ޗައިނާގައި ވެއްޓުނު މަތިންދާބޯޓުގެ އިންޖީނުން ގަސްތުގައި ތެޔޮ ކަނޑައިލިކަން ހާމަވެއްޖެ

އެމެރިކާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ)އިން އާންމުކުރި އައު މަޢުލޫމާތުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު ޗައިނާގައި ވެއްޓުނު ޗައިނާ އީސްޓަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓެން މެދުވެރިވީ ގަސްތުގައި އިންޖީނުތަކަށް ތެޔޮ ފޯރުކޮށްދިނުން ކަނޑައިލުމުންނެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 132 މީހުން ވަނީ މަރުވެފައެވެ. ފްރީޑަމް އޮފް އިންފޮމޭޝަން އެކްޓުގެ ދަށުން ދާދި ފަހުން އާންމުކުރި އެންޓީއެސްބީގެ ރިޕޯޓުގައިވާ ގޮތުން، ބޯއިންގް 737 މަރުކާގެ މި މަތިންދާބޯޓު 29،000 ފޫޓު މަތިން އުދުހެމުން ދަނިކޮށް، ދެ އިންޖީނުގެ ފިއުލް ސްވިޗު ވަނީ “ކަޓް-އޮފް”އަށް ބަދަލުކޮށްފައެވެ. އެންޓީއެސްބީން ބުނެފައިވާ ގޮތުގައި، ފިއުލް ސްވިޗުތައް ބަދަލުކުރުމާ އެކު އިންޖީނުތަކުގެ ދުވެލި ވަނީ ދަށްވެފައެވެ. މިއީ ބޯޓު ވެއްޓުނީ ގަސްތުގައި ކުރި ކަމަކުން ކަމަށް ބުނާ ތިއަރީއަށް އިތުރު ބާރެއް ލިބޭ ކަމެކެވެ. މި މަޢުލޫމާތު ހޯދާފައިވަނީ ބޯޓު ވެއްޓުނު ސަރަޙައްދުން ފެނުނު ބްލެކް ބޮކްސް، އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އެންޓީއެސްބީގެ ލެބޯޓަރީއަށް ގެންގޮސް ތަޙުލީލުކުރުމަށް ފަހުގައެވެ. ދެހާސް ބާވީސްވަނަ އަހަރުގެ މާރިޗު މަހު ކުންމިންއިން ގުއަންގްޖޯއަށް ދަތުރުކުރި ފްލައިޓް އެމްޔޫ5735 ވެއްޓުމަކީ ފަހުގެ ތާރީޚެއްގައި ޗައިނާގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ހާދިސާއެވެ. މި ހާދިސާގެ ތަޙުޤީޤު ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (ސީއޭއޭ)އިން ކުރިއަށްގެންދާއިރު، ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އެ އިދާރާއިން އަދިވެސް ފައިނަލް ރިޕޯޓެއް އާންމުކޮށްފައެއް ނުވެއެވެ. މީގެ ކުރިން ބައެއް މީޑިއާތަކުން މިއީ ޕައިލެޓަކު އަމިއްލައަށް މަރުވާންވެގެން ގަސްތުގައި ކުރި ކަމެއް ކަމަށް ތުހުމަތުކުރި ނަމަވެސް، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި, ބޯޓުގެ ކްރޫއިން ތިބީ ފުރިހަމަ ސިއްޙަތެއްގައި ކަމަށާއި އެ މީހުންގެ އަތުގައި ސައްހަ ލައިސަންސް އޮތް ކަމަށް ވެސް ސީއޭއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ