ހޯމް މިނިސްޓަރު އަޒްލީން، ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފި

ރަައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެެއްގެ ގޮތުގައި ހޯމް މިނިސްޓަރު އަހްމަދު އަޒްލީން މިރޭ އައިޖީއެމްއެޗަށް ވަޑައިގެން އެތަނުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފި އެވެ.
މިއީ ގާސިމްގެ ހިތުގެ އާލާސްކަންފުޅެއްގައި މިވަގުތު އައިޖީއެމްއެޗްގައި އަދި މީގެ ކުރިން އޭޑީކޭއާއި މެޑިކާގައި އެޑްމިޓް ކުރި ފަހުން ސަރުކާރުގެ އިސްވެރިޔަކު ގާސިމްގެ އަރިހަށް ޒިޔާރާތްކުރި ފުރަތަމަ ފަހެރެވެ.
ހޯމް މިނިސްޓަރު މިރޭ އައިޖީއެމްއެޗަށް ވަޑައިގެންނެވިއިރު އަަރިހުގައި ކުރީގެ ވަޒީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވެސް ހުންނެވި އެވެ.
މި ދެ ބޭފުޅުން ކުއްލި ގޮތަކަށް މިރޭ ހޮސްޕިޓަލަށް ވަޑައިގެން ގާސިމާ ބައްދަލުކުރެއްވި ސަބަބެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ބުނީ އެއީ ބަލި މީހަކަށް ޒިޔާރަތްކޮށްލުމުގެ ގޮތުން އެބޭފުޅުން ކުރެއްވި ޒިޔާރަތެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ވަޑައިގެން ކްރިމިނަލް ކޯޓުގައި އިންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ބޮލަށް އެނބުރުން އަރައި ކޯޓް ތެރެއަށް ވެއްޓުމުންނެވެ.
ގާސިމްގެ މައްޗަށް ބުރާސްފަތި ދުވަހުގެ ރޭ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ހުކުމްކުރީ އެމަނިކުފާނު ހޮސްޕިޓަލްގައި އޮންނަވަނިކޮށް ޣައިރު ހާޒިރުގަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި އެމަނިކުފާނުގެ މައްޗަށް ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް އެމަނިކުފާނަށް ބޭނުންވާ ސިއްހީ ފަރުވާ ހޯއްްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ގާސިމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭ ގޮތް ހަމަޖެހިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ