އިނގުރައިދޫއިން 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަނީ
ރ. އިނގުރައިދޫގައި ބުޅާ ގިނަވެ، އެ ކަން ހައްލުކުރުމަށް ޓަކައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާނުކޮށްފިއެވެ. ސަރުކާރުގެ ގެޒެޓުގައި އެރަށުގެ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަަނީ، ކައުންސިލުން ވަނީ މިހާރަކަށް އައިސް އާންމުންނަށް އުނދަގޫވާ ވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާ ކަމަށެވެ. އެހެންވެ ރައްކާތެރި ގޮތުގައި ބުޅާ ހިފައި، އެއްވެސް ކައުންސިލެއްގެ އިހުތިޞާސް ތެރޭގައި ނުހިމެނޭ ރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް ވަނީ ބުނެފައެވެ. އަދި މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށް ކަމަށާއި އެކަމަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ. "ސަން" އާއި ވާހަކަ ދައްކަމުން އިނގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ ބުޅާތައް ހިފުމަށް އިއުލާނުކުރީ ރައްތިތުންނަށް ބުޅަލުގެ އުނދަގޫ ބޮޑުވުމުން ކަމަށެވެ. "އަޅުގަނޑުމެން އިއުލާނުކުރީ ހަމަ ކީކޭ ދަންނަވާނީ އާންމު އުނދަގުލަކަށް ބުޅަލުގެ ކަންތައް ވުމުން. ގޭގެ މައި ދޮރު، ބަދިގޭ ތަންތަނުގެ ދޮރު މިހާރު ހުޅުވާފައި ނުބެހެއްޓޭ. ބުޅާ ވަދެ ކާއެއްޗެހި މައްޗަށް އަރައި، މަގުމަތީގައި ޖޯލިފަތީގައި ތިބޭއިރު ޖޯލިފަތި ދަށުގައި ތިބެނީ. އެހާވަރަށް ބޮޑުވެފައި މިހާރު ބުޅަލުގެ، އެހާ ވެސް ގިނަ ވެއްޖެ ބުޅާ،" ޑަބްލިއުޑީސީގެ މެމްބަރަކު ވިދާޅުވިއެވެ. ބުޅާ ގިނަވެ، މަގުމަތި ބުޅަލުގެ ނަޖިހުން ނުތާހިރުވުމުގެ މައްސަލަ މާލޭގައި ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. އެ ކަަމަށް އޮޅުހިޔާގެ ނަމުގައި ފެސިލިޓީއެއް ހެދި ނަމަވެސް އަދި ގެންދެވުނީ އެންމެ ތިރީހަކަށް ބުޅަލެވެ. އެއާއެކު މާ ބޮޑު ނަތީޖާއެއް އަދި ފެނިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ