ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ސާފުނުވާ ބައެއް ކަންކަން ހުރި ކަމަށް ބުނެ އެކަންކަން ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.
މިމައްސަލަ ހައިކޯޓުން ބޭރުކޮށްލާފައިވާ ކަން ޔަގީންކޮށްދިނުން ފިޔަވާ އިތުރު އެއްވެސް މައުލޫމާތެއް ހައިކޯޓުން މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ކުރިއަށް އޮތް ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހައިކޯޓްގައި އިސްތިއުނާފްކުރި މައްސަލަ އަނބުރާ ގެނެސް އަލުން ހުށަހެޅި މައްސަލައެކެވެ.
އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ދަށު ކޯޓުން އެ ކޮމިޝަންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ހުރި ބައެއް ކަންކަމަށް ހައިކޯޓުން ހުކުމެއް ކޮށްދިނުމަށެވެ. ނަމަވެސް އެކަންކަމަކީ ކޮބައިކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
އީސީން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ ހުށަހަޅާފައިވާ މައްސަލައަކީ އިންތިހާބާ ގުޅޭ މައްސަލައަކަށް ނުވާތީއާއި އެމައްސަލަ ބެލުމުގެ އިހްތިޞާސް ހައިކޯޓަށް ލިބިގެން ނުވާތީ ކަމަށް އެނގިފައިވެ އެވެ. ހައިކޯޓަށް ބެލެނީ އިންތިހާބާ ގުޅިގެން އިލެކްޝަނުން ނިންމާ ކަމެއްގައި ހުށަހެޅޭ މައްސަލަތަކާއި ދަށު ކޯޓަކުން ނިންމާ ކަމެއްގެ އިސްތިއުނާފް މައްސަލަތަކެވެ.
އިންތިހާބު ދެމަސް ދުވަހަށް ފަސްކުރަން ސިވިލް ކޯޓުން އިއްވި ހުކުމާއި ގުޅިގެން މަތީ ކޯޓަކުން އިތުރު ހުކުމެއް އަދި އައިސްފައިނުވާއިރު، ސިވިލް ކޯޓުގެ ހުކުމާއި ގުޅިގެން ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން ކޯޓުން ހުކުމްކުރީ ހަމައެކަނި ދެ މަހަށް އިންތިހާބު ފަސްކުރުމަށް ކަމަށްވުމުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އިތުރު ވަގުތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ކޮމިޝަނުން މިގޮތަށް ނިންމިއިރު ކޯޓަށް މައްސަލަ ހުށަހެޅި ޕީޕީއެމްގެ އެއްވެސް ކެންޑިޑޭޓަކު މުއްދަތުގެ ތެރޭގައި އެ ކޮމިޝަނަށް ކެންޑިޑެންސީ ހޯދުމަށް ހުށައަޅާފައެއް ނުވެ އެވެ. މިކަމާއި ގުޅިގެންވެސް ގިނަ ކަންބޮޑުވުންތަކެއް އުފެދި އިތުރު މައްސަލަތަކެް ކޯޓަށް ހުށަހަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ހުކުމްކުރީ އިލެކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިހާބު ބާއްވަން އިއުލާންކޮށްފައި އޮތް ތާރީހު ކަމުގައިވާ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ދެ މަސް ފަހުން ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކޯޓުން އެގޮތަށް ހުކުމްކުރި ނަމަވެސް އިންތިހާބު ކުރިއަށް ގެންދިއުމަށް ބައެއް ތައްޔާރީތައްވެފަ އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އިއުލާންކޮށް ކެންޕޭން ކުރުމަށް ވަކި މުއްދަތެއް ދޭންވާނެ ކަމަށް ގާނޫނުގައި ބުނާތީ ކުރިއަށް އޮތް ދުވަސްތަކުގައި ހައިކޯޓުން ދަށު ކޯޓްގެ ހުކުމް ބާތިލްކުރިނަމަވެސް ޖެނުއަރީ 14 ވަނަ ދުވަހު އިންތިހާބު ނުބޭއްވޭނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
އެހެންކަމުން ވީހާވެސް އަވަހަށް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް އިއުލާންކުރުމަށް ސިޔާސީ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ. ނަމަވެސް އެ ކޮމިޝަނުން އިއްޔެ ބުނެފައިވަނީ އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ ގާނޫނީ ގޮތުން އުފެދިފައިވާ މައްސަލަތަކަށް ހައްލު ލިބުމުން ކަމަށެވެ.
އިންތިހާބު ފަސްކުރަން ސިވިލް ކޯޓުން އިއްވި ހުކުމްގައިވާ ކަންކަން ސާފުކުރަން އިލެކްޝަނުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ