މާލީ ބަދަލުގެ ބުރަ ދައުލަތުން އުފުލަން ޖެހޭތީ މަޖިލިހަށް ގަރާރެއް

ބޭރުގެ އެކި ފަރާތްތަކާއި ރާއްޖޭގެ އަމިއްލަ ކުންފުނިތަކާ އެކު ހަދާ އެއްބަސްވުންތަކުގެ މައްސަލަތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދައުލަތުން ބަދަލުދޭން ޖެހޭ އުސޫލުތައް މުރާޖައާކޮށް ދައުލަތަށް ބުރަ ނުވާނެ އުސޫލެއް ގާއިމުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގަރާރުގައި ވަނީ ދައުލަތުގެ ނަމުގައި އެކި ފަރާތްތަކާ އެކު އެކުލަވާލާ އެއްބަސްވުންތައް ތަންފީޒު ކުރުމުގައި އެކި ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އެއްބަސްވުންތައް ބާތިލުވާ ހާލަތްތަކުގައި ގެއްލުންވާ ފަރާތްތަކަށް ބަދަލު ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައި ނެތް ކަމަށެވެ.
މިދިޔަ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ސިޔާސީ ސަބަބުތަކަށާއި ބޭއިންސާފުން ނިމުމަކަށް ގެނައުމުގެ ސަބަބުންނާއި އެކި ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ލަސްކުރުމުގެ ސަބަބުން ގިނަ ވިޔަފާރިތަކަކަށް އެކަމުގެ ގެއްލުން ތަހަންމަލު ކުރަން ޖެހި، ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.
އެކަމުގެ ސަބަބަކަށް މެދުވެރިވީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއާ ހިލާފަށް ނުރަނގަޅު ނިޔަތް އިސްކޮށް ނިންމި ބޭއިންސާފު ނިންމުންތަކުން ކަމަށް ވެސް ގަރާރުގައިވެ އެވެ.
ދައުލަތުގެ މި އަމަލުތަކުގެ ސަބަބުން ގެއްލުން ތަހަންމަލުކުރަން ޖެހުނު ފަރާތްތަކަށް އެކަމުގެ ބަދަލު ލިބި ދިނުމަކީ ދައުލަތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ގަރާރުގައިވެ އެވެ. މިދިޔަ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގެއްލުންވި ފަރާތްތަކަށް ބަދަލު ދިނުމުގެ ޒިންމާ މި ސަރުކާރަށް އުފުލަން ޖެހުމަކީ ދައުލަތުގެ ބަޖެޓަށް އެކަމުގެ އަސަރުކުރާނެ ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް ކަމަށް ގަރާރުގައިވެ އެވެ.
އެއްބަސްވުންތައް ބާތިލުކުރަން ޖެހޭ ހާލަތްތަކުގައި ދައުލަތުގެ ފަރާތުން ބޮޑު އަދަދުތަކުން ބަދަލު ދޭން ޖެހިފައިވާތީ، އެ އެއްބަސްވުންތަކުގެ އުސޫލުތަކުގެ ސަބަބުންނާއި އެއްބަސްވުންތައް ބާތިލުކުރުމުން ބަދަލު ދޭން ޖެހިއްޖެ ނަމަ، އަމަލުކުރަން ޖެހޭ އުސޫލުތައް ހަރުދަނާ ކުރަން ކަންތައްތަކެއް ފާހަގަކޮށްފައިވެ އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ބުނީ ސަރުކާރުގެ އެންމެހާ ވުޒާރާތަކަށާއި ދައުލަތުގެ އެންމެހާ ކުންފުނިތަކާއި މުއައްސަސާތަކަކުން އެކި ފަރާތްތަކާ އެކު ވެވޭ އެއްބަސްވުންތަކުގައި ދައުލަތުން އެކި ފަރާތްތަކަށް ބަދަލުދޭން ޖެހޭ ހާލަތުގައި ބަދަލުގެ ގޮތުގައި ދޭނެ އެންމެ މަތީ މިންވަރު ގާނޫނަކުން ކަނޑައެޅުމަށެވެ.
ދެ ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރީ އެފަދަ އެއްބަސްވުންތަކުގެ ސަބަބުން ބަދަލު ދޭން ޖެހިއްޖެ ނަމަ، އެކަމުގަައި ޒިންމާވާން ޖެހޭ ދައުލަތުގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންގެ މައްޗަށް ދައުވާކޮށް، ދައުލަތުން ހަރަދު ކުރަން ޖެހުނު ޒިންމާއަށް އެ މުވައްޒަފުން ޒިންމާ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރީ ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ބަދަލުގެ ގޮތުގައި ދައުލަތުން ހަރަދު ކުރަން ޖެހިދާނެ ކަމަށް ލަފާ ކުރެވޭ ފައިސާގެ ތަފްސީލް ބަލައި އެ މައުލޫމާތު މަޖިލިހަށް ހުށަހެޅުމަށް ގަރާރުގައި ގޮވާލާފައިވެ އެވެ.
ކުރީ ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ފައިސާގެ ބޮޑެތި އަދަދުތަކުން ދީފައިވާ ބައެއް ބަދަލުތަކާ މެދު އާންމުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ