ހަތަރު އަހަރު ކުރިން ގެއްލުނު ކުއްޖަކު ހޯދާ 5 މީހުން ހައްޔަރުކޮށްފި

މީގެ ހަތަރު އަހަރު ކުރިން އެމެރިކާގެ ކްލީޓޮން ކައުންޓީ ސަރަހައްދުން ގެއްލުނު 13 އަހަރުގެ ފިރިހެން ކުއްޖަކު ހޯދާ މައްސަލަ އާއި ގުޅުންހުރި ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންނާއި ހަވާލާދީ އެމެރިކާގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުގައި ގެއްލުނު ކުއްޖާ ފެނިފައި ވަނީ އޭނާ ފޮރުވައިގެން އުޅުނު ގޭގެ ތެރޭގައި ހުރި ތަނެއްގެ ތެރޭގައި ހުއްޓައެވެ. އެކުއްޖާ ފޮރުވާފައި ހުރި ތަނަކީ ބޭރުން ބަލާއިރު ފާރެއް ހެން ހީވާ ތަނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފައި ނުވިނަމަވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގެއްލުނު ކުއްޖާގެ ބައްޕަ ހިމެނެ އެވެ.
އެކުއްޖާގެ ބައްޕަ އާއި މަންމަ ކުއްޖާ ގެއްލުމުގެ ކުރިން ވަރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ގެއްލިގެން ހޯދަމުންދިއަ ކުއްޖާ ފުލުހުންނަށް ފެނިފައި ވަނީ އެކުއްޖާ ފޮރުވާފައި ހުރި ގޭގައި ހުރި ފޯނަކުން އެކުއްޖާ ފުލުހުންނަށް ގުޅާ މައްސަލަ ރިޕޯޓް ކުރުމުންނެވެ. ފުލުހުންނަށް އެކުއްޖާ ގުޅުމުން ފުލުހުން އެގެއަށް ގޮސް ބެލުމުން ފުރަތަމަ ފުލުހުންނަށް އެކުއްޖާ ނުފެންނަ ކަމަށާއި ނަމަވެސް ފަހުން އަނެއްކާވެސް ރިޕޯޓެއް ލިބިގެން ގޮސް ބެލުމުން ކުއްޖާ ފެނުނު ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަސް މީހުންގެ މައްޗަށް ކުޑަކުއްޖަކު ބަންދުކޮށްގެން ގެންގުޅުމުގެ ދައުވާ އާއި ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ދައުވާ އުފުލާފައި ވާއިރު ކުރިއަށް އޮތް ދެދުވަހެއް ތެރޭ އެމީހުންގެ މައްޗަށް އަދި އިތުރު ދައުވާތަކެއް އުފުލާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ