ހާޒިރު ނުވުމުން އެމައްސަލަ އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކޯޓުން މައްސަލަ ބޭރުކޮށްލާފަ އެވެ. އަދި ހަމަ އެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް އޭރު ހުންނެވި އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ޝަކީލް އެހެން ކޯޓަކަށް ބަދަލުކުރުމަށް ނިންމާފަ އެވެ.
ގާޒީ ބާރީއާއި ޝަކީލް އަކީ ގާސިމްގެ ޝަރީއަތްތައް ކުރިން ހިނގަމުން ދިޔައިރު އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. ގާސިމްގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވަނީ އަދި މިރޭ ގާސިމްގެ މައްޗަށް ހުކުމްކުރެއްވީ ކުރިން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ހިމެނިވަޑައިގެންނެވި އަދި ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އާދަމް އާރިފް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ